ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 13:06
ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރު
ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރު
ރާއްޖެ އެމްވީ
ހާރިސްގެ މަރުގެ މައްސަލަ
ހާރިސްގެ މަރު: ކުށް ސާބިތު ނުވުމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ހާރިސް މަރާލާފައިވަނީ 29 ސެޕްޓެންބަރު 2017 ދުވަހު
ހާރިސް މަރުވިއިރު އަންބަކާއި ދަރިއަކު ދުނިޔޭގައި ތިބި

ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރުއަށް ތޫނުއެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން މަރުވި މައްސަލައިގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ޏ. ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

އެ ދައުވާ ސާބިތުނުވާކަމަށް 29 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލަ 12 ފެބްރުވަރީ 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުގެ މުހިއްމު ދެ ހެކިވެރިއެއްގެ ހެކިބަސް ނެގިފައެއް ނުވެއެވެ. އެގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވަނީ އެ މައްސަލަ ސާބިތުކުރުމަށް ބޭނުންވާ މުހިއްމު ދެ ސިއްރު ހެކިވެރިއަކު ހާޒިރު ކުރުމަށްފަހު ފުރުސަތަކަށް އެދިފައެވެ.

އެހެންނަމަވެސް އެ ހެކިވެރިންގެ ހެކިބަސް ނެގުމަށް މީގެ ކުރިންވެސް ގިނަ ފުރުސަތުތަކެއް ދެވިފައިވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އެހެކިވެރިންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދަވާފައެވެ.

ހާރިސް މަރާލާފައިވަނީ 29 ސެޕްޓެންބަރު 2017 ދުވަހުގެ 21:56 އެހައިކަށްހައިއިރު، ހުޅުމާލެ ހާފްވޭ ހައުސް ކައިރީގައެވެ.

ހާރިސް މަރުވިއިރު އަންބަކާއި ދަރިއަކު ދުނިޔޭގައި ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާރިސްއަކީ ހުޅުމާލޭ ހާފްވޭ ހައުސްގައި މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދަމުންދިޔަ ޒުވާނެކެވެ. ހާރިސްއަށް ވަޅިން ހަމަލާ ދިފައިވަނީ، އާއިލީ ދުވަހަށް ބޭރަށް ދިއުމަށްފަހު އެނބުރި ހާފްވޭ ހައުސްއަށް ދަނިކޮށް، ހާފްވޭ ހައުސް ކައިރިން، ސައިކަލެއްގައި ދިޔަ ދެމީހަކެވެ. 

ހުޅުމާލެއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި، ހާރިސް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް