Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 15:18
ޕޮލިސް ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލަ
ޕޮލިސް ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލަ
ރާއްޖެއެމްވީ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން: އަލިފާން ނިއްވަން ދިޔަ ފަޔަރ ފައިޓަރުގެ ހެކިބަސް ނަގައިފި
ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ވަނަ ދުވަހު
އަލިފާން ނިވާލަން މަސައްކަތް ކުރީ ވާގަނޑު ބޭނުންކޮށްގެން އެ ލޯންޗު ދުރަށް ޖެއްސުމަށްފަހު
ސީންއަށް އެޓެންޑުވިއިރު މުޅި ލޯންޗުގައި އަލިފާން ރޯވެފައި ހުރި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުކުރި ދައުލަތުގެ ހެކިވެރިޔާ އަކީ ބޭރުގެ އިންޓެލިޖެންސް އިދާރާއަކުން ފޯރުކޮށްދީފައިވާ ރިޕޯޓަކާއި ގުޅިގެން ހާޒިރުކުރި ހެކިވެރިއެކެވެ.

އެހެންނަމަވެސް، އެ ރިޕޯޓު ދިފާއަށް ހިއްސާ ކުރެވިފައިނުވާތީ، އެ ހެކިވެރިޔާގެ ހެކިބަސް ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

ގާޒީ ވިދާޅުވީ، އެ ރިޕޯޓަކީ ސިއްރު ރިޕޯޓަކަށްވާތީ، ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ދިފާއުން އެ ރިޕޯޓު ބެލުމުގެ ފުރުސަތު ދެއްވުމަށްފަހު، އެ ހެކިވެރިޔާގެ ހެކިބަހުގެ ބައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި އަޑުއެހުމުގައި އިތުރު ހެކިވެރިއެއްގެ ހެކިބަސް ނެގުމަަށްވެސް ތާވަލުކޮށްފައި އޮތެވެ. އެއީ ލ ކައްދޫ ފަޔަރ ސްޓޭޝަންގައި ފަޔަރމަނެއްގެ ގޮތުގައި ވަޒީފާ އަދާ ކުރެއްވި މުވައްޒަފެއްގެ ޙައިސިއްޔަތުން، ލޯންޗު ރޯވި ސަރަޙައްދަށް އެޓެންޑުވި ފަރާތެކެވެ.

އެ ހެކިވެރިޔާ ކިޔާދިން ގޮތުގައި އޭރު ލޯންޗުގައި ދިގު ވަލެއް އައްސާފައި ހުއްޓެވެ. ލޯންޗުގައި ރޯވެފައިވާ އަލިފާންގަނޑު ނިވާލަން މަސައްކަތް ކުރީ ވާގަނޑު ބޭނުންކޮށްގެން އެ ލޯންޗު ދުރަށް ޖެއްސުމަށްފަހު ކަމަށް އޭނާ ބުނެފައި ވެއެވެ.

Advertisement

ހެކިވެރިޔާ ބުނީ، ބެލެވޭ ގޮތުގައި އެ ވާގަނޑަކީ ލޯންޗު ބޭރުގައި ހުރެގެން އައްސާފައިވާ ވާގަނޑެއް ކަމަށެވެ. އެގޮތުން ލޯންޗުގެ އެތެރޭގައި ހުރެ އެގޮތަށް ވާގަނޑު އައްސަން އުނދަގޫވާނެކަމަށް އޭނާ އަށް ގަބޫލުކުރެވޭ ކަމަށް ބުނެފައި ވެއެވެ.

ވާގަނޑު އެއްސީ ކާކުކަމެއް ނޭނގޭ ކަމަށާއި، ނަމަވެސް އެ ވާގަނޑު ޖަހާފައި އޮތް ގޮތުން ބެލެވެނީ ލޯންޗުގައި ހިފާ ދެމުމަށްފަހު ގެންދިއުމަށް ޖަހާފައިވާ ވާގަނޑެއްގެ ގޮތުގައިކަމަށް އޭނާ ބުންޏެވެ. އަދި އެ ވާގަނޑުގެ އަނެއް ކޮޅު އޮތީ ދޫކޮށްލާފައިކަމަށް އޭނާ ބުންޏެވެ.

ސީންއަށް އެޓެންޑުވިއިރު މުޅި ލޯންޗުގައި އަލިފާން ރޯވެފައި ހުރި ކަމަށާއި، އަލިފާން ހިފާފައި ނެތް ތަނެއް ނެތްކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ކޯލް ލިބިގެން އެތަނަށްދިޔައިރު ފުލުހުންގެ ދެ އޮފިސަރަކުވެސް އުޅުނުކަމަށް އޭނާ ބުންޏެވެ.

އެއަށްފަހު ދެން ހާޒިރުކުރި ހެކިވެރިޔާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޯބައިލް ފޮރެންސިކް އެގްޒެމިނަރ އެކެވެ. އޭނާގެ ހެކިބަސް ނަގާފައިވަނީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެން ޚަބީރެއްގެ ގޮތުގައެވެ.

މި މައްސަލައާ ގުޅިގެން ތަހުލީލުކޮށްފައިވަނީ ސެމްސަންގ ބްރޭންޑުގެ ފޯނެކެވެ. ނަމަވެސް ފޯނުގެ ލޮކްކޯޑެއް ޖަހާފައި ހުރުމާއެކު ފޯނު ތަހުލީލު ކުރެވިފައެއް ނުވެއެވެ. ތަހުލީލު ކޮށްފައިވަނީ އެ ފޯނަށް ލައްވާފައިވާ 2 ސިމްކާޑެކެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް