އެމެރިކާގެ އަސްކަރީ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ "ސްޕައި ބެލޫން" އަކީ އެޤައުމުގެ އަސްކަރީ އޮޕަރޭޝަންގެ ބައެއް ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފިއެވެ.
އެ ބެލޫން އެމެރިކާ އިން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ބެލޫން އެމެރިކާއަށް ވަނީ ކެނެޑާ ސަރައްދުން ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު އެ ބެލޫން އެމެރިކާގެ ސަރަހައްދުން ފެނުމުން އެމެރިކާ އިން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާ އަށް އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެމެރިކާ އިން ވަނީ ފައިޓަރ ޖެޓެއްގައި މިސައިލެއް ފޮނުވައިގެން އެ ބެލޫން ވައްޓާލާފައެވެ.
އެމެރިކާގެ އިންޓެލެޖެންސްގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ބެލޫނަކީ ޗައިނާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަންގެ ބައެއް ކަމަށް އެމެރިކާގެ އިންޓެލިޖެންސްގެ ގިނަ އޮފިޝަލުން އިއްތިފާގުވެއެވެ. އެ ބެލޫންގެ ސައިޒަށް ބަލާއިރު އެކަން ހާމަވާ ކަމަށާއި ޗައިނާ އިން މިފަދަ ގޮތަކަށް 5 ބައްރެއްގައި ހިމެނޭ ގައުމުތަކުގައި މިފަދަ މިޝަންތައް ހިންގާފައިވާ ކަމަށް ވެސް އެމެރިކާގެ އިންޓެލިޖެންސް އިން ބުނެއެވެ.
އެމެރިކާ އިން މިފަދަ ތުހުމަތުތަކެއް ކުރަމުން ދާއިރު ޗައިނާގެ ޖާސޫސީ ބެލޫނެއް އެމެރިކާގެ ސަރަހައްދަށް ގޮސްފައިވަނީ އޮޅުމަކުން ކަމަށް ޗައިނާއިން ބުނެއެވެ. ޗައިނާ އިން ބުނާގޮތުން އެ އެއަރޝިޕަކީ މަދަނީ ބޭނުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި، އެއީ ޖައްވީ ދިރާސާތައް ކުރަން ބޭނުންކުރާ އެއްޗެއް ކަމަށެވެ. އަދި އެ ބެލޫން އެމެރިކާއަށް ދިޔައީ ޝެޑިއުލްކޮށްފައިވާ ރޫޓު އެކުލަވާލާފައިވާގޮތަށް ނޫން ކަމަށްވެސް އެ ގައުމުން ބުނެއެވެ. ޗައިނާއިން އަބަދުވެސް ސަރަހައްދީ އިމަށް އިހުތިރާމް ކުރާކަަމަށާއި އެފަދަ ގާނޫނުތަކަށް ތަބާވާނެ ކަމަށް ވެސް އެ ގައުމުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާ އާއި ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ޗައިނާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ވަނީ ފަސްކުރައްވާފައެވެ.