ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 17:36
ބ. ކެޔޮދޫގައި ވެލާ ހިފުމަށްފަހު އެ އެއްޗެހި މަރާލާފައި
ބ. ކެޔޮދޫގައި ވެލާ ހިފުމަށްފަހު އެ އެއްޗެހި މަރާލާފައި
ޓްވިޓަރ
ވެލާ ކެއްކި ބަޔަކު ހައްޔަރުކުރުން
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
އެ ގްރޫޕުގައި ހިމެނެނީ އެ ރަށުގެ ފަސް ފިރިހެނުން

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި އުޅުނީ އެ އަތޮޅު ކެންދޫގެ ބައެއްކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ އެކަން ކުރީ ކެންދޫގެ ގްރޫޕަކުން ކަމަށެވެ. އެ ގްރޫޕުގައި ހިމެނެނީ އެ ރަށުގެ ފަސް ފިރިހެނުން ކަމަށްވެސް ވަނީ ބުނެފައެވެ.

އެ މީހުންގެ ބަޔާން ނެގުމަށްގަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ. ފުލުހުން އެ ފަސް މީހުންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލިނަމަވެސް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބ. ކެޔޮދޫގައި ވެލާތަކެއް ހިފައި މެރި ބަޔަކު އަތުލައިގަތީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ބ އަތޮޅު ބަޔޮސްފިއަރ ރިޒަރވްއާ ގުޅިގެންނެވެ.

ބަޔޮސްފިއަރ ރިޒަރވް އޮފީހުން ހާމަކޮށްފައިވާގޮތުގައި ބ. ކެޔޮދޫއަށް ފުލުހުން ދިޔައިރު މަރާލާފައިވާ ވެލާތަކުގެ ތޮށިގަނޑުތައް ހުރީ ސަތަރިގަނޑެއްގެ މަތީގައި އަތުރާފައެވެ. އެތަނުގައި 6 ވެލާގެ ތޮށިގަނޑު އޮތްކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެ ވެލާތައް މަރާލުމަށްފަހު އޭގެ މަހާއި، ބަނޑުގައި ހުންނަ ސަރުބީ ހުރީ ފުޅިމަދު ފޮއްޓަކަށް އަޅާފައި ކަމަށާއި، ބައެއް ސަރުބީތައް ކައްކައިގެން ތެޔޮ ހާނާފައި ހުރި ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި 6 ފޮށިގަޑަކަށް ވެލާ އަޅާފައި ހުރިކަމަށް އެ އޮފީހުން ބުންޏެވެ.

މިއީ ބ އަތޮޅުގައި މިފަދަކަމެއް ކުރަމުން ދަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ވެލާ ކަހަނބަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދު"އާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މީގެ އިތުރުން 2016 ވަނައަހަރު ވެލާ ކަހަނބާއި އޭގެ ބިސްތައް ވަނީ ހިމާޔަތްކޮށްފައެވެ. އެހެންކަމުން ވެލާތައް މަރާލި މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް