ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 2 ޤައުމުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ ކޯޅުންތަކަކީ ބަޔަކު ހީވެސް ނުކުރާ ފަދަ ހަތަރު އަނގޮޅިތަކެއްގައި ކުރިއަށްދާ ކަމަކަށް އޮންނަނީ ވެފައެވެ. މި ފަހަރުގެ ކޯޅުންގަނޑު ފެށުނީ، އެމެރިކާއިން ބުނާ ގޮތުން ނަމަ، ޗައިނާގެ "ޖާސޫސީ" ފުއްޕާހަމެއް، އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރާތީ ފެނުނު ހިސާބުންނެވެ. އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އެއީ އެމެރިކާގެ ސިޔާދަތަށް އަރައިގަތުމުގެ އަމަލެކެވެ.
އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ޗައިނާގެ ފުއްޕާހަން، މޮންޓޭނާ މަތިން ވައްޓާލުމަށްވެސް އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިސްނެވިއެވެ. ނަމަވެސް، ފުއްޕާހަން ހަލާކުވެގެން ފައިބާ ކުނޑިތަކުގެ ސަބަބުން ގެއްލުމެއް ވެދާނެ ކަމަށް ބަލާ، އެކަން އެގޮތަށް ނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އެންމެ ފަހުން ލަފާ އަރުވާފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދާތީ އާންމުންނަށްވެސް ފެނުނު ފުއްޕާހަމަކީ، މަގުން ކަސިޔާރުވެފައިވާ "މަދަނީ ވައިގެ އުޅަނދެއް" ކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ. ނަމަވެސް އެ ފުއްޕާހަން ދަތުރު ކުރަމުންދާ ގޮތާއި ޤާބިލުއްޔަތު ކަން ހުރި ގޮތް ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނާ ވާހަކަތަކަށް ބަލާއިރު، ޗައިނާގެ ވާހަކަތަކަށް ގޮންޖަހައެވެ.
ގޮތް ނޭނގޭ ފުއްޕާހަމެއްގެ މައްސަލަ ފެންމަތިވެފައި މި ވަނީ، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއި ބައިޑަންއާއި ދެމެދު މިދިޔަ ނޮވެމްބަރު މަހު އެއްބަސްވެވަޑައިގެންފައި ވާ ގޮތަށް، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން، ޗައިނާއަށް ދަތުރު ކުރެއްވުމުގެ ވަޤުތު ޖެހިފައި ވަނިކޮށެވެ. ނަމަވެސް ފުއްޕާހަމުގެ މައްސަލާގައި، ބްލިންކަން މިހާރު ވަނީ ޗައިނާ ދަތުރު ފަސް ކުރައްވާފައެވެ. ބޮނބިނަރެއްހާ ހަނި މަގެއްގައި ދަތުރު ކުރަމުންދިޔަ އެމެރިކާއާއި ޗައިނާގެ ހީނަރު ގުޅުމަށް އަނެއްކާވެސް އިތުރު ހުރަހަކާ ކުރިމަތިވީއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ޗައިނާއަށް ދަތުރެއް ކުރެއްވީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
ޗައިނާ ޚާރިޖިއްޔާގެ ޑައިރެކްޓަރ ވޭންގް ޔީއާ މިއަދު ވާހަކަދައްކާ، ބަލައިގަނެވެން ނެތް ޗައިނާގެ ޢަމަލުގެ ސަބަބުން، މި ހަފުތާ ބަންދަށް ހަމަޖެއްސި ދަތުރު ފަސްކުރި ވާހަކަ އަންގާފަ ވާނީ. މި ބައްދަލުވުމަކީ ރައީސް ބައިޑަންއާއި ޝީ، މިދިޔަ ނޮވެމްބަރު އެއްބަސްވެވަޑައިގެންނެވި ބައްދަލުވުމެއް. ބާލީގައި އެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ފޮލޯއަޕް ބައްދަލުވުމެއް މީ. އެކަމަކު އެމެރިކާގެ ވައިގެ ސަރަޙައްދުން، ޗައިނާގެ ސަރވޭލަންސް ފުއްޕާހަމެއް މި ވަނީ ފެނިފަ. އަހަރަމެން މި ދަނީ ވަރަށް ގާތުން އެކަން ބަލަމުން. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާއި، އަހަރަމެންގެ ބައިވެރިންނާވެސް އެ މަޢުލޫމާތު ހިއްސާކޮށްފަ ވާނީ. އަދުގެ ހާލަތު އޮތް ގޮތުން އަހަރަމެން ނިންމީ، މި ވަޤުތު ޗައިނާއަށް ދަތުރެއް ކޮށްގެން، ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވެން ނެތް ކަމަށް.އެންޓޮނީ ބްލިންކަން؛ އެމެރިކާގެ ޚާރިޖީ ވަޒީރު
މި ދަނޑިވަޅަކީ އެމެރިކާއާއެކު ހަމަޖެހޭ ގުޅުމެއް ދެމެހެއްޓުމަށް ޗައިނާއިން ފާރަވެރިވެ އޮތް ދަނޑިވަޅެކެވެ. ސަބަބެއް ކަމަށް ވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އެޤައުމުން ގެންގުޅުނު ޒީރޯކޮވިޑް ސިޔާސަތާއެކު އިނދަޖެހިފައިވާ އިޤްތިޞާދު ނަގަހައްޓާ، ބޭރުގެ އިންވެސްޓަރުންގެ ނަޒަރުން ކަސިޔާރުވެފައިވާ ޗައިނާގެ ބާޒާރުތައް އަލުން ދިރުވުމަށްޓަކާ އެ ގުޅުން އިޔާދަ ވުން މުހިންމުވުމެވެ.
ޑައިރެކްޓަރ ވޭންގް ޔީއަށް ގުޅާ، އެމެރިކާގެ ވައިގެ ސަރަޙައްދުގައި ޗައިނާގެ ސަރވޭލަންސް ފުއްޕާހަން ދަތުރުކުރަމުންދާ ދިއުމަކީ އެމެރިކާގެ ސިޔާދަތަށް ކަނޑައެޅިގެން ގެއްލުންދޭ ކަމެއް ކަމުގައި ވާނީ ދަންނަވާފަ. ޗައިނާ ދަތުރަށް ވަޤުތު ކުޑަންތަންވެފައި ވަނިކޮށް، އެ ޤައުމުން މިކަހަލަ ކަމެއް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. މުހިންމު މަޝްވަރާތަކަކަށް އެޅުނު ހިޔަންޏެއް. ޗައިނާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް ކުރިއަށް ގެންދާނެ ކަމާ، ހާލަތު ތަން ދިނުމުން ޗައިނާއަށް ދަތުރު ކުރާނެކަންވެސް ޑައިރެކްޓަރ ވޭންގް ޔީއަށް ދަންނަވާފަ ވާނީ. މިހާރު މި ދިމާވެގެން އުޅޭ ހާދިޘާއާ ބެހޭ ގޮތުން މަޝްވާ ކުރަން އެމެރިކާ ތައްޔާރަށް އޮތްކަންވެސް އަންގާފަ ވާނީ ޗައިނާއަށް. ދެމިގެންދާ މަޝްވަރާތަކަށް ބޭނުންވަނީވެސް މިފަދަ ސަބަބުތަކާ ހެދި. މުޢަޞަލާތީ ދޮރުތައް ހުޅުވިފައި އޮތުން މުހިންމު ވަނީވެސް މިކަހަލަ މައްސަލަތަކަށް ހައްލު ބޭނުންވާތީ.އެންޓޮނީ ބްލިންކަން؛ އެމެރިކާގެ ޚާރިޖީ ވަޒީރު
ފާއިތުވެދިޔަ މަސްތަކަށް ބަލާއިރު ޝީ ވަނީ، ދުނިޔޭގެ ފެންވަރުގެ އެކި ލީޑަރުންނާ ބައްދަލު ކުރައްވާ، ޗައިނާއާ އެ ޤައުމުތަކުގެ ގުޅުން ބަދަހި ކުރައްވަން ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރައްވާތީ ވަނީ ފެނިފައެވެ.
ކަން މިހެން އޮތް އިރު، ޗައިނާ ސަރަޙައްދުގައި އެމެރިކާއިންވެސް ސަރވޭލަންސް ހަރަކާތްތައް ކުރިއަށް ގެންދާ ކަމުގެ ޝަކުވާ، ޗައިނާއިންވެސް އުފުލައެވެ. އެގޮތުން ޗައިނާއިން އަސްކަރީ ތަމްރީނުތައް ކުރިއަށް ސަރަޙައްދުތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާ ކަމަށް ޗައިނާއިން ބުނެއެވެ.