އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރުމާ ގުޅޭ އަޑުއެހުމެއް ބާއްވައިފިއެވެ.
މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން އެކަން ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައެޅީއެވެ.
އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށްދިޔަ މި އަޑުއެހުމަކީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.
މި އަޑުއެހުމުގައި އޭނާ ބުނީ، އޭނާގެ ދިފާއީ ވަކީލުވެސް ތަރުޖަމާނުވެސް އޭނާ ގާތުގައި ކުށަށް އިއުތިރާފުވުމަށް ލަފާ ދީފައިވާ ކަމަށެވެ. އެގޮތުން އޭނާ އެއްބަސްވުމުން، ޑީޕޯޓު ކޮށްދޭނެކަމަށް އޭނާގެ ވަކީލާއި ތަރުޖަމާނު ބުނެފައިވާކަމަށް ޝާ އަލޮމް ބުނެއެވެ.
އޭނާ ބުނާ ގޮތުގައި އެއީ އޭނާ ކުރި ކުށެއް ނޫނެވެ. އޭނާ ދައުވާއަށް އިންކާރު ކޮށްފައިވާއިރު، މި އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދެއްވާފައެވެ.
އެހެންނަަމަވެސް ދަށު ކޯޓުގައި އޭނާ ބުނެފައިވަނީ އޭނާ މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށާއި، އެކަން ކުރީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށެވެ.
މަހުމޫދުގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ވާރިސުންގެ ހެކިބަހާއި، ޝާ އަލޮމްގެ އިއުތިރާފަށްފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 27 ފެބްރުއަރީ 2022ގައެވެ.
އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ، ބޮލަށާއި ފަޔަށް ގޯންޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ވަނީ މަހުމޫދު މަރާލިކަމަށް އެއްބަސްވެފައެވެ.
މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށް ވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި މަހުމޫދަށް ހަމަލާ ދިނުމުގައި ތޫނު ހަތިޔާރު ބޭނުން ކޮށްފައިވާއިރު މަހުމޫދުގެ ބައެއް ތަކެތި ޝާ އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.