ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 12:16
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ދައުލަތުގެ ރަސްމީ ރިޒަރވް
2022 ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ބޮޑުތަނުން އިތުރުވެއްޖެ
އަހަރު ނިމުނުއިރު ރަސްމި ރިޒަރވްގައި 827 މިލިއަން އެމެރިކާ ޑޮލަރު ހުރި
ޔޫޒަބަލް ރިޒަރވް އެންމެ ދަށް ހާލަތަކަށް ވެއްޓުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި
2022 ގެ ނޮވެންބަރު މަހާ އަޅާބަލާއިރު ރަސްމީ ރިޒަރވްއަށްވަނީ 223 މިލިއަން ޑޮލަރު އިތުރުވެފައި

2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް ބޮޑުތަނުން އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަވްގައި ހުރީ 827 މިލިއަން އެމެރިކާ ޑޮލަރެވެ. މިގޮތުން ފާއިތުވީ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ރަސްމީ ރިޒަރވްއަށް 223 މިލިއަން ޑޮލަރު އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވީ ޑިސެންބަރު މަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ބޭރުފައިސާއިން 134 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ ނޮވެންބަރު މަހާ އަޅާބަލާއިރު 71 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިގޮތަށް ބޭރު ފައިސާގެ އާމްދަނީ އިތުރުވެފައިވަނީ ޑިސެންބަރު މަހު ޓީޖީއެސްޓީ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ރިޒޯޓުތައް ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރުމަށް ދައްކާ ފީ ނިސްބަތުން ގިނަ ރިޒޯޓުތަކަކުން އަދާކޮށްފައިވާވުމާއެކު ރިޒޯޓުތަކުގެ ބިމުކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ ނިސްބަތުން އިތުރުވެފައިވާތީކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒަރވް އެންމެ މަތީގައި ހިފެހެއްޓިފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައެވެ. މިގޮތުން 2018 ޑިސެންބަރުން 2022 ޑިސެންބަރުގެ ނިޔަލަށް އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކައެވެ. މިއީ ކުރީ ދައުރުގެ އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ރިޒާރވް ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް 2021 ސެޕްޓެންބަރުގެ ތެރޭގައި ވަނީ އަރާފައެވެ. މިސަރުކާރުގައި ރިޒާވް އެންމެ ދަށަށް ދިޔައިރުވެސް ރިޒާވްގައި 499.63 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. ކުރީ ސަރުކާރުގައި ރިޒާވް އެންމެ ދަށަށް ވެއްޓިގެން ދިޔައިރު ރިޒާވްގައި ހުރީ 343.5 މިލިއަން ޑޮލަރެވެ.

Advertisement

ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްވެސް އެންމެ މައްޗަށް ގޮސްފައިވަނީ މިސަރުކާރުގެ ތެރޭގައިކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ޔޫޒަބަލް ރިޒާވް އަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި އަދާކުރަންހުރި ބޭރުފައިސާގެ ލަޔަބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ ޢަދަދެވެ. މިގޮތުން އެމްއެމްއޭ ގެ ހިސާބުތަކުން ދައްކާގޮތުގައި 2021 ޑިސެންބަރު މަހުގައި ޔޫޒަބަލް ރިޒާވްގައި ހުރީ 419 މިލިއަން ޑޮލަރެވެ. މިއީ ކުރީ ސަރުކާރުގެ އެންމެ މައްޗަށް ޔޫޒަބަލް ރިޒާވް ޖެހުނު އިރު ހުރި ޢަދަދާ އަޅާބަލާއިރު 33 އިންސައްތަ ނުވަތަ 104 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ޔޫޒަބަލް ރިޒަރވް އެންމެ ދަށް ޙާލަތަކަށް ވެއްޓިފައިވަނީ ރައީސް ޔާމީނުގެ ދައުރުގެ ތެރޭގައެވެ. މިގޮތުން މޭ 2017 ގެ ތެރޭގައި ޔޫޒަބަލް ރިޒަރވް 52 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔައެވެ. އެއީ އެވްރެޖް ގޮތެއްގައި އެއް މަސްދުވަހުގެ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރަން ބޭނުންވާ ބޭރުފައިސާގެ އަދަދަށް ވުރެވެސް މަދު އަދަދެކެވެ.

މި ސަރުކާރުން ތަކުރާރުކޮށް ބަޔާންކުރަމުން އަންނަނީ ރައްޔިތުން ކަންބޮޑުވާންޖެހޭ ފަދަ ޙާލަތަކަށް ދައުލަތުގެ ރިޒާވް ވެއްޓިގެން ނުދާކަމަށެވެ. 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅިއިރު 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ލަފާކޮށްފައިއޮތީ 638 މިލިއަން އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް، ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތް އަންދާޒާ ކުރިވަރަށްވުރެ ބާރުމިނެއްގައި ކުރިއެރުމުގެ ނަތީޖާއަކަށްވީ 2022 ވަން އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 827 މިލިއަން ޑޮލަރަށް އިތުރުވުމެވެ.

އަދި ދުނިޔޭގެ އިޤްޠިޞާދަށް ކުރާ ނޭދެވެ އަސަރުތަކުގެ ސަބަބުން، ޚާއްޞަކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ސަރުކާރުން ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ ނިސްބަތުން ބޮޑުތަނުން އިތުރުވެ ރިޒާވްގެ ޙާލަތު ހީނަރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށް ސަރުކާރުން ހާމަކުރެއެވެ. މިގޮތުން 2023 ޖަނަވަރީ 1 އިން ފެށިގެން ޓީޖީއެސްޓީ 12% އިން 16% އަށް އިތުރުކުރުމާއި، ސާކް ފައިނޭންސް ފްރޭމްވަރކްގެ ދަށުން ރިޒަރވް ބޭންކް އެފް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭނުންޖެހިއްޖެ ޙާލަތެއްގައި އެކްސެސްވެވޭނެ 200 މިލިއަން ޑޮލަރުގެ ސްޓޭންޑްބައި ސްވޮޕް ފެސިލިޓީއެއް ހަމަޖައްސާފައި ހުރުމަކީ ރިޒާވް މެނޭޖްކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް