ފައިސާ ޗާޕުކުރުމަކީ ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް ފަށާ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން ބުނެފިއެވެ.
އެ ޕާޓީ އިން ފަދައިން ބުނެފައި ވަނީ ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުން ކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ގޮވާލާ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕު ކޮށްގެން ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ހޯދަން ގޮތެއް ނިންމަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެެހެންކަމަށް ވާއިރު، މިއީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރާލުން ކަމަށް އެމްޑީޕީ އިން ސިފަކޮށްފައިވެއެވެ. ހަމައެހެންމެ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ އެ މަސައްކަތް ކުރާ ކަމަށް އެމްޑީޕީ އިން ވަނީ ފާހަގަކޮށްފައެވެ.
ފައިސާ ޗާޕު ނުކުރުމަކީ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެމްޑީޕީން ވަނީ ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް އަމިއްލަފުޅަށް ވިދާޅުވިކަން ހަނދާންކޮށްދީފައެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވީ އެ ކަންކަން ނުކޮށް ފައިސާ ހޯދަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެކަމަށް ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ބުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާޤާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދިފައިވާ ކަމަށެވެ. އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެ، ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުނީމަ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19 ގެ ހާލަތުގައި ހަރަދުތައް ހަމަޖައްސަން ޖެހުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެޑްވާންސްކޮށް ފައިސާ ނަގައިގެން ކަމަށާއި އެއީ، ޤާނޫނުގައި ބަޔާންކޮށްފައިވާ، ޤުދުރަތީ ކާރިސާއެއް މެދުވެރިވުން އަދި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންނަމަވެސް، މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނީ މިއީ މީގެ ދެމަސްދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކުރި މަނިޓަރީ ޕޮލިސީއާވެސް ކަނޑައެޅިގެން ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، މިއީ ހަރުދަނާ ސިޔާސަތެއް އަދި އެއްވެސް ފަރުވާލެއްނެތި ކުރާ ކަމެއްކަން އެނގޭ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.
"ޤުދުރަތީ ކާރިސާއެއް ނުވަތަ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް މެދުވެރިވުން ފަދަ ހާއްސަ ހާލަތެއް ކުރިމަތި ނުވަނީސް، 2.5 ބިލިއަން ރުފިޔާ ޗާޕުކޮށް، ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އިން އެޑްވާންސްކޮށް ނެގުމަށް ދަނީ ތައްޔާރުވަމުން. މި މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ޤާނޫނީ ގޮތުން ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތް ކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ޣައިރު ޤާނޫނީ ޢަމަލެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން، ސަރުކާރުގެ މި ފަދަ ޣައިރު ޤާނޫނީ ކަންކަމުގައި ބައިވެރިވުމާއި އެފަދަ ކަމަކަށް އެއްބާރުލުން ދިނުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށް ވާނެ ކަަމަށް އެމްޑީޕީން ބުނެއެވެ. އަދި ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް ސަރުކާރަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.