ކ. މާލެ
|
26 ޑިސެންބަރ 2022 | ހޯމަ 19:01
ކަސްޓަމްސް ބިލްޑިންގ
ކަސްޓަމްސް ބިލްޑިންގ
ޔޫސުފް ސޮފްވާން ރަޝީދު
ކަސްޓަމްސްގެ ޚިދުމަތްތައް
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭއީއޯ) ނިޒާމް ތައާރަފްކުރަނީ
އޭއީއޯ ނިޒާމަކީ ދުނިޔޭގެ ކަސްޓަމްސް ނިޒާމްތަކުގައި ބަލައިގަންނަ، އިތުބާރުހުރި ނިޒާމެއް
މި ނިޒާމާއެކު، ކަސްޓަމްސްގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ، އެ އުސޫލުތައް ގަބޫލުކުރާ ފަރާތްތަކަށް ހަމަޖެހޭ އިންޒާމްތައް ލުއިފަސޭހަވެގެންދާނެ

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އޮތަރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭއީއޯ) ނިޒާމް ތައާރަފްކުރެވޭނެ ކަމަށް ބެލެވޭކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަލީ ޒުބައިރު ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓް މުދާތަކުގެ ތަފާސްހިސާބު ބެލެހެއްޓުމަށްވުރެ މިހާރު ކަސްޓަމްސްގެ މަސައްކަތް ފުޅާވެފައިވާކަމަށެވެ. މަނީ ލޯންޑަރކުރުމާއި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ކަސްޓަމްސްގެ ޒިންމާ ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ ރިސްކް އެނަލިސިސްގެ އެހީގައި، މިހާރަށްވުރެ ފަސޭހަ އިންތިޒާމްތަކެއް ހޯދައިދިނުމަކީ ކަސްޓަމްސްގެ އަމާޒުކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރު ތައާރަފްކުރަން މަސައްކަތްކުރާ އޭއީއޯ ނިޒާމަކީ ދުނިޔޭގެ ކަސްޓަމްސް ނިޒާމްތަކުގައި ބަލައިގަންނަ، އިތުބާރު ހުރި ނިޒާމެއްކަަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ކަސްޓަމްސްގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ، އެ އުސޫލުތައް ގަބޫލުކުރާ ފަރާތްތަކަށް ހަމަޖެހޭ އިންޒާމްތައް ލުއިފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސްއިން ވަނީ ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދޭން އެ އިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ކަސްޓަމްސްއިން ކްލިއަރެންސް މަރުހަލާ އަވަސްކުރުމަށްޓަކައި ކަސްޓަމްސްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، މުދާ ނެރެން ކަސްޓަމްސްއަށް ނުގޮސް އެ މަސައްކަތް ކުރެވޭނެކަަމަށް ކަސްޓަމްސްއިން ބުނެއެވެ. މި އަަހަރު މިހާތަނަށް 48 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރެވިފައިވާކަމަށް، ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި ކަސްޓަމްސްގެ ޒިންމާތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތަފާސްހިސާބުތައް ބެލެހެއްޓުން ހިމެނޭކަމަށާއި، ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި ކަސްޓަމްސްގެ ދައުރު ބޮޑުކަން އެ އިދާރާއިން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް