ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 08:37
އަފްޣާނިސްތާނުގެ އަންހެނުން މުޒާހަރާ ކުރަނީ
އަފްޣާނިސްތާނުގެ އަންހެނުން މުޒާހަރާ ކުރަނީ
އަލްޖަޒީރާ
އަފްޣާނިސްތާނު އަންހެނުންގެ ހާލަތު
އަފްޣާނިސްތާނުގެ އަންހެނުން އެންޖީއޯތަކުގައި މަސައްކަތް ކުރުންވެސް މަނާކޮށްފި
މިއީ އަފްޣާނިސްތާނުގެ އަންހެނުން ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތަކުން އެއްފަރާތް ކުރުމަށް ކުރަމުންދާ ކަމެއްކަމަށް އެމްނެސްޓީ އިން ބުނެފައިވޭ

އަފްޣާނިސްތާނުގެ އަންހެނުން އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާކޮށް ތާލިބާން ސަރުކާރުން ނެރުނު އަމުރު އދން ކުށްވެރިކޮށްފިއެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި މިއީ އަންހެނުންގެ އަސާސީ ހައްގެއް ނިގުޅައިގަތުމެވެ.

ސަރުކާރުން ބުނެފައިވަނީ އަންހެނުން އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާކުރީ އެތަންތާ މަސައްކަތް ކުރާ ފަރާތްތަކުން އަޅަންޖެހޭ ގޮތަށް ބުރުގާ ނާޅާ އުޅޭކަން ފާހަގަކުރެވޭތީ ކަމުގައެވެ.

ނިމުނު ހަފްތާގައި ތާލިބާން ވެރިކަމުގެ ފަރާތުން ވަނީ އަފްޣާނިސްތާން އަންހެނުން ޔުނިވަރސިޓީތަކަށް ކިޔަވަން ދިއުންވެސް މަނާކޮށްފައެވެ. މި އަމުރާއެކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިހާރު ޚަބަރު ލިބޭ ގޮތުގައި މި އަމުރު ތަންފީޒު ކުރޭތޯ ބެލުމަށް ހަތިޔާރު އެޅި ގާޑުން ވަނީ މަގުތައް މައްޗަށް ނެރެފައެވެ.

އަފްޣާނިސްތާނުގައި ވަރަށް ގިނަ ގޭބިސީތަކެއްގައި ޚަރަދުތައް ބަލަހައްޓަމުން އަންނަނީ އަންހެނުން ކުރާ މަސައްކަތުން ލިބޭ އާމްދަނީއިންނެވެ. މީގެ އިތުރުން އިންސާނިއްޔަތަށްޓަކައި ވެދެވޭ އެހީގެ މަސައްކަތުގައި ވެސް ގިނައިން ހަރަކާތްތެރިވަމުން އަންނަނީ އަންހެނުންނެވެ. އަންހެނުން މަސައްކަތުގެ ދާއިރާއަށް ނުކުތުން ބަންދުކޮށްލައިފި ނަމަ އެންޖީއޯތައް ހުއްޓި އެހީގެ ބޮޑުބައެއް ހުއްޓިގެން ދާނެ ކަމަށް ބެލެވެއެވެ. އަދި މިހާރުވެސް ބަނޑުހައިހޫނުކަން އާންމުވެފައިވާ އަފްޣާނިސްތާނުގައި މިމައްސަލަ އިތުރަށް ގޯސްވެގެން ދާނެކަމަށް ވެސް ބެލެވެއެވެ.

ސަރުކާރުގެ ނިންމުމާއެކު އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ގޮފިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި މިއީ އަފްޣާނިސްތާނުގެ އަންހެނުން ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތަކުން އެއްފަރާތް ކުރުމަށް ކުރަމުންދާ ކަމެއްކަމަށް އެމްނެސްޓީ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން އަފްޣާނިސްތާނުގެ ދީނީ އިމާމަކުވެސް ތާލިބާންގެ ނިންމުންތަކަށް ފާޑުވިދާޅުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ތާލިބާނުން ކަންތައް ކުރަމުން ގެންދަނީ ކޮންމެހެން އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ނޫން ކަމަށާއި އިސްލާމް ދީނުގައި ތައުލީމު އުނގެނެން ޖެހޭނީ ހަމައެކަނި ފިރިހެނުން ކަމަށާއި މަސައްކަތް ކުރަން ޖެހޭނީވެސް ހަމައެކަނި ފިރިހެނުން ކަމަށް އަންގަވާފައި ނުވާކަމަށް އިމާމް ވިދާޅުވި ކަމަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް