އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް، އެ ޓީމުގެ ކޯޗު ހަވިއޭ މަޝެރާނޯ ބުނެފި އެވެ.
މިއާމީގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެސީ އަށް އަނިޔާވެފައި ވަނީ، އެންމެ ފަހުން ލީގްސް ކަޕްގައި މިއާމީ އިން ނެކަޒާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މެސީ އަށް އަނިޔާވެފައިވާއިރު، އެ އަނިޔާގެ ސަބަބުން 11 ވަނަ މިނެޓުގައި މެސީ ވަނީ ބަދަލު ކޮށްފަ އެވެ.
މެސީ އަށް ފަލަމަސްގަނޑުގެ އަނިޔާއެއް ލިބިފައިވާއިރު، އެ މެޗަށް ފަހު މިއާމީ އިން ވަނީ މެސީގެ މެޑިކަލްގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ. ބައެއް މީޑިއާ ތަކުގައި އޭރު ބުނެފައިވާ ގޮތުން، އެ އަނިޔާގެ ސަބަބުން މެސީ އަށް ކުޅުމާ ދުރުގައި ދުވަސް ތަކެއް ހޭދަ ކުރަން ޖެހިދާނެ ކަމަަށެވެ.
ލީގްސް ކަޕްގައި މިއާމީ އިން ޕޫމާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވާހަކަ ދައްކަމުން މަޝެރާނޯ ބުނެފައި ވަނީ، މެޗުގެ ކުރިން ވެސް މެސީއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަނިޔާގެ ސަބަބުން މެސީ އެ މެޗުގައި ކުޅެފައި ނުވި ނަމަވެސް، މަޝެރާނޯ ބުނެފައިވާ ގޮތުގައި ވަރަށް އަވަހަށް މެސީ ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.
އިތުރަށް އޭނާ ބުނެފައި ވަނީ މެސީގެ ރިކަވަރީ އަށް ވަކި ޚާއްސަ ޓައިމްލައިނެއް ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ. މެސީ އަކީ ޚާއްސަ ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން މަޝެރާނޯ ބުނެފައި ވަނީ، މެސީގެ ރިކަވަރީގެ ކަންކަން ކުރިއަށް ގެންދާނީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށެވެ.
އޭނާ ބުނެފައި ވަނީ މެސީގެ އަނިޔާއާ ގުޅޭ ގޮތުން ކުލަބުން އާންމު ކޮށްފައިވާ ސްޓޭޓްމަންޓުގައި ވެސް ބުނެފައިވާ ގޮތުން، މެސީގެ އަނިޔާ ސީރިއަސް ނޫން ކަމަަށެވެ. އެހެންކަމުން ދިގު މުއްދަތެއް ވަންދެން މެސީ އަށް ކުޅުމާ ދުރަށް ދާން ނުޖެހޭނެ ކަމަށާއި، ރިކަވަރީ އަށް ފަހު ވަރަށް އަވަހަށް އޭނާ ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ވެސް މަޝެރާނޯ ވަނީ ބުނެފަ އެވެ.
މިއާމީގައި މެސީ މޮޅު ކުޅުމެެއް ދައްކަމުން އަންނައިރު، އޭނާ އަކީ އެ ޓީމުގައި މުހިންމު ކުޅުންތެރިޔެކެވެ. މެސީ ވަނީ މިހާރު ކުރިއަށްދާ ސީޒަންގައި މިއާމީ އަށް ކުޅެދިން 31 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ. މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ މި ސީޒަންގައި މެސީ 18 ލަނޑު ޖަހާފައިވާއިރު، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ ހިމެނެ އެވެ.