ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާ ބައްދަލުކުރާނެ ގައުމެއް ހޮވަން މިރޭ ފްރާންސާއި މޮރޮކޯ ކުޅޭ މެޗު ވަރަށް ގިނަ ގޮތްގޮތުން ފޯރިގަދަވާނެއެވެ. ފްރާންސަކީ އެންމެ ފަހުގެ ދިފާއީ ޗެމްޕިއަނުންނެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕަށް އައިއިރު ސެމީ ފައިނަލާ ހިސާބަށް އަތުވެދާނެ ކަމަށް ކުޑަކޮށް ވެސް ބަޔަކު ހީކުރި ގައުމެއް ނޫނެވެ. އެމީހުން އުއްމީދުކޮށްގެން ތިބީ ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުމަށެވެ. އެކަމަކު މާދިގު ފިޔަވަޅެއް ކުރިއަށް އެޅުމާއެކު މިހާރު މޮރޮކޯ ކުޅުންތެރިން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އަނެއްކޮޅުން ފްރާންސް ޓީމުގައި ބަލި އެންމެ ޑިޕާޓްމަންޓެއްވެސް ނެތެވެ. މިއާ ހިލާފަށް މޮރޮކޯ ސެމީ ފައިނަލަށް އައުމުގެ މައިގަނޑު ސަބަބަކީ އެމީހުންގެ ދިފާއީ ފާރުގެ ވަރުގަދަކަމެވެ.
ފްރާންސްގެ މެދާއި ކުރިއަށް ކުޅޭ ކުޅުންތެރިން ވަނީ އިނގިރޭސިންނާ ދެކޮޅަށް އެމީހުންގެ ގޯލްޖެހުމުގެ ތޫނުފިލިކަމާއި، ނަފްސާނީގޮތުން މެޗަށް ތައްޔާރުވެފައިވާ މިންވަރު ސާބިތުކޮށްދީފައެވެ. ހަގީގަތުގައި ވެސް ފްރާންސް ޓީމުގައި ވެރައިޓީ އެބައޮތެވެ. ފޯވަޑް އޮލީވިއާ ޖީރޫޑަކީ އަބަދު ބޮކްސް ތެރޭގައި ހުންނަން އެނގޭ އެންމެ އިހުޒަމާނުގައި ވެސް ފެނުނު ފަދަ މޮޅު ސެންޓަ ފޯވަޑެކެވެ. އޮސްމާނޭ ޑެމްބެލޭ އާއި ކީލިއަން އެމްބާޕޭ އަކީ ހުނަރާއި ޓްރިކްތައް މޮޅު، ސްޕީޑް އަވަސް، ވަން-އޮން-ވަން ގައި ކޮންމެ މީހަކު ގައިން ވެސް ނައްޓާލާނެ ފަދަ ދެ މީހުންނެވެ. އެންޓޮއިން ގްރީޒްމަން އަކީ އިދިކޮޅު ޓީމުގެ މެދާއި ޑިފެންސްލައިނާ ދޭތެރެ ތޮރުފައި އިދިކޮޅު ޓީމު ހާވިއާ ކޮށްލުމުގައި މި މުބާރާތުގައި ތަފާތު ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. މިއާއެކު ދެން ފާހަގަ ކުރެވެނީ އަރިމަތިން ފަހަތަށް ކުޅޭ ތިއާގޯ ހަނާންޑޭޒް އެޓޭކަށް އަރާ ވަގުތަކީ އިންތިހާ އަށް ނުރައްކާވާ ވަގުތެއްކަމެވެ. މިހެންވެ މޮރޮކޯ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅެން ބޭނުންވާ ހުރިހާ ތަޖުރިބާއެއް ފްރާންސްގައި އެބަހުރިކަމާމެދު ޝައްކެތް ނެތެވެ.
މޮރޮކޯއާ ހިލާފަށް ފްރާންސް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް، ސަސްޕެންޝަނުގަ މައްސަލައެއް ވެސް ނެތެވެ. އެމްބާޕޭ އޭނާގެ ބެސްޓް ފްރެންޑް އަޝްރަފް ހަކީމީއާ ދެކޮޅަށް ނުކުންނަނީ އިތުބާރާއެކު ރަންބޫޓު ކަށަވަރު ކުރުމަށެވެ.
އެކަމަކު ތަޖުރިބާކާރުންގެ ނަޒަރުގައި މެޗު ގޯސްވެދާނެ ހާލަތައް މެދުވެރިވެދާނެއެވެ. އެއީ މި މެޗު ފްރާންސް ފަސޭހަކޮށް ނަގައިފިނަމައެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސުން ޓިއުނީޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަން ފެނިގެންދިޔައެވެ. އަނެއްކޮޅުން އިނގިރޭސި މެޗުގައި ފްރާންސްގެ ފަހަތުން ހާސްކަން ފެނިގެންދިޔަ އެއް ކުޅުންތެރިއަކީ އުޕަމެކާނޯއެވެ. މަތިން ކުޅެން ފަށައިފިނަމަ އޭނާ ކަންބޮޑުވާ ކަންކަން ކުރުމަށް މޮރޮކޯއިން ރާވާނެއެވެ. ފްރާންސް ޓީމުގެ ފަހަތުގެ އެންމެ ބޮޑު އެއް ބަލިފަޔަކީ ކަނާތު ބެކަށް ކުޅެމުން އަންނަ ކޫންޑޭއެވެ. މިއީ ވެސް މޮރޮކޯ ފާރަވެރިވާނެ މަގާމެކެވެ. ހަނާންޑޭޒަކީ ވެސް ކުރިއަރާފައި ފައިބާއިރު ގޯސް ހަދާ ކުޅުންތެރިއެއްކަން އިނގިރޭސި މެޗުގައި އޭނާ ވަނީ ސާބިތުކޮށްދީފައެވެ. މިއީ ވެސް މޮރޮކޯ އޭގެ އެޑްވާންޓޭޖް ނަގަން ބޭނުންވާނެ މިސާލުތަކެެވެ.
އަނެއްކޮޅުން ކިންގްސްލީ ކޯމަން ފިޔަވައި ފުރަތަމަ 11 ގައި ކުޅެވޭނެހާ މޮޅު ކުޅުންތެރިއަކު ފްރާންސްގެ ބެންޗަކު ނެތެވެ. މިއީ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ހަގީގަތުގައި ވެސް ކަންބޮޑުވާ ކަމެކެވެ. މެދުން އެޑްރިއަން ރަބިއޮޓް އަކީ ފްރާންސްގެ ޓީމުގެ އެންމެ މުހިންމު ދައުރު އަދާކުރަމުން އަންނަ ކުޅުންތެރިޔާއެވެ. އޭނާ ނުކުރާ ކަމެއް ނެތެވެ. މެދުތެރެއިން ކުޅުވައިދެމުން އެޓޭކް ކުރަމުން ޑިފެންސް ކުރަމުން ދަނޑުގައި ބާރުބާރަށް ދުވަނީ އިދިކޮޅު ކުޅުންތެރިން ހާވިއާ ކުރަމުންނެވެ. ހަގީގަތުގައި ވެސް ޓީމުގެ ހިތަކީ އޭނާއެވެ. މިހެންވެ އަމްރަބަތު މެންފަދަ ކުޅުންތެރިންނަށް ފްރާންސް އޮބަހައްޓާލެވޭނީ ފުރަތަމަ ކަމަކަށް ރަބިއޮޓް މެދުތެރެއިން ކުޅޭ ކުޅުން ހުއްޓުވާލެވިގެންނެވެ.
ކޯޗު ޑެޝޯމްޕްސް މި މެޗަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ބުނީ މޮރޮކޯ ޓީމު ވަނީ މުޅި ދުނިޔެ އަށް މިސާލެއް ދައްކައިދީފައި ކަމަށާއި، އިދިކޮޅު ޓީމު މާޔޫސްކޮށްލަން އެމީހުން ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެ. މިހެންވެ އޭނާގެ ކުޅުންތެރިން މިރޭ އެންމެ ބޮޑަށް ވިސްނަންޖެހޭނީ މޮރޮކޯ އަށް ލީޑް ލިބުނަ ނުދިނުމަށް ކަމަށާއި އަވަހަށް ގޯލެއް ޖެހުމަކީ ވެސް ނުހަނު މުހިންމު ކަމެއް ކަމަށެވެ. ޑެޝޯމްޕްްސް ބުނީ ވޯލްޑް ކަޕް ފަދަ މުބާރާތެއްގެ ތަށި ދިފާއު ކުރުމަކީ ވަރަށް ދަތި ކަމަކަށްވާއިރު ފަހުގެ ތާރީހެއްގައި އެކަން ކުރެވިފައި ނެތް ކަމަށެވެ. މިހެންވެ އޭނާ ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަނީ މޮރޮކޯ ފަދަ ޓީމަކާ ދެކޮޅަށް ވަރަށް ފަރުވާތެރިވެގެން ތިބުމަށް ކަމަށާއި އާޖެންޓީނާއާ މެދު ވިސްނަންޖެހޭނީ މޮރޮކޯ ބަލިކޮށްފައި ކަމަށެވެ.