ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 12:09
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ރާއްޖެއެމްވީ
ކޯޓުތަކުގެ ރިސެސް
ސުޕްރީމް ކޯޓުވެސް ރިސެސްގައި
ޖެނުއަރީ 1 ވާ އާދިއްތަ ދުވަހަކީ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަސް
ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދާނެ

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 1 ގެ ނިޔަލަށް ސުޕްރީމްކޯޓު ރިސެސަށް ހިނގައްޖެއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ.

އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެންބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ.

އެގޮތުން ބަލާއިރު، ޖެނުއަރީ 1 ވާ އާދިއްތަ ދުވަހަކީ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.

އެހެންނަމަވެސް، ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ރިސެސްގެ މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ޑިސެމްބަރު މަހު އެއްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ލާޒިމުކުރާ މައްސަލަތަކާއި، އަވަސް ތަބީއަތުގެ މައްސަލަތަކާއި، ޙުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ފަދަ ކަންކަން އޭގެ ތެރެއިން އިސްތިސްނާ ވާނެ ކަމަށް އެ ކޯޓުތަކުންވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް