ކ. މާލެ
|
7 ޑިސެންބަރ 2022 | ބުދަ 10:58
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޖަލުއަދަބު ޖޫރިމަނާއަށް ބަދަލުކުރުން
ޖޫރިމަނާ ނުދައްކާ މީހުންގެ އަދަބު މުރާޖަޢާކުރަން ހުށަހަޅަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގައި ލާޒިމް ކުރާތީ: ޕީޖީ
އަދަބު ދިނުމަކީ މީހާ އިޞްލާޙުވާން ބާރުއަޅާ ކަމަކަށް ހެދުން
ޖޫރިމަނާ ނުދައްކާ މީހުން، އަޞްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރެވިދާނެ
ކޯޓުން މުރާޖަޢާގެ މައްސަލަ ހިނގައިގަތުމުގެ ކުރިން އަވަހަށް ފައިސާ ދެއްކުމަށް ޕީޖީ ހަނދާންކޮށްދެއްވި

ޖޫރިމަނާ ނުދައްކާ މީހުންގެ އަދަބު މުރާޖަޢާކުރަން ހުށަހަޅަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގައި ލާޒިމް ކުރާތީކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ މިހާރު ޤާނޫނުގައި އޮތް ޖޫރިމަނާގެ އަދަބުގެ އަސްލު ތަބީއަތާއި، ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ވާނެގޮތްކަމަށް ޤާނޫނާއި ގަވާއިދުގައި އޮތް ގޮތާއި ގުޅޭ ގޮތުން އޭނާގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިއުމެއްގައެވެ.

ޝަމީމް ވިދާޅުވީ، ޤާނޫނުލްޢުޤޫބާތުގެ ތިން ވަނަ ބައިގައި އަސްލު އަދަބަކީ ޖަލު އަދަބުކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަޞްލަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، އެޤާނޫނުގެ 1005 ވަނަ މާއްދާގައި ޖަލު އަދަބު އެހެން އަދަބުތަކަށް ބަދަލުކުރެވޭގޮތާއި މިންވަރުތައް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން ޖަލު އަދަބު ފިޔަވައި ޤާނޫނު ދަންނަ އަދަބުތަކަކީ ގޭ ބަންދުކުރުމާއި، މުޖުތަމަޢަށް ޚިދުމަތްކުރުމާއި، ޖޫރިމަނާއާއި، އުޅޭނޫޅޭގޮތް ބެލުމާއި ޕްރޮބޭޝަންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އަދަބު ދިނުމަކީ މީހާ އިޞްލާޙުވާން ބާރުއަޅާ ކަމަކަށް ހެދުމުގެ މަފްހޫމަށް އަލިއަޅުވާލައްވާ ޝަމީމް އިތުރަށް ވިދާޅުވީ، އެ މަފްހޫމުގެ ދަށުން، ކުށެއް ކުރާ ހަމަ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި އެމީހަކު އިޞްލާޙުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ޤާނޫނުން ޖާގަދޭ ކަމަށެވެ.

މިސާލަކަށް، އަލަށް ކުށްކުރާ މީހަކު، ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބަކަށް ބަދަލުކޮށްދިނުމުން، އެމީހާ ކުށުގެ މާޙައުލުން ދުރުވުމަށް ބާރު އެޅިދާނެކަމަށް ބެލެވޭނަމަ، ފަނޑިޔާރަށް އެކަން އެގޮތަށް ކުރެއްވިދާނެ.
ޕީޖީ ހުސައިން ޝަމީމްގެ ބްލޮގް

އޭގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގައި މިއުޞޫލުތައް ތަޢާރަފު ކުރީ 2015 ވަނަ އަހަރުރުކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އެކަމާބެހޭ ގޮތުން ހަދާންޖެހޭ ގަވާއިދުތައް ހެދިފައި ނެތިގެން، އަދަބު ބަދަލުކުރުމުގެ ކަންތައް އޮތީ އެއްގޮތަކަށްވެސް ނުހިނގައިކަަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ ފަހުން 1 ޖުލައި 2021 ދުވަހު  "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި ސުޕްރީމް ކޯޓުން އެ ޤަވާއިދު ހަދާފައިވާއިރު، އެއުޞޫލަށް ޢަމަލުކުރަން ފަށާފައިވަނީ ޝާއިޢުކުރިތާ 60 ދުވަސްފަހުން، 29 އޮގަސްޓު 2021 ދުވަހުކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޒު ނުކުރެވުނުކަމަށް ތަންފީޒު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ 15 ދުވަހުގެ ތެރޭގައި އެ ނިންމުމާއި އެނިންމުމާ ގުޅުންހުރި އެންމެހާ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެކަމަށް ސުޕްރީމް ކޯޓުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުގެ މަތިން ތަންފީޒު އިދާރާގެ ވެރިމީހާގެ ނިންމުން ލިބޭތާ 30 ދުވަހުގެ ތެރޭގައި، އުޞޫލުގެ ޖަދުވަލް 1 ގައި އޮތް ފޯމު ފުރައި، އެމައްސަލައެއް ނިންމި ކޯޓަށް ހުށަހަޅަން ޖެހޭކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ތަންފީޒު އިދާރާގެ ވެރިޔާގެ ނިންމުން ލިބުމާއެކު، އުޞޫލުގައި އޮތް މުއްދަތުގެ ތެރޭގައި އަދަބު މުރާޖަޢާ ކުރަން ހުށަހެޅުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލަށް އިޚްތިޔާރެއް އޮތް ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ އުސޫލު އޮތް ގޮތުން އެއީ ކުރަން ޖެހޭކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ހަމައެއާއެކު،  ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖަޢާ ކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުމުގެ ސަބަބުން ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ނުދީ، ޖޫރިމަނާ ނުދައްކާ މީހުން، އަޞްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރެވިގެންދާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެއަދަބު ތަންފީޒުނުކުރުމެއް ނޫން. އަދަބު ތަންފީޒުވާކަން ކަށަވަރުކުރާން އޮތް މަގަކީ، ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖަޢާ ކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުން
ޕީޖީ ހުސައިން ޝަމީމްގެ ބްލޮގް

ޝަމީމް ވަނީ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްގެން ލުއި ލިބިފައިވާ މީހުން ކޯޓުން މުރާޖަޢާގެ މައްސަލަ ހިނގައިގަތުމުގެ ކުރިން އަވަހަށް ފައިސާ ދައްކާ ޚަލާޞްކުރުމަށް ހަނދުމަކޮށްދެއްވާފައެވެ. އޭރުން، އަޞްލު ޙުކުމް ކޮށްފައި އޮތް ޖަލު އަދަބަށް ނުގޮސް، ސަލާމަތް ވުމުގެ ފުރުޞަތު އޮންނާނެކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.  

ޝަމީމް ވިދާޅުވީ، އަޞްލު އަދަބުގެ ގޮތުގައި ޖޫރިމަނާ ކަނޑައަޅާ ކުށްތަކުގައި ޖޫރިމަނާ ނުދައްކައިގެން އެފައިސާ ހޯދުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިޝާރާތަކަށް، ކޯޓަށް ވަޑައިގަންނަވާނީ އެޓަރނީ ޖެނެރަލް ކަމަށެވެ.

އަދި އަޞްލު އަދަބަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، ސުޕްރީމް ކޯޓުގެ އުޞޫލާ އެއްގޮތަށް ޖަލު އަދަބުތައް އެހެން އަދަބުތަކަށް ބަދަލުކުރާ ޖޫރިމަނާގެ މައްސަލަތަކުގައި ކޯޓަށް ވަޑައިގަންނަވާނީ ޕްރޮސެކިއުޓަރ ޖެނެރަލްކަމަށްވެސް ޝަމީމް ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް