ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސްކޮލަރޝިޕް ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނީ އެކަމަށްޓަކައި، ވިލާކޮލެޖުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ތިން ދާއިރާއަކުން ސްކޮލަރޝިޕްތަކަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕާއި ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕާއި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕްއެވެ.
ކުރިއަށްއޮތް ތަނުގައި ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކުން ރަށު ކައުންސިލްތަކާ ގުޅިގެން ކެމްޕަސްތަކުގައި ކިޔެވުމަށް ޚާއްސަކޮށްގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖު އޯޕަން ސްކޮލަރޝިޕުގެ ދަށުން ތިން ސްކޮލަރޝިޕް ދޭން ވަނީ ނިންމާފައެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސްގެ ކޮންމެ ޕްރޮގްރާމަކުން ވެސް އެއް ފުރުސަތެވެ. ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެ ދާއިރާތަކުގެ ކޯސްތަކަށް ޝަރުތު ހަމަވާ ކޮންމެ ދިވެއްސަކަށް ވެސް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭއިރު، ކޯހަށް ދަރިވަރުން ހޮވުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ތަޢުލީމީ ނަތީޖާއަށްކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދޭ ފުރުސަތަކެވެ. މި ސްކޮލަރޝިޕް ދޭން ނިންމާފައިވަނީ ދެ ދަރިވަރުންނަށެވެ. ވިލާކޮލެޖުން ބުނި ގޮތުގައި މި ދާއިރާއިން ސްކޮލަރޝީޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރު ނުވާ ދަރިވަރުންނަށެވެ.
އެލަމްނައި ސްކޮލަރޝިޕަކީ ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މާސްޓާސް ފެންވަރަށް ކިޔެވުމަށް ހުޅުވާލާފައިވާ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕްގެ ދަށުން މާސްޓާސްގެ އެއް ފުރުސަތާއި ޑިގްރީއަށް ކިޔެވުމަށް އެއް ފުރުސަތު ދޭނެއެވެ. މި ކެޓަގަރީގެ ސްކޮލަރޝިޕަށް ލެވޭނީ އެ ކޮލެޖުން ކުރިން ކިޔަވާފައިވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ މި ސްކޮލަޝިޕް ޕްރޮގްރާމުން ހަތް ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕަކީ ކެމްޕަސްތަކުގައި ތިބި ދަރިވަރުންގެ އަދަދަށް ބެލުމަށް ފަހު ދޭ ސްކޮލަޝިޕަކަށް ވުމުން، އެ ސްކޮލަރޝިޕްތައް އިޢުލާން ކުރެވޭއިރު އެ އަދަދަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާ ކޮލެޖު މި ސްކޮލަޝިޕްތައް ހާއްސަކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކިޔަވާ ދަރިވަރުންނަށެވެ. ސްކޮލަރޝިޕަށް ހުށަހަޅާ ދަރިވަރުން ސްކޮލަރޝިޕަށް ކުރިމަތިލާއިރު، އެ ކުރިމަތިލާ ކޯހަކުން ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައިވާކަމުގައި ވާން ޖެހޭނެއެވެ. ސްކޮލަރޝިޕް އާއި ބެހޭ މަޢުލޫމާތު ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހާއި ވިލާ ކޮލެޖުގެ ސޯޝަލް މީޑިއާ އަދި ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ 16 ޖެނުއަރީ 2023 އާ ހަމައަށެވެ.
2016 ވަނައަހަރު ވިލާ ކޮލެޖުން ތައާރަފު ކުރި މި ސްކޮރލަޝިޕް ސްކީމްގެ ދަށުން މިހާތަނަށް 34 ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައިކަމަށް އެ ކޮލެޖުން ބުނެއެވެ.