ވޯލްޑް ކަޕުގައި މިރޭ ކެނެޑާ އާއި މޮރޮކޯ ބައްދަލުކުރާއިރު، ކުރީ ދެ މެޗުން ބަލިވެ ކެނެޑާ މިހާރު ވަނީ މުބާރާތުން ކަޓާފައެވެ. މޮރޮކޯ މި މެޗަށް ނުކުންނަނީ ދެ ވަނަ ބުރަށް ދިއުމުގެ އަޒުމާއެކުއެވެ. ނަމަވެސް މި ދެ ބައި މީހުންނަށް ވެސް މި މެޗަކީ ވަރަށް މުހިންމު މެޗެކެވެ.
މުބާރާތުން ކަޓާފައިވީ ނަމަވެސް ކެނެޑާއިން މެޗު ސީރިއަސްކޮށް ނަގަނީ މުހިންމު ތިން ސަބަބަކާ ހުރެއެވެ. ފުރަތަމަ ކަމަކީ 1986 ގެ ފަހުން ވޯލްޑް ކަޕުގައި ކެނެޑާ ފުރަތަމަ ފަހަރަށް ކުޅޭއިރު، ކުރީ މުބާރާތުގައި ވެސް ތިން މެޗުން ބަލިވެގެން ގައުމަށް ދާން ޖެހިފައިވާތީވެ، މިފަހަރު އެކަން ތަކުރާރު ކުރަން ބޭނުންނުވުމެވެ. ދެ ވަނަ ސަބަބަކީ މި މެޗުން ބަލިވެއްޖެނަމަ ވޯލްޑްކަޕުގެ ފުރަތަމަ ހަ މެޗުން ބަލިވެ، އެލްސަލަވްޑޯގެ ގޯސް ރެކޯޑާ ހަމަހަމަކުރެވޭނެތީއެވެ. މިއީ އެއްވެސް ބަޔަކު ބޭނުންނުވާ ރެކޯޑެކެވެ. އަނެއްކޮޅުން ދުނިޔެ އަށް ކެނެޑާ ސާބިތުކޮށްދޭން ބޭނުންވަނީ އެމީހުންނަކީ ވޯލްޑް ކަޕަށް އައި ބީރައްޓެއްސެއް ނޫން ކަމަށާއި، ކެނެޑާގައި ވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިފަހައްޓާލެވޭނެ ފެންވަރުހުރިކަމެވެ.
މި މުބާރާތުގެ ފުރަތަމަ ދެ މެޗަކުން ބަލިވި ކަމުގައިވިޔަސް އެމީހުންނަކީ ކަރުއެލުވާލާފައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން ވެސް ކެނެޑާ އިން ސާބިތުކޮށްދޭން ބޭނުންވެއެވެ. ހާއްސަކޮށް 2016 ގެ ފަހުން ޖެހިޖެހިގެން ތިން މެޗުން އެމީހުން ބަލިވެފައި ނެތުމަކީ ވެސް ކެނެޑާ ކުޅުންތެރިންގެ ސިކުނޑިއަށް ކޯޗު ވިސްނައިދެމުންދާ މުހިންމު ޕޮއިންޓެކެވެ. ކޯޗު ބުނީ މުބާރާތުން ކަޓާފައި އޮވެ ކުޅެން ޖެހޭ މެޗަށްވީތީވެ، ކެނެޑާގެ ކުޅުމުގެ ސްޓައިލާއި ވައްޓަފާޅި ބަދަލުނުކުރާނެ ކަމަށާއި، ކެނެޑާގެ އަމިއްލަ ގޭމް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މެޗުގައި ތިން ޕޮއިންޓް ނުލިބޭނަމަ ޕޮއިންޓެއް ހޯދުމުން ގައުމުގެ ރައްޔިތުންނަށް އުފާކުރާނެ ކަމަށެވެ.
މި މެޗާ ކުރިމަތިލާއިރު މޮރޮކޯ އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގައެވެ. މިހެންވެ ޕޮއިންޓަކުން ވެސް އެމީހުންނަށް ގަދަ 16 ޓީމުގެ ތެރެއަށް ދެމިގަނެވޭނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި މޮރޮކޯ ދައްކާފައިވާ ކުޅުމަށް ބަލާއިރު އެމީހުންގެ ފިޒިކަލް ގޭމާއެކު މިއީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
ނަމަވެސް މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގުއި ކަންބޮޑުވާ ކަމަކީ މި މެޗުން ކެނެޑާ އަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތުމެވެ. އޭނާ ބުނީ މޮޅުވިޔަސް ބަލިވިޔަސް ކެނެޑާ އަށް މުބާރާތުގައި ކުރިއަށް ނުދެވޭނެތީވެ އެއްވެސް ހާސްކަމެއްނެތި އެމީހުން މެޗާ ކުރިމަތިލުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ސަބަބެއް ކަމަށެވެ. ހާއްސަކޮށް މިފަދަ ގޮތަކަށް މެޗުތަކަށް ނުކުންނަ ޓީމުތަކުން ގިނަ ފަހަރު ނަތީޖާ ނެރެފައި އެބަހުރި ކަމަށާއި، އޭނާގެ ކުޅުންތެރިން މިކަމަށް ފަރުވާތެރި ނުވެއްޖެނަމަ މެޗު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
މޮރޮކޯއިން މި ފަހަރުގެ މުބާރާތުގައި ދައްކާފައިވާ ކުޅުމާއި ނެރެފައިވާ ނަތީޖާ އަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ހާއްސަކޮށް ބެލްޖިއަމް އަތުން 2-0 އިން މޮޅުވުމަކީ ގިނަބައެއްގެ ތައުރީފް ލިބުނު ނަތީޖާއެކެވެ. ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ގްރޫޕުގައި އޮތް އެންމެ ފިޓްނަސް ރަނގަޅު ދެ ޓީމަކީ ވެސް ކެނެޑާ އާއި ބެލްޖިއަމްއެވެ.