އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެ ޤައުމުތަކަށް ނުރުުހުން އަމާޒުކޮށްފި އެވެ.
ނަތަންޔާހޫ މިހެން ވާހަކަ ދައްކާފައި މި ވަނީ، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ވާތީ، ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ބަޔާނެއް ނެރުމާ ގުޅިގެންނެވެ.
އެކަމަަށް އިޝާރާތް ކުރަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާ އަކީ ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް އެހީތެރިވާން މަސައްކަތް ކުރާ ތިން ޤައުމު ކަމަށެވެ.
އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ ތިން ޤައުމުން އިންޒާާރު ދީފައިވާތީ، އެކަމާ ނުރުހުންވެ ނަތަންޔާހޫ ވިދާޅުވީ އެ ތިން ޤައުމު ވެސް އޮތީ އިންސާނިއްޔަތާއި، ތާރީޚުގެ ނުބައި ފަޅީގައި ކަމަށެވެ.
މީގެ އިތުރުން ހަމާސް އަކީ މީހުން މަރައި، ބަދު އަޚުލާޤީ އަމަލުތައް ހިންގާ، ކުޑަ ކުދިން މަރައި އަދި މީހުން ވަގަށް ނަގާ ބައެއް ކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެ ތިން ޤައުމުން ވެސް އަންނަނީ އެފަދަ އަމަލުތައް ހިންގާ ބަޔަކަށް އެހީތެރިވަމުން ކަމަށެވެ.
ޣައްޒާ ގައި އިސްރާއީލް އިން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ގިނަ ޤައުމުތަކެއްގެ ފާޑު ކިޔުން އަދި ނުރުހުން އިސްރާއީލް އަށް އަންނަނީ އަމާޒުވަމުންނެވެ.
ފްރާންސް، އިނގިރޭސިވިލާތް އަދި ކެނެޑާ އެކުވެގެން ނެރެފައިވާ ޖޮއިންޓް ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން، "ނުރަނގަޅު އަމަލުތައް" ކުރަމުންދާއިރު، އެކަމާ ހަނު ނުތިބޭނެ ކަމަށެވެ.
ހަމަ އެހެންމެ، ފަލަސްތީނުގައި ދައުލަތެއް ޤާއިމު ކުރަން ބޭނުންވާ ކަމަށައި، ދެ ދައުލަތުގެ ޙައްލަކަަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލް އިން އެ ޤައުމުގެ ދިފާއުގައި ފިޔަވަޅުތައް އެޅުމަށް ވެސް ތާއީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް، ހަމާސްގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް އިން ހިންގަމުން ދަނީ ޙާލަތާ ނުބައްދަލު ބާރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.