ބައިނަލްއަގްވާމީ އެކި ބައްދަލުވުންތަކާއި އެނޫންވެސް ކަންކަމުގައި ގައުމު ތަމްސީލުކުރުމަކީ ހަމަ ކޮންމެ މީހަކުހެންވެސް ބޭނުންވާނެކަމެކެވެ. ވަކިން ޚާއްސަކޮށް ބައިނަލްއަގްވާމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކަށް އެއީ މުހިންމު ކަމަށްވެދާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ވަކި ހަމައެއް އުސޫލެއް އޮންނާނެއެވެ.
ދާދިފަހުން ޗައިނާގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވަލަޕްމަންޓް ކޯޕަރޭޝަން ފޯރަމެއް ބާއްވާފައެވެ. މިފޯރަމާއި ގުޅޭގޮތުން ޗައިނާ އިންޓަރނޭޝަނަލް ޑިވަލަޕްމަންޓް ކޯޕަރޭޝަން އެޖެންސީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ 19 ގައުމެއްގެ ހައި ލެވެލްގެ ބޭފުޅުން އެފޯރަމްގައި ބައިވެރިވިކަމަށެވެ. އެގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ނަންވެސް ހިމެނެއެވެ. އިންޑިޔާ ކަނޑުގައި ޗައިނާގެ ދައުރާ އެދައުރުގެ މުހިންމުކަމުގެ މައްޗަށް ކުރިޔަށްދިޔަ މިފޯރަމްގައި ރާއްޖެއިން ބައިވެރިވިކަމަށް މިފޯރަމް އިންތިޒާމު ކުރި ފަރާތުން ބުނިނަމަވެސް ދިވެހި ސަރުކާރުން އެކަން ދޮގުކުރެއެވެ.
އެހިސާބުން ބަލަން ޖެހެނީ ދިވެހި ސަރުކާރު ތަމްސީލުކުރުމަށް ނުވަތަ ރާއްޖެ ތަމްސީލުކުރުމަށް މިފޯރަމްގައި ބައިވެރިވީ ކާކުތޯއެވެ. ފޯރަމް އިންތިޒާމުކުރި ފަރާތުން ރާއްޖެއިން ފޯރަމްގައި ބައިވެރިވިކަމަށް ހާމަކުރީ ކީއްވެތޯއެވެ. އެކަމުގެ ހަގީގަތް ބަލާލުމުން އެނގުނީ މިފޯރަމްގައި އަމިއްލަ ހައިސިއްޔަތުން ކުރީގެ ރައީސް އަދި ބައިނަލްއަގްވާމީ ތަރައްގީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވަމުން ގެންދަވާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވިކަމެވެ. އަމިއްލަ ހައިސިއްޔަތުން ފޯރަމްގައި ޑރ ވަހީދު ބައިވެރިވެވަޑައިގެންނެވިނަމަވެސް އެއީ ރާއްޖެއިން ރަސްމީކޮށް މިފޯރަމްގައި ބައިވެރިވުން ނޫންކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވަލަޕްމަންޓް ކޯޕަރޭޝަން އެޖެންސީ އިން އާންމު ކުރި ބަޔާން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 21 ނޮވެމްބަރު 2022 ގައި ޗައިނާއިން ނެރުނު މި ބަޔާނުގައި ވަނީ ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވަލަޕްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރުން މި ފޯރަމްގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި 15 ނޮވެމްބަރުގައި، މި ފޯރަމްގައި ރާއްޖެއިން ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އަންގާފައިވާނެ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ އަމިއްލަ ގޮތުންނާއި، ގްރޫއްޕުތަކުން ރާއްޖެއިން ބައިވެރުވުމަކީ، ދިވެހި ސަރުކާރުގެ ހައިސިއްޔަތުން އެފަދަ ފޯރަމެއްގައި ބައިވެރިވުން ނޫންކަމަށެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހުރިއްޔާ އަށް ލިބިގެންވާ ބާރެކެވެ.
އެހެންކަމުން ޚާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށްވުމުން، ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ މީހުން ކަނޑައަޅައި އެކަން ހަމަޖައްސަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ސިޔާސީ ގުޅުން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއިއެކު ބާއްވަން ނިންމާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އެހެންކަމުން ޑރ ވަހީދަކީ އަދި ބައިނަލްއަގްވާމީ ދާއިރާގައި އެތައް އަހަރަކު ޚިދުމަތްކުރައްވާ އެދާއިރާއިން ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެއްކަމުގައިވީނަމަވެސް އެއީ ރާއްޖެ ތަމްސީލުކުރެއްވީ ކަމަކަށް ނުނިންމެވޭނެއެވެ. މިމައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާން ނެރުމުން ރައީސް ވަހީދުގެ އޮފީހުން ވަނީ މިކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ އެފޯރަމްގައި ޑރ ވަހީދު ބައިވެރިވެވަޑައިގެންނެވީ ލިބިވަޑައިގެންނެވި ދައުވަތަކަށް އަމިއްލަފުޅު ހައިސިއްޔަތުންކަމަށެވެ. އޭގެ ފަހުން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީންވެސް ވަނީ މިކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެބަޔާނުގައިވެސް ރާއްޖެއިން މިފޯރަމްގައި ބައިވެރިނުވާކަމަށް ވަނީ ބުނެފައެވެ. އަދި ފޯރަމްގައި ބައިވެރިވުމަށް ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ދައުވަތުދިންކަމަށް ބުނެފައިވެއެވެ.
ކަންމިހެން އޮތްއިރު އަމިއްލަ ފަރާތަކުން ފޯރަމްގައި ބައިވެރިވުމަކީ ގައުމު ތަމްސީލުކުރުންކަމުގައި އެކަން އިންތިޒާމުކުރި ފަރާތުން ނިންމުމަކީ ނުތަނަވަސްކަން ވެރިފައިވާ ރާއްޖެ ޗައިނާގެ ގުޅުމަށް އިތުރު ނުތަނަވަސްކަމެއް ވެރިކުރުވާނެ ކަމެކެވެ. އަނެއްކޮޅުން ޑރ ވަހީދު ފަދަ ބޭފުޅަކު ބައިވެރިވެވަޑައިގެންނަވާ މިފަދަ ބައިނަލްއަގްވާމީ ކޮންމެ ފޯރަމެއްގައި ރަސްމީކޮށް ގައުމު ތަމްސީލުކުރައްވަނީކަމަށް ނިންމުމަކީވެސް އެފަދަ ތަޖުރިބާ ހުންނެވި އަދި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވެސް ކުރެވޭ ކުޑައިމީސްކަމަކަށް ނޫނީ ނުވާނެއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުން ޑރ ވަހީދަކީ ހައިސިއްޔަތެއް ނެތި ބައެއް ފަހަރު ކަންކުރައްވާ ބޭފުޅެކޭ ބައެއް މީހުންނަށް ހީވެފައި އޮތަސް އެމަނިކުފާނު އެންމެ ބޮޑަށް އެކަމަކަށް ގަޔާވެގެން ކުރައްވަވާ ބައިނަލްއަގްވާމީ މިފަދަ ކަންކަމުގެ ހައިސިއްޔަތާމެދު ރަސްމީ ސިފައަކުން ހުރިހާ ފަރާތްތަކުން ނޫސްބަޔާން ނެރެ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސުރުޚީތަކުން ޖާގަ ހޯދާ ހިސާބަށް ދިޔުމަކީ އެމަނިކުފާނުވެސް އެހާ ރުހިވަޑައިގަންނަވާނެ ކަމަކަށްނުވާނެއެވެ. ކޮންމެ މީހަކުވެސް އަމިއްލަ ހައިސިއްޔަތުން ކަންކަމުގައި ބައިވެރިވާންވީއެވެ. ނަމަވެސް އެއީ ރަސްމީ ގޮތުން ގައުމު ތަމްސީލުކުރުން ކަމުގައި އަދި ނުވާނެއެވެ. އެކަން ކުރަން އޮންނަ އުސޫލެއް އޮވެއެވެ. އެއުސޫލުގެ ތެރެއިން އެއިރެއްގައި އޮންނަ ސަރުކާރަކުން އެކަންކުރާނެއެވެ.