ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް އާއި އިކުއެޑޯ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުމުން، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގަތަރަށް ގެއްލިއްޖެއެވެ.
ނެދަލެންޑްސް އާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާ ލީޑު ނެގީ ނެދަލެންޑްސް ޓީމުންނެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު އިކުއެޑޯއިންވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެލަނޑު ބަލައިނުގަނެފައެވެ.
އިކުއެޑޯއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. މެޗުގެ 48 ވަނަ މިނެޓުގައި އިކުއެޑޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެނާ ވެލެންސިއާއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. އިކުއެޑޯއިން މުބާރާތުގައި ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން އެނާ ވެލެންސިއާއެވެ.
މި ނަތީޖާއާއެކު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގަތަރަށް ވަނީ ގެއްލިފައެވެ. މުބާރާތް ބާއްވާ ގައުމަށް ފުރުސަތު ގެއްލުނީ ފުރަތަމަ ދެމެޗުންވެސް ބަލިވުމުންނެވެ. ގްރޫޕް އޭގެ އަނެއް ތިން ޓީމަށްވެސް ދެވަނަ ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ނެދަލެންޑްސް އާއި އިކުއެޑޯއަށްވެސް ދެމެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ގަތަރުން ބަލިކޮށް ސެނެގާލް ތިންވަނާގައި އޮތީ ތިން ޕޮއިންޓާއެކުއެވެ.
މިއާއެކު ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްގެންވެސް ގްރޫޕްގެ އެއްވަނަ ނުވަތަ ދެވަނަ ގަތަރަށް ނުލިބޭނެއެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެވެ.