ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަކީ ދުޝްމަނެއް ނޫން ކަމަށާ، އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ރައީސްގެ ސިޔާސަތުތަކާއިކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ އާދީއްތަދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ފަހަކަށްއައިސް މުސްތަފާ ދަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ، މި ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެހެން ނަމަވެސް އެ ކިޔާ ފާޑަކީ، ރައީސް ޔާމީނަކީ މުސްތަފާ އަދި އިދިކޮޅު ފަރާތްތަކުގެ "ޖާނީ ދުޝްމަނެއް" ކަމަށް ދެކިގެން ކިޔާ ފާޑެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ.
Raeesul Jumuhoorihyaa aky Alhugandu menge jaanee dhusmaneh nuun. Alhugandu men dhekolhu hadhanee RJ ge neygaanee siyaasathu thakaa.
— Mohamed Musthafa (@Thimarafushi) June 25, 2017
މުސްތަފާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ އިދިކޮޅު ފަރާތްތަކުގެ ޖާނީ ދުޝްމަނެއް ނޫންކަމަށާއި ދެކޮޅު ހަދަނީ ހަމައެކަނި ރާއްޖޭގެ ނޭއްގާނީ ސިޔާސަތުތަކާއި ކަމަށެވެ.
އީދު ދުވަހު ދަރުބާރުގޭގައި ރައީސް ޔާމީން ބޭއްވި އީދު ސަލާންކުރެއްވުމުގެ ރަސްމިއްޔާތުގައި މުސްތަފާ ވަނީ އެމަނިކުފާނާއި ސަލާމް ކުރައްވާފައެވެ.