ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 16:40
ކޯލިޝަންގެ ލީޑަރުންނާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ކޯލިޝަންގެ ލީޑަރުންނާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޯލިޝަން ސަރުކާރު
ފެންނަމުންދަނީ ކޯލިޝަން ދެމެހެއްޓެވުމުގެ ގާބިލްކަން ރައީސްގެ ހުރިކަން - މިއުވާން
ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންނާއެކު ރައީސް މަޝްވަރާތައްކުރައްވާ
ކޯލިޝަންގެ ބައިވެރިން ބޭނުންވާ ލަފާތައްވެސް ރައީސަށް އަރުވާ
ކޯލިޝަންގައި އެކި ސިޔާސީ ޕާޓީތައް ހިމެނޭތީ ޚިޔާލު ތަފާތުވުންތަކެއް ހުންނާނެ

ފެނިިގެންދަނީ ކޯލިޝަން ދެމެހެއްޓެވުމުގެ ގާބިލްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ހުރިކަން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

2008 ވަނަ އަހަރުން ފެށިގެން ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން، މިހާތަނަށް ވެރިކަން ކުރަމުން އަންނަނީ ކޯލިޝަނަކާއެކުއެވެ. ނަމަވެސް، ސަރުކާރުގެ ތެރޭގައި މައްސަލަތައް ޖެހި، ވެރިކަމުގެ ކުރީކޮޅު ކޯލިޝަން ރޫޅެއެވެ. އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގެ 4 އަހަރު ނިމިގެން ދިޔައިރުވެސް ކޯލިޝަން ރޫޅޭވަރުގެ ބޮޑު މައްސަލައެއް ނުޖެހި ކޯލިޝަން ސަރުކާރު ދަނީ ކުރިއަށެވެ.

ކޯލިޝަން ލީޑަރުންނާއެކު ބައްދަލުވުންތައް ނުބާއްވަނީ ކީއްވެގެންތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންނާއެކު ރައީސް މަޝްވަރާތައް ކުރައްވާ ކަމަށެވެ. ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވޭކަމަށާއި، ކޯލިޝަންގެ ބައިވެރިން އަރުވަން ބޭނުންވާ ލަފާތައްވެސް ރައީސަށް އަރުވާކަމަށެވެ.

ނަމަވެސް ކޮންމެ ދުވަހަކު ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ކޯލިޝަންގެ ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވިގެން ނިންމަވާ ނިންމެވުންތަކަކަށް ނުވެދާނެ ކަމަށާއި، އެގޮތަށް ވާކަށްވެސް ނުޖެހޭކަމަށެވެ.

ރައީސް އިންތިޚާބުކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ. ކޯލިޝަންގަ އެކި ސިޔާސީ ޕާޓީތައް ހިމެނޭތީ ހުންނާނެ ޚިޔާލު ތަފާތުވުންތަކެއް ވެސް. ކޯލިޝަން މިއަދާ ހަމައަސްވެސް ދެމިއޮތީ ވަރަށް ބަދަހިކަމާއެކު.
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ، އެމްޑީޕީއަކީ ސިޔާސީ ކަންތައްތަކުގެ ތަޖުރިބާހުރި އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ކާމިޔާބު ޕާޓީ ކަމަށެވެ. އަދި ރައީސް ނިސްބަތްވެވަޑައިގަންނަވާ މި ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން، ކޯލިޝަން ދެމެހެއްޓުމުގެ ގާބިލްކަން ރައީސުލްޖުމްހޫރިއްޔާގައި ހުރިކަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މިއުވާން ވިދާޅުވީ މަޝްވަރާ ބައްދަލުވުންތައް، ބައްދަލުވުންތަކެއްގެ ގޮތުގައި ނުގެންދެވިނަމަވެސް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް