ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 16:14
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަލީ ނަޒީރު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަލީ ނަޒީރު
ހޯމް މިނިސްޓްރީ
ޖުވެނައިލް ޖަސްޓިސް ޔުނިޓް
ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ އެބަފެނޭ – ނަޒީރު
ކުޑަކުދިން ހަވާސާވެ، ކުށުގެ މާހައުލަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑުތަން މަދުކުރެވޭނެ
ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، ދިރާސާކޮށް، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަންޖެހޭ

ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނާއި ކުށުގެ މާހައުލަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖުތަމައުގެ ހަވާސާގެތެރެއަށް ގެނެސް އެކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށައި، ކުރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓު، މިހާރުގެ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ބަދަލުކުރިތާ 2 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޑިޕާޓްމެންޓުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މިހާރު އެކަށައަޅާފައިވާ ސިޔާސަތުތަކާއި، އެސިޔާސަތުގެ ދަށުން ތަންފީޒުކުރަމުން އަންނަ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނަމަ، ﷲގެ ވާގިފުޅާއެކު ދިވެހި ކުޑަކުދިން ހަވާސާވެ ކުށުގެ މާހައުލަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑުތަން މަދުކުރެވޭނެ ކަމަށެވެ.

ނަޒީރު ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ބަރޯސާވާ އެންމެ މުހިންމު އަސާސަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުން އަދާކުރާ ޒިންމާއާއި ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފާހަގަ ކުރައްވާފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރިން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ނަމުގައި ހިންގަމުންދިޔަ އޮފީސް ޑިޕާޓްމެންޓްމެންޓަކަށް ބަދަލުކޮށް މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި; ގާނޫނާ ޚިލާފްވާ 18 އަހަރުން ދަށުގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން އެކުދިންގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވޯކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި ތަހުގީގު މަރުހަލާގައި ކޯޓަށް ހާޒިރު ކުރެވޭ ކުދިންނާއި ޖިނާއީ ދައުވާ އުފުލިފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށްޓަކައި ކޯޓަށް ހާޒިރުވުން ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާ ކުރުމާއި ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޑައިވަރޝަން ޕްރޮގްރާމްތަކާއި ރިހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުންވެސް ހިމެނެއެވެ.

އަދި ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެމަރުކަޒުތައް ހިންގައި ބެލެހެއްޓުން ފަދަކަންކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މިހާރު ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހާފްވޭ ހައުސްއެއް ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވާފައެވެ.

މީގެ އިތުރުން ހއ. ހޯރަފުށީގައި ހާފްވޭ ހައުސްއެއް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫގައި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއްވެސް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް