ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 15:52
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓްރީ
ވާނުވާ ބަންދު
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"
"ވާނުވާ ބަންދުގައި" ތިބޭ ތިބުން ނިމުމަކަށް ގެންނައުމަކީ ރައީސްގެ ވައުދުޅެއް ކަމަށާއި އެކަން ކުރާނެ
ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް ކަމަށާއި، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ހިންގަމުންދަނިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލި މައްސަލައަށް އިޝާރާތްކޮށް ސަރުކާރު ދިފާއުކޮށް ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހޫން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން ނިންމާނީ ރައްޖޭގެ ކޯޓުތަކުން ކަމަށާއި، ތިންބާރު ވަކިަވެފައި އޮންން ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިިންމު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ދެތިން ދުވަސްކުރިން ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާއެއްގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުންދާތީ އެކަން ސާފުކޮށްދޭކަމަށެވެ. އެގޮތުން އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް ކަމަށާއި، ސަރުކާރުގެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ޕީޖީ ދަނީ އިސްތިއުނާފް ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިކަން މިހެން އޮތްނަމަވެސް ޝަރީއަތް ލަސްވެ އިންސާފު ނުލިބި، ހުކުމަކާއި ނުލާ އެތަކެއް ދުވަސް ޖަލުތަކުގައި މީހުން ބަންދުވެފައި ތިބުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. މިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ދައުލަތުގެ ހުރިހާ ކަމާއި ބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ހުކުމާއި ނުލާ "ވާނުވާ ބަންދުގައި" ތިބޭ ތިބުން ނިމުމަކަށް ގެންނައުމަކީ ރައީސްގެ ވައުދުޅެއް ކަމަށާއި އެކަން ކުރާނެ ކަމަށެވެ.

ވާނުވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ލީގަލް މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި މިމައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާނުވާ މީހުންނާއި ގުޅޭގޮތުން އެންމެފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަބަދުވެސް ބަންދުގައި ތިބޭ ކަމަށާއި، އެއީ 4 ބާވަތެއްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ކަމަށެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ދިމާކޮށް، ސަރުކާރުން އަންނަނީ ވާނުވާ އުވާލާނެކަމަށް ވިދާޅުވެ އެކަން ކުރާނެކަމަށް ބުނަމުންނެވެ. ނަމަވެސް ވާނުވާ މައްސަލައިގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށް، "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލު ހޯދޭނީ ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ދެވިގެންކަމަށެވެ.

ޝަމީމް ވިދާޅުވީ، ވާނުވާގެ ވާހަކައަކީ މިހާރު ސިޔާސީ ބޭފުޅުން ސިޔާސީ ކަމެއްގެ ގޮތުގައި ދައްކަވާ ވާހަކައެއް ކަމަށެވެ.

އެހެންނަމަވެސް، ވާނުވާއަކީ މިހާރު އޮތް އެއްޗެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ސަބަބަކީ މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާއިރު، ޤާނޫނުގެ ދަށުން ޝަރީޢަތް ކުރާނެ ގޮތުގެ ތާވަލު ދައުވާލިބޭ މީހާއަށް ލިބުމުން ބަންދުގެ "ވާނުވާ ވަންތަކަން" ގެއްލިގެންދާތީކަމަށް ޝަމީމް ކުރިންވެސް ވިދާޅުވެފައިވެއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި ދައުވާ އުފުލާ މީހުންނަށް އެމީހުންގެ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ދިނުމަށް ޕީޖީ އޮފީހުން އަބަދުވެސް ކޯޓުތަކުގައި އެދެއެވެ.

އެހެންނަމަވެސް، މިހާރު މައްސަލަތައް ލަސްވެގެން ދިއުމުގައި ކޯޓުތަކުގެ ވަސީލަތްތައް ނެތުން ސަބަބެއްގެ ގޮތުގައި ހިމެނޭކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި ސިޔާސީ ފަރާތްތަކުންވެސް ވާނުވާގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، ކޯޓުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދީ، އެ މައްސަލަ ޙައްލު ކުރެވޭނެ ގޮތްތަކެއް ހައްދަވަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް