ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތްކަމަށް، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.
އިމާދު ވިދާޅުވީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ނެޝަނަލް ޑްރަގް އެޖެންސީއަށް ސްޕެސިފިކް، އަދި ސީދާ ފޯކަސްވާ މުހިންމު މަސައްކަތެއް ހިމެނިފައި ނުވާކަމަށެވެ. އަދި މިވަގުތު އެންޑީއޭއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ 2018 ވަނަ އަހަރުން ފެށިގެން ކޮމިއުނިޓީ ފަރުވާއަށް ޑްރަގް ކޯޓުން ހުކުމްކުރެވިފައި ތިބި ފަރާތްތަކުގެ ބެކްލޮގް ކްލިއަރކުރުން ކަމަށެވެ. 700 މީހުންގެ ބެކްލޮގެއް އޮތްކަމަށްވެސް އިމާދު ވިދާޅުވިއެވެ.
އިމާދު ވިދާޅުވީ ބެކްލޮގް ކްލިއަރ ކުރުމަށްޓަކައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށެވެ. އަދި ހުކުމް ކޮށްފައިވާ ފަރާތްތަކަށް ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެންޑީއޭގެ ޓެކްނިކަލް ޓީމާއި އިދާރީ ޓީމް ގުޅިގެން، ޖޮއިންޓް މަސައްކަތެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަހުގެ ތެރޭގައި، ހުކުމްކޮށްފައި ތިބި މީހުންގެ ފަރުވާގެ ކަންކަން ނިންމާނެކަމަށެވެ.
އޭގެ އިތުރުން މާލޭގެ މަގުމަތީގައި އުޅޭ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ފެއްތުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އިމާދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މާލޭގެ މަގުތަކުގައި ސަލާންޖެހުމާއި އެހެނިހެން ކަންކަމުގައި އުޅޭތަން ފެންނަ ކަމަށެވެ. އަދި މި އަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން މާލޭގެ މަގުތައް އަމާންތަނަކަށް ހެދުނުކަމަށާއި، އެހެންނަމަވެސް މިހާރު ފެނިގެންދަނީ އޭގެ ކުރިން ފެނިގެންދިޔަ މަންޒަރުކަމަށެވެ.
ފާހަގަކުރެވޭނެ ރަމަޟާންމަހު ތެރޭގަ މާލޭގެ މަގުމަތި ފުދޭވަރަކަށް އަމާންކޮށް އާންމު ރައްޔިތުންނަށް ފެނިގެންދިޔަތަން. އެހެންނަމަވެސް އަނެއްކާވެސް ބެކްޓު ނޯމަލް މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ އަޅުގަނޑު މަސައްކަތްކުރަނީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގަ މާލޭގެ މަގުމަތިން މި ދެންނެވި ކެޓަގަރީގެ ކްލަޔަންޓުން ފަރުވާގެ ނިޒާމުގެ ތެރެއަށް ގެންދިއުން.އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު
އަދި ކުރިއަށް އޮތް ތަނުގައި އެންޑީއޭގެ ފަރުވާ ފުޅާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރުގެ ބަޖެޓާ އެކީގައި ހދ. ހަނިމާދޫގައި ހުރި ސެންޓަރު އެހެންތަނަކަށް ބަދަލުކުރަންޖެހޭނަމަ އެކަން ކޮށް، ނ އަތޮޅާއި ލ އަތޮޅުގައި އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.