ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 12:14
ވ އާރަށު ހިޔާނާތުގެ މައްސަލަ
ވ އާރަށު ހިޔާނާތުގެ މައްސަލަ
ރާއްޖެއެމްވީ
އާރަށު ހިޔާނަތް
ޔާމީނުގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން ކުރިއަށް ގެންގޮސްފި
އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު
ދައުލަތުގެ ހެކިތައް ބަލައިގަތުމަށް ގާޒީ ނިންމެވި ނިންމެވުން އަލުން މުރާޖައާ ކުރެއްވުމަށް ޔާމީނު އެދޭ
ޔާމީނުގެ ވަކީލުން ވިދާޅުވާ ގޮތުގައި ދައުލަތުން ވަނީ ފާސިޤުން އުފައްދައިގެން، އެމީހުން ލައްވައި ވަކި ގޮތަކަށް ހެކިބަސް ހޯދާފައި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، އެއަށްފަހު ޔާމީނުގެ ފަރާތުން ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް ޔާމީނުގެ ފަރާތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި އެ ދުވަހު އެއްކޮށް ނިންމިފައެއް ނުވެއެވެ.

ވުމާއެކު، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ ހެއްކާ ގުޅޭގޮތުން ޔާމީނުގެ ފަރާތުން ވާހަކަ ދެއްކެވުން ކުރިއަށް ގެންދަވާފައެވެ. އެގޮތުން ނިމިދިޔަ އަޑުއެހުމުގައި ގޮސްފައިވާ ހިސާބުން ޔާމީނުގެ ވަކީލުން ވަނީ ހެއްކާ ގުޅޭ ވާހަކަތައް ކުރިއަށް ގެންދަވާފައެވެ.

ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކަން ފެށުމުގެ ކުރިން ޔާމީނުގެ ވަކީލުން ވަނީ ދައުލަތުގެ ހެކިތައް ބަލައިގަތުމަށް ގާޒީ ނިންމެވި ނިންމެވުން އަލުން މުރާޖައާ ކުރެއްވުމަށް ހުށައެޅުމެއް ހުށައަޅުއްވަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

ޔާމީނުގެ ވަކީލުން ވިދާޅުވާ ގޮތުގައި ދައުލަތުން ވަނީ ފާސިޤުން އުފައްދައިގެން، އެމީހުން ލައްވައި ވަކި ގޮތަކަށް ހެކިބަސް ހޯދާފައެވެ. އެގޮތުން އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ވާހަކަ ޔާމީނުގެ ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ.

މައިގަނޑު ގޮތެއްގައި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހާއި ގުޅިގެން ޔާމީނުގެ ވަކީލުން ވަނީ އެއީ ފާސިޤުންކަން ބަޔާންކޮށް، ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އަދީބާއި ޒިޔަތުގެ ހެކިބަސް ކޮރޮބޮރޭޓް ކުރުމަށް އެކަށީގެންވާ ހެއްކެއް ދައުލަތަށް ހުށައެޅިފައި ނުވާކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ.

ޔާމީނުގެ ވަކީލުން ވަނީ ދައުލަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓު ފަދަ ކިތާބީ ހެކިތަކަކީ ދައުލަތުން ލިއެކިއުންތައް ބަރުކުރުމަށް ހުށައަޅާފައިވާ ހެކީގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން އެ ރިޕޯޓުގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭގޮތުން ޔާމީނުގެ ވަކީލުން ވަނީ ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް