ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން 220 އަށްވުރެ ގިނަ ވަޒީފާ އުފެދިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އެ ދާއިރާ އިން ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހުރިހާ އެއާޕޯޓްތަކަށް ވަނީ އެއްގަމު އުޅަނދު ފޯރުކޮށްދެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޚިދުމަތް ފުރިހަމަކުރުމަށްޓަކާ، ލަގެޖް ސްކްރީންކުރުމާއި، އެކްސެސް ކޮންޓްރޯލްކުރުމުގެ އިތުރުން އުނގެނުމާއި ތަމްރީން ކުރުމުގައި ކޮންމެ މުވައްޒަފަކާއި ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމަ އަށް އަދާކުރުމަށް މާރިޔާ އިލްތިމާސްކުރެއްވިއެވެ. އަދި މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމަކީ ވެސް މުހިންމު ކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޞާލިހުގެ ސަރުކާރުގައި އެއާޕޯޓްތައް އިތުރުވެ ޒިންމާތައް އިތުރުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތު ހޯދާދީ މުވައްޒަފުންގެ ކުރިއެރުމަށް ޚާއްސަ ސަމާލުކަމެއް މި ސަރުކާރުން ދެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުން އެ ދާއިރާއިން ތަމްރީން ހާސިލްކުރި ފަރާތްތަކުގެ އަދަދު 50 އަށް ވުރެ ގިނަ ކަަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އެހެންގައުމުތަކުގައި އޭވިއޭޝަން ސެކިއުރިޓީ ކުރިއަށްދާ ގޮތް ބަލާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދާދީފައިވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. ހަމައެހެންމެ 2000 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެ ދާއިރާ އިން ރާއްޖޭގައި ތަމްރީން ދިނުމަކީ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާ ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެެ.
ޑިފެންސްގެ ދާއިރާ އަށް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.