ރާއްޖޭގެ ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެދާނެ އެއްކަމަކީ ބޮޑު އޮއިލް ސްޕިލް އެއް މެދުވެރިވުންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ މިނިވަން ދުވަހުގެ ޚާއްސަ ކަވަރޭޖްގެ ހަވީރުގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަކީ ޤާނޫނު އަސާސީން ވަކިވަކި ފަރުދުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ހައްގުތައް ހޯދައިދީފައިވާ ޤައުމެއް ކަމަށެވެ. އަދި ރާއްޖެއަކީ ދާހިލީ ތަފާތުވުންތަކެއް ނެތް ޤައުމެއްކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ދިފާއީ ގޮތުން ބަލާއިރު ޒަމާނާއި އެކު ކަންބޮޑުވާން ޖެހޭ ބައެއް ކަންކަން ހުރިކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން އެއްކަމެއް ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތައް ފާހަގަކުރެވޭ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. ރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމަށް ވާއިރު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު އިތުރުވުން ފަދަ ކަންކަމުން ރާއްޖޭގެ ރައްކާތެރިކަމަށް ސީދާ އަސަރުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ގައުމުގައި އެންމެންނަށް ތިބެވޭނީ ތިމާވެށި ސަލާމަތުން އޮވެގެން. އެކަމަކު މިއީ ހަމައެކަނި ރާއްޖެ އަށް އެކަނި ވާނެކަމެއް ނޫން. އެކަނި އުޅެގެން ވާނެ ކަމެއް ނޫން. އެބަޖެހޭ ދުނިޔޭގެ ގައުމުތަކުން ވެސް އެކަމަށް ސަމާލުކަން ދޭން.ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ރާއްޖޭގެ އުތުރާއި ދެކުނުން ބަލާއިރު އިގްތިޞާދީ ގޮތުން އިންޑިއާ އާއި ޗައިނާ ފަދަ ޤައުމުތައް ދަނީ ބާރުގަދަވަމުން ކަމަށާއި އެ ޤައުމުތަކަށް ދަތުރުކުރަނީ ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވިއެެވެ. ރާއްޖޭގެ އެތެރެއިން ލާފައި އެފަދަ މުހިންމު 4 ޗެނަލް އޮތް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެ ހަތަރު ޗެނަލް އިން އަހަރެއްގެ މައްޗަށް މަދުވެގެން ލައްކައެއްހާ އުޅަނދު ދަތުރުކުރާ ކަަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އެހެންކަމަށް ވުމާއި އެކު އެ ގައުމުތަކުގެ ދެމެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއަށް ނުވަދެ ރާއްޖެ އޮތުން މުހިންމު ކަމަށް މާރިޔާ ވިދާޅުވިއެވެ. ހަމައެއާއި އެކު ބޮޑު އޮއިލް ސްޕިލް އެއް ނުވަތަ ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާ އެއް މެދުވެރިވެރިވުން އެއީ ރާއްޖެ އަށް ދިމާވާނެ އެންމެ ބޮޑު ނުރައްކާތެރި އެއްކަންތައް ކަމަށް މާހިރުން ފާހަގަކުރައްވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
މިދަންނަވާ ބޮޑެތި އޮއިލްޓޭންކަރު އެކި ހިސާބުން ރާއްޖޭގެ ފެނިވަޑައިގަންނަވާނެ. ރަށްރަށާ ކައިރިން އެކި ޗެނަލްތައް ބޭނުންކޮށް ދާތަން. އެއިން ތަނަކަށް އުރިއްޖެ ނަމަ ޝިޕުން ފަރުވެސް ހަލާކުވާނެ. ޓުއަރިޒަމް އަށް އެއިން އަސަރުކުރާނެ. މަސްވެރިކަމަށް އަސަރުކުރާނެ. އެއީ ހިތަށްވެސް ނުގެނެވޭ ފަދަ ބިރުވެރިކަމެއް. އެކަމަށް އަޅުގަނޑުމެން ތައްުޔާރުވާން ޖެހޭ. ބައެއް އެހީތައް އެބަ ހުރި އެކުވެރި ޤައުމުތަކުން ވެސް އެހީ ދީފަ. އެފަދަ ބޮޑު ކަމެއް ދިމާވެއްޖެއްޔާ ޤައުމުތަކުން އެހީ އަށް އެދެން ޖެހޭ.ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
މިފަދަ މައްސަލަަތަކަކީ ސަރަހައްދީ ގޮތުން އެހީތެރިކަން ބޭނުންވާ ކަންކަން ކަމަށާއި އެފަދަ ކަންކަމަކީ އަވަށްޓެރި ޤައުމުތަކުގެ ހައިސިއްޔަތުން އެ ގައުމުތަކުގެ މަސްލަހަތު ވެސް ހިމެނޭކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން އެކުވެރި ޤައުމުތަކާއި އޮންނަ ގުޅުން ހީނަރުވުމަކީ އެެފަދަ ހާލަތެއް މެދުވެރިވާ އިރު ރާއްޖެ އަށް ދިމާވެދާނެ ގޮންޖެހުމަކަށް ވެދާނެ ކަމަށާއި އެއީ ސަރުކާރުތަކުން ވިސްނަން ޖެހޭ ކަމެއް ކަަމަށް މާރިޔާ ވިދާޅުވިއެވެ.