Advertisement
ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 16:40
ޒަކާތު ނަފާ ޕްރޮގްރާމް ހިންގާ ފަރާތްތައް
ޒަކާތު ނަފާ ޕްރޮގްރާމް ހިންގާ ފަރާތްތައް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
"ޒަކާތު ނަފާ" ޕްރޮގްރާމު
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ
ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުން މާލީ ގޮތުން ބާރުވެރިކުރުވަން އެހީވާނެ
އެހީ ލިބޭ ކޮންމެ އާއިލާއަކަށް މި ފަންޑުން ޚަރަދުކުރާނީ 150،000 ރުފިޔާ
އެމީހުންނަށް އެކި ހުނަރު ދަސްކޮށްދިނުމާއި، ވިޔަފާރި ފަށައިދިނުން ހިމެނޭ

ފަގީރުންނަށް މާލީ އެހީ ފޯރުކޮށްދީ, ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަން ތައްޔާރުވެއްޖެއެވެ. .

މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި، އިކޮނޮމިކް މިނިސްޓްރީ، އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިގޮތުން އާދިއްތަ ދުވަހު މި ފަރާތްތަކުން ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Advertisement

މިއީ ރާއްޖޭގެ ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން، ފަގީރުންގެގޮތުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށް އިތުރު ހުނަރުތައް އުނގަންނައިދިނުމާއި، މަސައްކަތްތައް ފަށައިދީ، އެމީހުން މާލީ ގޮތުން ބާރުވެރިކުރުވާނެއެވެ.

މި ޕްރޮގްރާމާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ޕްރޮގްރާމަކީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މިގޮތުން ކައުންސިލްތަކުގެ އެހީގައި ފޯމެއް ފުރިހަމަކޮށް، އެ ފޯމުތައް މިނިސްޓްރީން އެކުލަވާލާ ކޮމިޓީއަކުން އިވެލުއޭޓްކުރާނެއެވެ. އަދި އެއަށްފަހު މި އެހީ ލިބޭ ފަރާތްތައް ލިސްޓުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒަކާތު ނަފާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

މިނިސްޓަރ ވިދާޅުވީ، މިހާރު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދެވެނީ އަހަރަކު އެއްފަހަރު ކަމަށެވެ. އަދި އެއީ ކުޑަ މިންވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އިތުރު އެހީއެއް ފޯރުކޮށްދީގެން އެމީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުކޮށްދީ، ފަގީރުންގެ ލިސްޓު އެއްކޮށް ހުސްކޮށްލުމަކީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ބޭނުމަކީ ފަގީރުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ބަޔަކަށް ހެދުން. އަދި އެމީހުންނަށް ޒަކާތް ދެއްކޭވަރު ކުރުން.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ އާއިލާއަކަށް ޒަކާތު ފަންޑުން ޚަރަދުކުރާނީ ގިނަވެގެން 150,000 ރުފިޔާއެވެ. ނަމަވެސް، އެހީގެ ގޮތުގައި ކަނޑައެޅޭ މިންވަރު އެ އަދަދަށްވުރެ ބޮޑުވާނަމަ، އެސްއެމްއީ ފަންޑު މެދުވެރިކޮށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއް ހަމަޖައްސައިދޭނެއެވެ. މި ލޯނު ހަމަޖައްސާނީ އެހީ ލިބޭ ފަރާތުން އެކަމަށް އިންކާރުނުކުރާނަމައެވެ. އަދި މި ލޯނުގެ މިންވަރު އެހީ ލިބުނު ފަރާތުން އަނބުރާ ދައްކަންޖެހޭނެއެވެ.

Advertisement

Advertisement
- ކޮމެންޓް