ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 07:47
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް (ކ) އަދި އިސްލާމިކް މިނިސްޓަރު ޒާހިރު (ވ)
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް (ކ) އަދި އިސްލާމިކް މިނިސްޓަރު ޒާހިރު (ވ)
ރާއްޖެއެމްވީ
މުފްތީ މެންކް
މުފްތީ މެންކް ފުރާވަޑައިގެންފި
ދުރު ނޫން މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި
ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފިއެވެ.

މުފްތީ މެންކު ފުރާވަޑައިގެންނެވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ފުރާވަޑައިގެންނެވުމުގެ ކުރިން، އަންގާރަ ދުވަހުގެ ހެނދުނު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ އާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ދިން ދައުވަތު ގަބޫލުކުރައްވާ ރާއްޖެ އަށް ވަޑައިގެން މާލެ އާއި އަތޮޅުތެރޭގައި ވެސް ދީނީ ތަޤްރީރުތައް ދެއްވި ކަމަށް ޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ ވިދާޅުވިއެވެ.

އަދި މުފްތީ މެންކް ދަރުސްދެއްވި މައުޟޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއް ކަމަށާއި މުފްތީ މެންކަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިޚްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުން ވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މާ ދުރު ނޫން މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް ވެސް މިނިސްޓަރު މި ބައްދަލުވުމުގައި ވިދާޅުވިއެވެ.

މެންކުގެ ވާހަަކަފުޅުގައި ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެޙްމާންދާރީ އަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާ އެ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ އާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފައެވެ. މިއިން ކޮންމެ ދަރުހަކަށް ވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯ އާއި ޓީވީ އަދި އޮންލައިންކޮށް ވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

- ކޮމެންޓް