ޝަލަބީ އިބްރާހިމްގެ ދެވަނަ މަދަހަ އަލްބަމް "ހިދާއީ ނޫރު" ބުދަ ދުވަހު ހަވީރު ނެރެފިއެވެ.
ބަރިސްތާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މަދަހަ އަލްބަމް ނެރެދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. މަދަހަ އަލްބަމް ނެރެދެއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިފަދަ މަދަހަ ތަކުން އެންމެންގެ މެދުގައި އޮންނަ އަމަންއަމާންކަމާއި ހިތްހަމަ ޖެހުމާއި އެއްބައިވަންތަކަމާއި އުހުއްވަތްތެރިކަމުގެ ޝުއޫރުތައް އާލާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިފަދަ ސަގާފަތް ދިރުވައި އާލާ ކުރުމަކީ އަބަދުވެސް ހިތްވަރު ދެއްވާ ކަމެއް ކަމަށާއި ޝަލަބީގެ ހުނަރަށް އެމަނިކުފާނު ތައުރީފުކުރެއްވިއެވެ.
ޝަލަބީގެ މި މަދަހަ އަލްބަމްގައި ހަތް މަދަހަ ހިމެނޭ ކަމަށް އޭނާގެ މެނޭޖަރުޝަފީގް އަލީ(ސައްޕެ) ބުންޏެވެ. އެ މަދަހަތަކުގެ ރާގު ހަދާފައިވަނީ ވެސް ޝަލަބީ އެވެ. ލަވަތައް ހައްދަވާފައި ވަނީ އާދަމް ނަސީރު އިބްރާހިމް އާއި ނަސްމާ އަބްދުލް މުހުސިނެވެ.މަދަހަތައް ރިކޯޑުކޮށްފައިވަނީ ހައުސް އޮފް މިއުޒިކްގެ އެހީތެރިކަމާއި އެކީގަ އެވެ.
މި އަލްބަމަށް މަދަހަ ރިކޯޑްކޮށްފައިވަނީ އެއްވެސް މިއުޒިކެއް ނުހިމަނަ އެވެ.
މި އަލްބަމްގައި މަދަހައިގެ އިތުރުން ފިކުރީ އަދި މާނަވީ ނަސޭހަތްތައް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ވެސް ޝަލަބީގެ "ހިދާއީ ނޫރު" ގެ ފުރަތަމަސީޑީ ވަނީ އާންމުންނާހަމައަށް ގެނެސްފައެވެ.މިފަހަރުގެ މަދަހަ އަލްބަމްވެސް ވަނީ ހިލޭ ބަހަން ނިންމާފަ އެވެ.
ސައްޕެ ބުނީ މަދަހަ ސީޑީ ނެރޭ ކޮންމެ ފަހަރަކު ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތަކަށް ޝަލަބީ އެހީވާ ކަމަށެވެ. އެގޮތުން މިއަހަރު ތެލެސީމީއާ ކުދިންގެ ތެރެއިން 20 ކުއްޖަކަށް "ތެލަސެޓް" (ލޭއަޅާއިރު ބޭނުންކުރާ ކަށި ސެޓް) ހަދިޔާ ކޮށްފައިވެއެވެ.
މިދިޔަ އަހަރު ޝަލަބީ ވަނީ އޭނާގެ ހަރަދުގައި ކެއާ ސޮސަޓީގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އެއް އަހަރުގެ ކިޔެވުމުގެ ހަރަދު ވެސް ދީފަ އެވެ.