ކ. މާލެ
|
29 ސެޕްޓެންބަރ 2022 | ބުރާސްފަތި 11:00
މި ވަގުތަކީ އަފްޣާނިސްތާނަށް އިންސާނީ ކާރިޘާއެއް ކުރިމަތިވެފައިވާ ވަގުތެއް ކަމުން އެކަމުގެ ތަކުލީފުތައް ކުޑަކޮށްދިނުމުގެގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން އަފްޣާނިސްތާނަށް އެހީވެދޭން ޖެހޭ
ޗައިނާއިން އަފްޣާނިސްތާނަށް އެހީތެރިވުން
މެދުމިނުގެ ފިކުރުގެ ވެރިކަމެއް ހިންގަން އަފްޣާނިސްތާނަށް ބައިނަލްއަޤުވާމީ އެހީ ބޭނުންވޭ: ޗައިނާ
އަސްކަރީ ބާރާއެކު ކަމެއްގެ ތެރެއަށް ވަދެގަތުމުގެ މޮޑެލްއަކީ އެއްވެސް ހާލަތެއްގައި މަސައްކަތް ކުރާނެ މޮޑެލްއެއް ނޫން ކަން، މިދިޔަ 20 އަހަރުގެ ތާރީޚަށް ބަލާލުމުން ހެކި ދޭ
އަފްޣާނިސްތާނުގެ މުސްތަޤުބަލާއި ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ބާރު އޮތް ބަޔަކީ އެ ޤައުމުގެ ރައްޔިތުން، އެކަން އޮންނަން ޖެހޭނީވެސް އަފްޣާނިސްތާނުގެ ރައްޔިތުންގެ މުށުތެރޭ
ޗައިނާއިން އޮތީ އަފްޣާނިސްތާނުގައި ސުލްޙަ ދަމަހައްޓާ ހަމަޖެހުން ޤާއިމު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިގެން ކުރިއަށް ދިއުމަށް ތައްޔާރުގައި

އަފްޣާނިސްތާނަށް އިޤްތިޞާދީ ކުރިއެރުން ކަށަވަރު ކޮށްދިނުމަށްޓަކާ ޤައުމުތަކުން ޢަމަލީ ރޫޙެއްގައި އަފްޣާނިސްތާނާއެކު ޝާމިލު ވާން ޖެހޭ ކަމަށް، ޗައިނާގެ މަންދޫބަކު ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވައިފިއެވެ.

ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ގެންގް ޝުއާންގް މިކަމަށް ގޮވާލައްވާފައި ވަނީ، އަފްޣާނިސްތާނުގެ މަސްރަޙާ ގުޅޭ ގޮތުން، އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ގެންގް ވިދާޅުވީ، އޯގަސްޓް 2021ގައި، ބިދޭސީ ފައުޖުތަކުން 20 އަހަރުވީ ހަނގުރާމައަކަށް ނިމުން ގެނެސް، ކުއްލި ގޮތަކަށް އަފްޣާނިސްތާނުން ފައިބައިގެން ދިޔަ ހިސާބުން، ސުލްޙަވެރި ރޫޙެއްގައި ޤައުމު އާރާސްތުކޮށް، ކޮޅަށް ޖެހުމުގެ އާ މަރުޙަލާއެއް ފެށިފައި ވާ ކަމަށެވެ.

އަސްކަރީ ބާރާއެކު ކަމެއްގެ ތެރެއަށް ވަދެގަތުމުގެ މޮޑެލްއަކީ އެއްވެސް ހާލަތެއްގައި މަސައްކަތް ކުރާނެ މޮޑެލްއެއް ނޫން ކަން، މިދިޔަ 20 އަހަރުގެ ތާރީޚަށް ބަލާލުމުން ހެކި ދޭ ކަމަށް ގެންގް ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ މުސްތަޤުބަލާއި ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ބާރު އޮތް ބަޔަކީ އެ ޤައުމުގެ ރައްޔިތުން ކަމަށާއި، އެކަން އޮންނަން ޖެހޭނީވެސް އަފްޣާނިސްތާނުގެ ރައްޔިތުންގެ މުށުތެރޭގައި ކަމަށްވެސް ޗައިނާގެ މަންދޫބު ވަނީ ފާހަގަ ކުރައްވާފައެވެ.

އަފްޣާނިސްތާނުގައި އޮތް ވަގުތީ ސަރުކާރާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢުން ޢަމަލީ ސިފައެއްގައި ގުޅުން ބާއްވަންޖެހޭނެ. ހަރަކާތްތެރި ރޫޙެއްގައި މުޢާމަލާތުކޮށް، ކެތްތެރިކަމާއެކު އިރުޝާދު ދީ، ދޭދޭ ފިކުރު އެއް ހަމަކޮށް، އިތުބާރު އުފައްދަން ޖެހޭނެ. ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން އެކުލެވޭ، މެދުމިނުގެ ފިކުރުގެ ވެރިކަމެއް ހިންގުމަށް އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ.
ގެންގް ޝުއާންގް؛ ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް

މި ރޫޙުގައި ވާހަކަދައްކަވަމުން ގެންގް ވަނީ، އދވެސް ހިމެނޭހެން މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން، ފާއިތުވީ 20 އަހަރުގެ ތާރީޚުން ޢިބްރަތް ހާޞިލުކޮށް، ފިލާވަޅުތަކެއް ދަސްކުރަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ. "އަފްޣާނުން އިސްވެ، އަފްޣާންގެ މިލްކެއް" މި ލަފުޒުތަކަކީ ހަމައެކަނި ދުލުން ބޭރުން ކޮށްލާ ލަފުޒަކަށް ހެދުމުގެ ބަދަލުގައި، ޢަމަލީ ގޮތުން އެކަން ދެއްކުމަށްވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ގެންގް ވަނީ ވިދާޅުވެފައެވެ.

މި ވަގުތަކީ އަފްޣާނިސްތާނަށް އިންސާނީ ކާރިޘާއެއް ކުރިމަތިވެފައި ވާ ވަގުތަކަށް ވާ އިރު، އެކަމުގެ ތަކުލީފުތައް ކުޑަކޮށްދިނުމުގެގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން އަފްޣާނިސްތާނަށް އެހީވެދޭން ޖެހޭ ކަމަށާ، އަފްޣާނިސްތާނުގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަކީވެސް އެންމެ މުހިންމު އިސްކަމެއް ދޭން ޖެހޭ ކަންތައް ކަމަށް ގެންގް ވަނީ ފާހަގަ ކުރައްވާފައެވެ. އަފްޣާނިސްތާނުގައި އުފެދިފައިވާ އިންސާނީ ކާރިޘާއާއި އިޤްތިޞާދީ ނުތަނަވަސްކަން ސިޔާސީ ކޮށްގެން ނުވާނެ ކަމަށާ، އެކަންކަމީ ސިޔާސީ މަސައްލަތަކާ ގުޅުވައިގެން ވާނެ ކަންތައްތަކެއް ނޫން ކަމަށްވެސް ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ގެންގް ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން އޮތީ އަފްޣާނިސްތާނުގައި ސުލްޙަ ދަމަހައްޓާ ހަމަޖެހުން ޤާއިމު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިގެން ކުރިއަށް ދިއުމަށް ތައްޔާރުގައި ކަމަށް ގެންގް ވިދާޅުވިއެވެ. އަދި އެކަމުގައި، ރަޝިއާ، ޕާކިސްތާން، އީރާން އަދި ސަރަޙައްދީ އެހެން ޤައުމުތަކާ އެކުގައިވެސް މަސައްކަތް ކުރަން، ޗައިނާ ތައްޔާރު ކަމަށް ގެންގް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް