ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 10:34
ޗައިނާއިން ބުނާ ގޮތުގައި އަލަށް މި ހޯދުނު މިނަރަލްއަކީ ޗައިނާގެ ރައްޔިތުންނަށް ދެވުނު އަގުބޮޑު ހަދިޔާއެއް
ހަނދުގެ ސަތަހައިން މުޅިން އާ މިނަރަލްއެއް ހޯދުން
ޗައިނާގެ ސައެންސްވެރިން، ހަނދުގެ ސަތަހައިން މުޅިން އާ މިނަރަލްއެއް ހޯދައިފި
އާ މިނަރަލްއަށް ޗަންގްސައިޓީގެ ނަމުން ނަން ދީފައި ވަނީ، ޗައިނާގެ ޤަދީމީ ޚިޔާލީ ވާހަކަތަކުގައި އުޅޭ ކެރެކްޓަރަކަށް ނިސްބަތްކޮށް
އެ މިނަރަލް ހުންނަނީ ހަނދާއި ގިނިހިލަތަކުގައި އެކަނި
ޗަންގްސައިޓީއަކީ ހަނދުގެ ސަތަހައިން ފެނުނު 6 ވަނަ އާ މިނަރަލް، އަދި ޗައިނާއަކީ ހަނދުން އާ މިނަރަލް ހޯދި 3 ވަނަ ޤައުމު

ހަނދުގެ ސަތަހައިން މީގެ ކުރިން ފެނިފައި ނުވާ މުޅިން އާ މިނަރަލްއެއް، ޗައިނާގެ ބޭޖީންގ ރިސަރޗް އިންސްޓިޓިއުޓް އޮފް ޔުރޭނިއަމް ޖިއޮލޮޖީގެ ސައެންސްވެރިން ހޯދައިފިއެވެ.

ޗައިނާގެ ޤައުމީ ޖައްވީ އިދާރާ (ސީއެންއެސްއޭ) އާއި ޗައިނާގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސްއެއްގައި ހާމަކޮށްފައި ވާ ގޮތުގައި، ހަނދުގެ ސަތަހައިން ޗައިނާގެ ސައެންސްވެރިން މުޅިން އަލަށް ހޯދި އާ މިނަރަލްއަށް ދީފައި ވާ ނަމަކީ "ޗަންގްސައިޓީ"އެވެ.

ޗަންގްސައިޓީއަކީ ހަނދުގެ ސަތަހައިން ފެނުނު 6 ވަނަ އާ މިނަރަލްއެވެ. އަދި ޗައިނާއަކީ ހަނދުން އާ މިނަރަލް ހޯދި 3 ވަނަ ޤައުމަށް މިވަނީ ވެފައެވެ. އާ މިނަރަލް ދެނެގަނެފައި ވަނީ، ހަނދުގެ ސަތަހައިން ޗައިނާއިން އެއްކުރި ސާމްޕަލްތައް ތަހުލީލު ކުރި ކުރުމުގެ ތެރޭގައެވެ. ހަނދުގެ ސަތަހައިން ޗައިނާއިން ސާމްޕަލް ނަގާ، ދުނިޔޭގެ ބިމަށް އެ ސާމްޕަލް ގެނެސްފައި ވަނީ "ޗަންގީ-5" މިޝަންގައި 2020 ވަނަ އަހަރުއެވެ. އެއީ ފާއިތުވީ 44 އަހަރު ދުވަހުގެ ތެރޭގައިވެސް ހަނދުގެ ސަތަހައިން ދުނިޔޭގެ ބިމަށް ސާމްޕަލް ގެނައި ފުރަތަމަ ފަހަރެވެ.

ބޭޖީންގ ރިސަރޗް އިންސްޓިޓިއުޓް އޮފް ޔުރޭނިއަމް ޖިއޮލޮޖީގެ ރިސަރޗް އެކްސްޕަރޓް، ލީ ޓިންގް ވިދާޅުވީ، ހަނދުގެ ސަތަހައިން ފެނުނު އާ މިނަރަލްއަކީ ހަމަ އެކަނި ދުނިޔެއިން ބޭރުން ލިބޭ މިނަރަލެއް ކަމަށެވެ. އެ މިނަރަލް ހުންނަނީ ހަނދާއި ގިނިހިލަތަކުގައި އެކަނި ކަމަށް ލީ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ލީ ވަނީ، ޗަންގްސައިޓީއަކީ އާ މިނަރަލެއް ކަމުގައި ކަނޑައެޅި ގޮތްވެސް ތަފްސީލު ކޮށްދެއްވާފައެވެ.

މި ޢާއިލާ 2 ގުރޫޕަކަށް ބައި ކުރެވޭ. އެތަނުން އެއް ގުރޫޕަކީ ވައިޓްލޯކައިޓް. އެއީ ދުނިޔެއިން ފެންނަ ބާވަތެއް. ޗަންގްސައިޓީ ނިސްބަތްވަނީ ބްރިއަނައިޓް ސަބްގުރޫޕަށް. އެއީ ހަމައެކަނި ދުނިޔެއިން ބޭރުން ފެންނަ މިނަރަލްއެއް. އެ މިނަރަލް ފެންނާނީ ހަމައެކަނި ހަނދުންނާއި ގިނިހިލަތަކުން. އެ މިނަރަލްގެ ބައިތަތަކީ، ގުރޫޕުގައި ހިމެނޭ އެހެން މިނަރަލްތަކާ ތަފާތު ބައިތަކެއް. މިއީ ހަނދުގެ ސަތަހައިން، ޗައިނާއިން އާ މިނަރަލެއް ހޯދި ފުރަތަމަ ފަހަރު. އަދި މިނަރަލޮޖީގެ ރެކޯޑަށް ބަލާއިރު، އާ ފޮސްފޭޓް މިނަރަލެއް ހޯދި ފުރަތަމަ ފަހަރު.
ލީ ޓިންގް؛ ބޭޖީންގް ރިސަރޗް އިންސްޓިޓިއުޓް އޮފް ޔުރޭނިއަމް ޖިއޮލޮޖީގެ ރިސަރޗް އެކްސްޕަރޓް

ޗަންގްސައިޓީއަކީ 10 މައިކްރޯންސްއަށް ވުރެންވެސް ސައިޒުން ކުޑަ މިނަރަލްއެކެވެ. ހަމަލޮލަކަށް ނުފެންނާނެއެވެ. ޗަންގްސައިޓީ ފެންނާނީ އެކަމަށް ހާއްސަ އާލާތްތަކެއްގެ ބޭނުންކޮށް، ޒޫމްކޮށްގެން އެކަންޏެވެ.

ޗައިނާގެ ސައެންސްވެރިން ހަނދުން ހޯދި އާ މިނަރަލްއަށް ޗަންގްސައިޓީގެ ނަމުން ނަން ދީފައި ވަނީ، ޗައިނާގެ ޤަދީމީ ޚިޔާލީ ވާހަކަތަކުގައި އުޅޭ ކެރެކްޓަރަކަށް ނިސްބަތްކޮށެވެ.

ޗައިނާއިން ބުނާ ގޮތުގައި އަލަށް މި ހޯދުނު މިނަރަލްއަކީ ޗައިނާގެ ރައްޔިތުންނަށް ދެވުނު އަގުބޮޑު ހަދިޔާއެކެވެ. އަދި ސައެންސްގެ ރޮނގުން އާ ހޯދުންތައް ހޯދުމަށް ޝަޢުޤުވެރިވާ ޒުވާނުންނަށްވެސް ފައިދާ ކުރަނިވި އެއްޗެކެވެ.

ހަނދުގެ ސަތަހައިން ހިލަޔާއި ވެލި ނެގުމަށް ޗައިނާއިން ކުރިއަށް ގެންދިޔަ މިޝަން ނިންމާލުމަށް ފަހު، ޖައްވީ އުޅަނދު "ޗަންގީ-5" ދުނިޔެއަށް އެނބުރި އައީ ޑިސެމްބަރު 2020 ގެ ފަހުކޮޅުގައެވެ. ހަނދުން ސާމްޕަލް ހިފައިގެން ދަތުރު ކުރި "ޗަންގީ-5" ޖައްސާފައި ވަނީ އިނާ މޮންގޯލިއާއޭ ކިއުނު ސަރަހައްދުގައެވެ.

ހަނދުގެ ސަތަހައިން މިފަދަ ސާމްޕަލެއް އެންމެ ފުރަތަމަ ގެނައީ އެމެރިކާގެ "އެޕޯލޯ" މިޝަންއިންނެވެ. އެއަށްފަހު ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިއާ)ގެ "ލޫނާ" މިޝަންއިންވެ. "ޗަންގީ-5" މިޝަންއިން ހަނދުން ސާމްޕަލް ނެގީ ހަނދުގެ ބޭރު ފަށަލަ ތޮރުފައިގެންނެވެ. އެހެންކަމުން، މި ސާމްޕަލްގައި އެކުލެވޭ ކުނޑިއަކީ، ސޯވިއެޓުން ގެނައި ސާމްޕަލްގައި ވާ ކުނޑިއަށް ވުރެ އެތައް ބިލިއަން އަހަރެއް ހަގު ކުނޑިތަކަކަށް ވެދާނެ ކަމަށް ބުނެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް