ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއަށް ލިބިފައި އޮތް މަޤާމުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް އެއީ އެމެރިކާގެ އެންމެ ބޮޑު ހަތުރެވެ. އެންމެ ބޮޑު ވާދަވެރިޔާއެވެ. ވަކިން ޚާއްޞަކޮށް، އަސްކަރީ ކަންކަމުގައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް މައުލޫމާތު ސިއްރު ކުރުމާއި، ފުރައްސާރައާއި ޖެއްސުން ކުރުން އޮތީ އޭގެ އެންމެ އިންތިހާއަށެވެ. ދިފާޢީ އެތައް ފާރެއް ފޫ އަޅުވާލުމަށްފަހު އިންޓަރނެޓް މެދުވެރިކޮށް ހެކް ކުރުމުގެ ޖަރީމާތައްވެސް ހިންގަނީ މަދެއްކޮށެއް ނޫނެވެ. މި ހުރިހާ ކަމެއް މިހެން އޮއްވާ، ޗައިނާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއް، އާންމުންގެ މީހެއްގެ އަތަށް އެރީ ފިސާރި ހެޔޮ އަގެއްގައެވެ. ޑޮލަރެއްވެސް ނުޖެހެއެވެ.
މީޑިއާގައި ހާމަކޮށްފައި ވަނީ އޭނާގެ ޢާއިލީ ނަން އެކަންޏެވެ. އެމީހަކީ ޗަންގް ނަމަކަށް ކިއާ މީހެކެވެ. ޗައިނާގެ އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް އޭނާގެ އަތަށް އެރީ، މަގުމަތީ ބާޒާރަކުން ގަތް ފޮތްތަކެއްގެ ތެރެއިންނެވެ. ޗައިނާގެ ސަލާމަތާ ބެހޭ ވުޒާރާއިންވެސް ވަނީ އެއީ ހިނގައިގެން އުޅޭ ކަމެއްކަން ކަށަވަރުކޮށްދީ، ޗަންގްއަށް ޝުކުރު އަދާ ކޮށްފައެވެ. މަގުމަތީ ބާޒާރަކުން، އިންތިހާ ހެޔޮ އަގުގައި އޭނާ ގަތް 4 ފޮތުގައި ހުރީ ޗައިނާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއްކަން އެނގުނު ހިސާބުން ޗަންގް ވަނީ، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި އޭގައި ހުރީ ކޮންކޮން ކަމަކާ ގުޅޭ ވާހަކަތަކެއް ކަންވެސް އޭނާ އާންމުކޮށްފައެއް ނުވެއެވެ. އެ ފޮތްތަކަކީ "ހަތުރެއްގެ" އަތަށް އެރި ފޮތްތަކެއް ނަމަ ދެން ވެދާނެ ގޮތެއް ޚިޔާލަށްވެސް ނުގެނެވޭނެ ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޗައިނާގެ ސަލާމަތާ ބެހޭ ވުޒާރާއިން އާންމު ކުރި ޕޯސްޓުގައި ޗަންގް ސިފަ ކުރަމުން ބުނެފައި ވަނީ، އޭނާއަކީ ޗައިނާގެ ދައުލަތުގެ ކުންފުންޏެއްގައި މީގެ ކުރިން މަސައްކަތް ކޮށްފައި ވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އަސްކަރިއްޔާގެ ޚަބަރުތަކާ ގުޅޭ ލިޔެކިޔުންތަކާއި މަޖައްލާތައް އެއްކުރަން ލޯބިކުރާ މީހެއް ކަމަށްވެސް ބުނެފައި އޮތެވެ. ޗަންގްއަށް 'އައު' ފޮތްތަކެއް ފެނުނީ ރީސައިކަލް ކުރާ ސްޓޭޝަނަކުންނެވެ. 2 ކޮތަޅު ފުރާ ހުރި ފޮތްތަކަށް އެރީ އެންމެ 6 ޔުއާންއެވެ. އެއީ ގާތްގަނޑަކަށް އެންމެ 85 ސެންޓު ނުވަތަ، 0.22 ލާރިއެވެ.
ފޮތްތަކުގައި ހުރީ ކޮންކޮން މައުލޫމާތެއް ކަން ޗަންގް، ކަމާ ބެހޭ ފަރާތްތަކަށް އެންގުމާއެކު ޗައިނާގެ ސެކިއުރިޓީ އޭޖެންޓުން ތަޙްޤީޤު ފެށިއެވެ. ޗަންގް ފޮތްތައް ގަތް ތަނަށް ގޮސް ބެލި ބެލުމުން، އެކަމުގައި ޒިންމާ ވަނީ އަސްކަރިއްޔާގެ ލިޔެކިޔުންތައް ނައްތާލުމުގެ ޒިންމާ މަތިކޮށްފައި ވާ 2 މުވައްޒަފެއް ކަން ދެނެގަނެވުނެވެ. 200 އަށް ވުރެ ގިނަ ފޮތް ޝްރެޑްކޮށްގެން ނައްތާލަން ހަވާލު ކުރީމާ، ކަރުދާސް ރީސައިކަލް ކުރާ މަރުކަޒަކަށް އެ ފޮތްތައް ވިއްކާލީއެވެ. 30 ކިލޯގްރާމްގެ ލިޔެކިޔުންތައް ވިއްކާލީ އެންމެ 20 އަކަށް ޔުއާން ނުވަތަ 2.75 ޑޮލަރަށެވެ. މި ދައްކަނީ، އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ދިފާޢީ ކިއްލާ ވަރުގަދަ ކޮށްފައި އޮތް ޗައިނާގެ އަސްކަރިއްޔާގެ ސިއްރު މައުލޫމާތު، މަގުމަތީ ބާޒަރަކުން ބާ ކަރުދާހުގެ ގޮތުގައި ގަންނަން ލިބެން ހުރި ވާހަކައެވެ.
ޚަބަރު ލިބޭ ގޮތުގައި ޗައިނާގެ އޭޖެންޓުން މިހާރު ވަނީ އެ ފޮތްތައް، ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ނަގާ، އެފަދަ މައުލޫމާތުތަކާ މެދު އަސްކަރިއްޔާއިން އަމަލު ކުރާ އުސޫލުގައި ހުރި ބާގަނޑުތައް ފޫބައްދަން ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދައުލަތުގެ ސިއްރަކީ ކޮބައިކަން މާނަކުރާ ކުރުމަށްވެސް ބަދަލުތަކެއް ގެނެސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެ ވާހަކައާއި، ބޮޑު ފޮށީގައި ތަޅުލާފައި އޮތަސް، ފެންނަން އޮތް އެއްޗެއް ފެންނާނޭ ކާބަފައިން ބުނެ އުޅެނީ ސަބަބެއް ނެތި ނޫންތާއެވެ!