ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 11:18
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދު
37 ބިލިއަނުން 17 ބިލިއަން ރުފިޔާއަކީ ކޮވިޑު ނައިނަމަ ނަގާނެ ދަރަންޏެއް ނޫން: އަމީރު
ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި
ކޮވިޑުގެ ހާލަތަށްފަހު އިގްތިސާދު ކުރިރުވަން ބާރަކަށްވީ ކޮވިޑުގެ ތެރޭގައި ކުރި މަސައްކަތުގެ ސަބަބުން

މި ސަރުކާރުން މިހާތަނަށް ނަގާފައިވާ 37 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 17 ބިލިއަން ރުފިޔާގެ ދަރަންޏަކީ ކޮވިޑުގެ ހާލަތާ ގުޅިގެން ނަގަން ޖެހުނު ދަރަނި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ފަލަސުރުޚީގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ހުއްޓިފައި އޮތްއިރުއޭގެ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރި ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ވެސް ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އިގްތިސާދު ވެއްޓުނަ ނުދީ އަވަހަށް ރިކަވަރު ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށާއި ކޮވިޑަށްފަހު އެންމެ އަވަހަށް ކުރިއަރާ އިގްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ އެއިރު ކުރި މަސައްކަތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތު އައުމުން ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ލަފާ ދިނީ އެވަގުތު ކުރެވެން އޮތް ކަމެއް ކޮށްގެންވެސް އިގްތިސާދު ވެއްޓުނަ ނުދިނުމަށް ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރިނަމަ މިއަދު ރާއްޖެ ވެސް އޮންނަން ޖެހޭނީ އިގްތިސާދީ ކާރީސާއެއްގެ ތެރޭގައިކަން އަމީރު ފާހަގަކުރެއްވިއެވެ.

އައިއެމްއެފް އިން ވެސް ވޯލްޑް ބޭންކުންވެސް އަދި އެހެނިހެން ފަރާތްތަކުން ވެސް މިބުނަނީ ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާށޭ. މި ދަނޑިވަޅަކީ ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކޮށްގެން އަވަހަށް އަރައިގަންނަން މަސައްކަތް ކުރަން ޖެހޭ ވަގުތޭ. އެހެންވީމަ 37 ބިލިއަން ރުފިޔާގެ ތެރެއިން 17 ބިލިއަން ރުފިޔާއަކީ ކޮވިޑު ނައިނަމަ އަޅުގަނޑުމެން ނަގާނެ ދަރަންޏެއް ނޫން.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މިިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ކޮވިޑު މެނޭޖު ކޮށްފައިވަނީ ވެސް ވަރަށް ފުރިހަމައަށް ކަމަށެވެ. އެގޮތުން، އިގްތިސާދީގޮތުން މުޅި ދުނިޔެއަށް ގޮންޖެހުންތައް ދިމާވެފައި އޮތް އިރުވެސް ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކިނުކުރުމާއި ވިޔަފާރިތަކަށް ލޯނު ދިނުމާއި ވިޔަފާރިތަކަށް ލުއި ދިނުމާއި ފްރަންޓް ލައިން އެލަވެންސް ދީފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން ކުރިން އަންދާޒާ ނުކުރާވަރަށްވުރެ އިތުރަށް ދަރަނި ނަގަން ޖެހުނު ނަމަވެސް އެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ނެގި ދަރަނި އިތުރުކަމަށާއި ޤައުމު ބަނގުރޫޓުވުމާ ހިސާބަށް ދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ރާއްޖެ ބަނގުރޫޓު ނުވާ ކަމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކޮށް، ޕަބްލިކް ސެކްޓަރު އިންވެސްޓްމެންޓްތައް މަޑުޖައްސާލުމުގެ ސިޔާސަތުތަކެއް މި ވަގުތު ސަރުކާރުން ގެންގުޅެމުންދާ ކަަމަށާއި ޕްރޮޖެކްޓްތައް ޓެންޑަރު ކުރުމުގެ މަރުހަލާތައް ފަށާނީ ރާއްޖެއަށް ދިމާވެފައިވާ ކޭޝްފްލޯގެ މައްސަލަ ހައްލުވުމުން ކަމަށެވެ.

- ކޮމެންޓް