ކ. މާލެ
|
3 ޖުލައި 2025 | ބުރާސްފަތި 21:31
ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތާޒާ ޓޮމާޓޯ
ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ތާޒާ ޓޮމާޓޯ
ގެޓީއިމޭޖަސް
އެމްއެމްއޭ
ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު
މަހުން މަހަށް އިންފްލޭޝަން ރޭޓަށް އައިސްފައިވާ ބަދަލަށް ބަލާއިރު އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ކަރަންޓުން ކަން އެމްއެމްއޭ އިން ވަނީ ފާހަގަ ކޮށްފައި
f

މި އަހަރުގެ މެއި މަހު ވެސް ރާއްޖޭގެ ތަކެތީގެ އަގު މައްޗަށް ހިނގައްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރީޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ މޭ މަހު ޤައުމީ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މަހުން މަހަށް އައި އިންސައްތައިގެ ބަދަލަށް ބަލާއިރު، މެއި މަހު ސީޕީއައި 0.5% އިތުރުވެފައި ވެއެވެ. މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު 0.5% އަށް ސީޕީއައި ދަށްވި ކަމަށް ރެކޯޑް ކުރެވިފައި ވަނިކޮށް އައި ބަދަލެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ސީޕީއައި މައްޗަށް ދިއުމަކީ ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދާ ކަން އަންގައިދޭ ނިޝާނެކެވެ.

ތަކެއްޗާއި ޚިދުމަތުގެ އަގުތަކުގެ ނިސްބަތް މައްޗަށް ދިއުމުގައި އެންމެ ބޮޑު ހިއްސާ އެއް ވަނީ ކަރަންޓު ބިލުތަކުގެ އަގު މައްޗަށް ދިއުމާއި، ކޮންމެ ދުވަހަކު ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުން ކަން ފާހަގަ ކުރެވެއެވެ.

ކަރަންޓު ބިލު މައްޗަށް ދާ ކަމުގެ ޝަކުވާ އިންތިހާ އަށް އާންމުން ކުރަމުން އަންނަ އިރު، މަހުން މަހަށް ދިރިއުޅުމުގެ އަގު ބޮޑު ވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވެސް ކަރަންޓުގެ ޚަަރަދުތައް ބޮޑު ވުން ކަން އެމްއެމްއޭ ގެ ރިޕޯޓުން ފާހަގަ ކުރެވެއެވެ.

އެމްއެމްއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި މަހުން މަހަށް އިންފްލޭޝަން ރޭޓަށް އައިސްފައިވާ ބަދަލަށް ބަލާއިރު އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ކަރަންޓުން (0.46 ޕަސެންޓޭޖް ޕޮއިންޓް) ނާއި މޭވާ އިން (0.02 ޕަސެންޓޭޖް ޕޮއިންޓް) އާއި، އަދި ކަނޑު މަހުން (0.02 ޕަސެންޓޭޖް ޕޮއިންޓް) އެވެ.

އަހަރުން އަހަރަށް ބަލާއިރު، ހުސްވި އަހަރުގެ މެއި މަހާއި މިއަހަރުގެ މެއި މަހު އަގު ތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު މެއި މަހު އިންފްލޭޝަން މައްޗަށް ދިއުމުގައި އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އަގުތައް މައްޗަށް ދިއުމާއި(1.77 ޕަސެންޓޭޖް ޕޮއިންޓް)؛ ދުންފަތުގެ އަގު އުފުލުމާއި (1.76 ޕަސެންޓޭޖް ޕޮއިންޓް)؛ ކަނޑު މަހުގެ އަގު މައްޗަށް ދިއުން (0.42 ޕަ ޕަސެންޓޭޖް ޕޮއިންޓް) ކަން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން މޭވާ އާއި ކިރާއި ކިރުން އުފައްދާ ތަކެއްޗާއި އަމިއްލަ ފަރުވާގެ އާލާތްތަކާއި، ތަކެއްޗާއި އުފެއްދުންތަކުގެ އަގުތައް ވެސް އަހަރުން އަހަރަށް ބަލާއިރު މައްޗަށް ގޮސްފައިވާ ކަން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

ރާއްޖޭގައި އަސާސީ ޚިދުމަތްތަކުގެ އަގު ފުޅާ ދާއިރާއެއްގައި މައްޗަށް ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ފާހަގަ ވެއެވެ.

- ކޮމެންޓް