އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިސްވެރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހަޅައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދއް ސައްތާރު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްޙީ ހާލަތު ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ކަމާއި އެކަމުގެ ފަރުވާއެއް ނުލިބި ގިނަ ދުވަސްވާކަމަށް މީޑިޔާއިން ލިބޭ މައުލޫމާތުގެ ސަބަބުން އެޕާޓީން ކަންބޮޑުވާ ކަމަށެވެ. އަދި އެކަމަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ އަދީބުގެ ސިއްޙީ ހާލަތާ މެދު އިވޭ އަޑުތައް ކށަވަރު ކުރުމަށާއި އެމަނިކުފާނުގެ ހާލަތު ދެނެގަތުމަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ އިސްވެރިން އަދީބާ ބައްދަލުކުރުމަށް އެދިފައިވާނޭ ކަމަށެވެ.
އެގޮތުން އެކަމަށް އެދި ހޯމް މިނިސްޓްރީއަށާއި ފުލުސް އޮފީހަށް ސިޓީ ފޮނުވާފައިވާނޭ ކަމަށާއި އެސިޓީގައި އެދިފައި ވާނީ އެމްޑީޕީގެ ރައީސްގެ ފަރާތްޕުޅުން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފަށާއި، ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހަށް އަދި ނައިބު ރައީސް މުހައްމަދު ޝިފާޒްއަށް އަދީބާ ބައްދަލުވާނޭ ގޮތް ހައްދަވައިދެއްވުން އެދި ކަމަށް އަނަސް ވިދާޅުވިއެވެ.
އަދީބުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖް ވިދާޅުވެފައި ވަނީ އަދީބުގެ ސިއްހީ ހާލަތު ވަރަށް ސީރިއަސް ކަމަށާއި އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ޖަލުގައި އަވަހާރަ ވެދާނެ ކަމަށެވެ. އަދި އަދީބުގެ ލޮލުގެ ފެނުން ވެސް ގެއްލިދާނެ ކަމަށް ސިރާޖް ވިދާޅުވެފައި ވެއެވެ.