ކ. މާލެ
|
19 ޖޫން 2017 | ހޯމަ 10:36
މާލޭގެ އިރު-އުތުރު ފަރާތުގައި އިމާރާތްކުރާ ހަ ބުރީގެ ބޮޑު މިސްކިތް އިމާރާތް ކުރާ ސަރަހައްދު - ފޮޓޯ: އީއައިއޭ ރިޕޯޓް، ވޯޓަރ ސޮލިއުޝަންސް
މާލޭގެ އިރު-އުތުރު ފަރާތުގައި އިމާރާތްކުރާ ހަ ބުރީގެ ބޮޑު މިސްކިތް އިމާރާތް ކުރާ ސަރަހައްދު - ފޮޓޯ: އީއައިއޭ ރިޕޯޓް، ވޯޓަރ ސޮލިއުޝަންސް
ވޯޓާރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް
ކިންގް ސަލްމާން މިސްކިތް
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
މާލޭގެ އިރު-އުތުރު ކަންމައްޗަކީ ފަރުން ބައެއް ކަނޑައިގެންގޮސް ވެއްޓިގެން ތަފާތު ދިރާސާތަކެއް ކޮށްފައިވާ ސަރަހައްދެއް
މާލޭގެ ވަށައިގެންވާ ފަރުގެ ތަފާތު ސަރަހައްދުގައި ރެނދުލާފައިވާކަން ވެސް އެކި ފަހަރުމަތިން ފާހަގަކުރެވިފައިވޭ
ރާއްޖޭގެ ރަށަކަށް މިހާތަނަށް ލިބިފައިނުވާ ވަރުގެ ގެއްލުންވުމުގެ ފުރުސަތު ބޮޑު

މާލޭގެ އިރު-އުތުރު ފަރާތުގައި އަޅާ ހަ ބުރީގެ ބޮޑު މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް އެ ޕްރޮޖެޓްގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުން ދައްކައިފި އެވެ.

މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މާލޭގެ އިރު-އުތުރު ފަރާތުގައި މިހާރު ލެވިފައިވާ އެއްގަމު ތޮށީގެ ބޭރުގައި ބޮޑުހިލައިގެ ތޮއްޓެއް ޖެހުމެވެ. އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލޭގެ އިރު އުތުރުކަންމައްޗަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލަ އާއި އެސަރަހައްދުގައި އެއްގަމު ތޮއްޓަށް ރާޅު މުގުރުމުގެ ސަބަބުން ދިމާވާ ލޮނުގެ އަސަރު ކުޑަކުރުމަށެވެ.

އީއައިއޭ ރިޕޯޓްގައި ބުނެފައިވާ ގޮތުން، އުދައެރުމާއި ލޮނުގެ އަސަރު ކުޑަ ކުރުމަށް ބޮޑުހިލަ ބޭނުން ކޮށްގެން ކަނޑު ތޮށި ޖެހުމަށް ވަނީ ހަމަޖައްސާފައެވެ. ހިލަތައް އެސަރަހައްދަށް ބޭލުމަށް ރޭވިފައި ވަނީ ހިލަ ބާޖު މާލޭގެ އުތުރު ކަންމައްޗަށް ކައިރި ކޮށްގެންނެވެ. އަދިި ބާޖު ކައިރި ކުރުމަށްޓަކައި ވެލިން ބެޑެއް އެ ފަރާތު ފަރު މަތީގައި ހަދާގޮތަށް ވަނީ ރާވާފައެވެ. އަދި ކަނޑުތޮށި ޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި އެކްސްކަވޭޓަރުތައް މަސައްކަތް ކުރުމަށްޓަކައި ވެސް ވެލިން ބެޑެއް އެ ސަރަހައްދުގެ ފަރުމަތީގައި އެޅޭނެ ކަމަށާއި އެމަސައްކަތް ނިމުމުން ވެލީގެ އެ ބެޑް ނެގޭނެ ކަމަށް ވެސް އީއައިއޭ ރިޕޯޓްގައި ވެއެވެ.

މާލޭގެ އިރު-އުތުރު ފަރާތުގައި އިމާރާތްކުރާ ހަ ބުރީގެ ބޮޑު މިސްކިތް އިމާރާތް ކުރާ ސަރަހައްދު - ފޮޓޯ: އީއައިއޭ ރިޕޯޓް، ވޯޓަރ ސޮލިއުޝަންސް

މީގެއިތުރުން އެ ރިޕޯޓްގައިވާ ގޮތުން، މާލޭގެ އިރު-އުތުރު ކަންމައްޗަކީ 2002 ވަނަ އަހަރުން ފެށިގެން އެސަރަހައްދުގެ ފަރުން ބައެއް ކަނޑައިގެންގޮސް ވެއްޓިގެން ތަފާތު ދިރާސާތަކެއް ކޮށްފައިވާ ސަރަހައްދެއް ކަމަށް ބުނެފައި ވެއެވެ. އަދި އެފަހަރު އެސަރަހައްދުގެ ފަރުން ބައެއް ވެއްޓެން ދިމާވީ މާލޭ ކަނޑުތޮށި ހެދުމުގެ މަސައްކަތްކުރުމަށް ބޭނުންކުރާ މެޝިނަރީޒްތައް އެރުވުމަށް އެސަރަހައްދުގައި އެޅިފައިވާ ވެލީގެ ބެޑުގެ ސަބަބުން ކަމަށް ބެލެވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެސަރަހައްދާއި އަދި މާލޭގެ ވަށައިގެންވާ ފަރުގެ ތަފާތު ސަރަހައްދުގައި ރެނދުލާފައިވާކަން ވެސް އެކި ފަހަރުމަތިން ފާހަގަ ވެފައިވާއިރު، މި ދިރާސާއަށް މެރިން ސާރވޭގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މާލޭ އި-އުތުރު ކަންމަތީ ފަރުގެ އެކި ފުންމިނުގައި ހޮހޮޅަޔާއި އޯވަރ ހޭންގިންތައް ފެނިފައިވާ ކަމަށް މިރިޕޯޓްގައި ބުނެފައި ވެއެވެ.

މިމަޝްރޫއުގެ އީއައިއޭ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެންމެ ބޮޑަށް އަސަރުކުރާނެ ކަމަށް ބެލެވެނީ މާލޭގެ އިރު-އުތުރު ފަރާތުގެ ފަރަށާއި ރަށް އުފެދިފައިވާ ބައްޓަމަށާއި ރަށުގެ މޫދުގެ މާހައުލަށާއި މޫދުގައި ހިމެނޭ ދިރޭ ތަކެއްޗަށެވެ.

އެ ރިޕޯޓްގައި ތިމާވެއްޓަށް ކުރާ އެފަދަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަރަށް ބޮޑަށް ސަމާލުކަންދީ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފި ނަމަ ކޮންމެވެސް ވަރަކަށް ލިބޭ ގެއްލުން ކުޑަ ކުރެވިދާނެ ކަމަށް އެރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރިޕޯޓް ނިންމާލަމުން ބުނެފައި ވަނީ މިދިރާސާއިން ބެލިބެލުމުން މި މަޝްރޫއުގެ ސަބަބުން މާލޭގެ ތިމާވެއްޓަށް ރާއްޖޭގެ ރަށަކަށް މިހާތަނަށް ލިބިފައި ނުވާ ވަރުގެ އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ފެންނަ ކަމަށެވެ. އަދި އެމަޝްރޫއު ހިންގާ ނަމަ އިތުރު ދިރާސާތަަކެއް ކުރިއަށް ގެންދުއުމަށް ވެސް އީއައިއޭ މި ރިޕޯޓްގައި ލަފާދީފައި ވެއެވެ.

މީގެ ކުރިން ވެސް ނަސަންދުރަ ހުރި ބިމުގަ އާއި ދަރުބާރުގެ އިރުން އޮންނަ ބިމުގައި އުސް އިމާރާތެއް އެޅުމަށް ޕްލޭންކުރުމުން ކުރި ދިރާސާތަކަށް ފަހު އެ ދެ ސަރަހައްދުގައި އުސް އިމާރާތްތައް އަޅައިފި ނަމަ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަން ފާހަގަކުރެވިފައި ވެއެވެ. އަދި އެ ސަރަހައްދުގައި އުސް އިމާރާތްތައް ނުކުރުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އޭރު އަޑު އުފުލާފައި ވެއވެެ. ނަމަވެސް ނަސަންދުރަ ހުރި ބިމުގައި ވެސް 20 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

މާލޭގެ އިރު-އުތުރު ފަރާތުގައި އިމާރާތްކުރާ ހަ ބުރީގެ ބޮޑު މިސްކިތް އިމާރާތް ކުރާ ސަރަހައްދު-- ފޮޓޯ: އީއައިއޭ ރިޕޯޓް، ވޯޓަރ ސޮލިއުޝަންސް

މާލޭގެ އިރު-އުތުރު ފަރާތުގެ ސަރަހައްދުގައި އިމާރާތްކުރާ ހަ ބުރީގެ ބޮޑު މިސްކިތަކީ ސައުދީ އަރަބީއާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ރާއްޖެއަށް ދެއްވާ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތެވެ.

އެ މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭއިރު، 41,500 އަކަފޫޓަށް ވުރެ ބޮޑު ފްލޯއޭރިއާއެއް ނަމާދު ކުރުމަށް ހާއްސަކުރެވެއެވެ.

މިމިސްކިތުގައި ކުތުބު ހާނާއަކާއި ޤުރްއާނާއި ބެހޭ މަރުކަޒެއްގެ އިތުރުން މަލްޓި ޕާޕާސް ހޯލެއް، ޖަލްސާ ކުރާ މާލަމެއް، އަދި ކްލާސް ރޫމްތައް ހިމެނެއެވެ.

މީގެ އިތުރުން، ހަ ބުރީގެ އެ މިސްކިތުގައި ހަތަރު ލިފްޓް ހަރުކުރެވޭއިރު، ޕާކިންގ ޒޯންތައްވެސް ހުރެއެވެ.

ސައުދީ ރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް ކިންގް ސަލްމާނުގެ ނަމުން ނަންދީގެން އިމާރާތްކުރާ އެ މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މާލެ އިރު-އިތުރު ފަރާތުގެ 142،716 އަކަފޫޓަށް ވުރެބޮޑު ބިމެއްގައި ކަމަށް ހައުސިންގ މިނިސްޓްރީންނާއި އިސްލާމިކް މިނިސްޓްރީ ކުރިން ބުނެފައިވެއެވެ.

ދާދިފަހުން ސައުދީ އަރަބިޔާގެ ރަސްގެފާނު ކިންގް ސަލްމާން ރާއްޖެވަޑައިގަންނަވަން ނިންމެވި ދަތުރުފުޅުގައި އެމިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް މިސްކިތް އިމާރާތްކުރާ ސަރަހައްދު ތައްޔާރު ކޮށްފައިވެއެވެ. ނަމަވެސް ކިންގް ސަލްމާނު ރާއްޖެއަށް ވަޑައިގަންނަވަން ނިންމެވި މިދަތުރުފުޅު ފަހުން ވަނީ ކެންސަލް ކުރައްވާފަ އެވެ. ކިންގް ސަލްމާނުގެ މިދަތުރުފުޅާ ގުޅިގެން ފ. އަތޮޅު ކިންގް ސަލްމާންގެ އާއިލާއަށް ވިއްކާލަން އުޅޭކަމުގެ އަޑުތަށް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެެވެ.

- ކޮމެންޓް
19 ޖޫން 2017 | ހޯމަ 11:27
ހުސެން
ތިމަސައްކަތް ކޮއްގެންނުވާނެއެވެ. ކޮއްފިނަމަ އެބަޔަކަށް ދައުވާ ކުރާނަމަވެ. އަދި ހައްގު އަދަބު ދެވޭނެއެވެ