ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 16:20
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މަގޭ ރިޕޯޓް
"ޓިނު"…… ޕާޓް 2
އަދުރޭއަށް ޓިނު އަދުރޭއޭ ގޮވުމުން ވަނީ ޕީޕީއެމްތެރެ ހޫނުވެފައި

ޕީއެންސީގެ ރައީސް ޢަބްދުއް ރަހީމަށް ރައްދުކޮށް ޕީޕީއެމްގެ އިސްސަފުން "ޓިނު އަދުރޭ" އޭ ގޮވުންވީ އާދައިގެ ކަމަކަށް ނޫނެވެ. އެނަމުން އަދުރޭއަށް މީގެކުރިން މުޚާތަބު ކުރަނީ ޕީޕީއެމާއި އިދިކޮޅު ސިޔާސީ މީހުންނެވެ. ނޫންނަމަ އަދުރޭއަށް ފާޑުކިޔައި ޕީޕީއެމް ނޫން މީހުންނެވެ. އެމީހުން އެގޮތަށް ކިޔައި އުޅުނު ސަބަބެއްކަމަށްވަނީ 12 ގަނޑު ޓިނެއްގެ މައްސަލައިގަ އަދުރޭގެ މައްޗަށް ހުކުމެއް ކޮށްފައި އޮތުމެވެ.

އަދުރޭއާއި ސިޔާސީގޮތުން އިދިކީލި މީހުން އެހެން ކީނަމަވެސް ރައީސް ޔާމީންގެ އެންމެ އަރިސް އެއްބޭފުޅާ ކަމުގައިވާ ރައީސް ޔާމީންގެ ވެރިކަމުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފެއްގެ ގޮތުގައި ހުންނެވި މުސްތޮފާ، ޓިނު އަދުރޭގެ ނަމުން މުޚާތަބުކޮށް މީސްމީޑިއާއަށް ދޫކޮށްލުމުން އެކަން ވައިގައި ހިފީ ތިޔަހެނެއް ނޫނެވެ. އިސާހިތަކު ޕީޕީއެމް ކޯލިޝަންތެރޭގައި ހެޔޮވަރުގެ ކޯޅުމެއް ހިނގައިގަތެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން ބައްދަލުވުންތައް ބާއްވަވައި މަތިމަތިން ހަމަޖެހުނުކަން ދެއްކިނަމަވެސް އޭރުވެސް ޕީޕީއެމްގެ އަދުރޭގެ ސަޕޯޓަރުންނާއި ސިޔާސީކަންކަން ދިރާސާކުރާ މީހުން ބުނާގޮތުގައި އެއީ ސީދާ ރައީސް ޔާމީން ކުރެއްވިކަމެކެވެ. ޕީޕީއެމްތެރޭގައި އޮތް ފެކްޝަންތަކުގެ ބާރު ހުރިވަރެއް ބަލާލަން ކުރެއްވި ކަމެއްކަމަށެވެ. ކެނޑުމުގެ ކުރިން ރަނގަޅަށް ވަކަރަށް ޖަހާލުމަށެވެ. އަދި ތަންވަޅު ބަލާފައި އެފަދަ ރޯޅިތައް ނަގާނެ ކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ.

މުޅިއަކުން އެއީ ދޮގެއްކަމަށް ނިންމައިގެން ތިބެވެން ނެތްކަން އެނގޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވި ވަގުތީ ޕްރީ ސްކޫލާއި ހަމައިން އަނެއްކާވެސް އެއްކަލަ ފުރައްސާރަ ފެށުނީއެވެ. ސަރުކާރަށް މަލާމާތް ކުރުމުގެ ނަމުގައި ފުދޭވަރަކަށް އެއްޗެތި ކިޔައިފިއެވެ. ޓިނު ސްކޫލުގެ ނަމުގައެވެ. މިހާރު މުޅިންވެސް ޓިނެވެ. އިދިކޮޅު މީހުން ދައްކާ ކޮންމެ ވާހަކައަކާއި ސަރުކާރަށް އެއްލާ ކޮންމެ ގާބުރިއެއްގައި ޓިނު ހިމަނާލައެވެ.

ވިސްނާލީމާ އެނގުނީ އެއްކަލަ މީހުން އެބުނާފަދަ ރާޅެއް ނެގީކަމެވެ. އަދުރޭއަށް ފުރައްސާރަ ކުރުމުގެ އާ ބޮޅެއް ފެށުނީކަމެވެ. "ޓިނު އަދުރޭގެ ޕާޓް 2" ނިކުތީކަމެވެ. އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. ނާފަހެ! ޓިނު ހިމަނައިގެން ސަރުކާރަކުން އިމާރާތެއް އެޅި މީ ފުރަތަމަ ފަހަރެއް ނޫނެވެ. ޚުދު ރައީސް ޔާމީންގެ ދައުރުގައިވެސް ޓިނުން ގަތް ގަނޑުތައް މަދެއް ނޫނެވެ. އެވަރުތަނެއް ކަމަށް ނެތިގެން އުޅުނު މަޝްހޫރު އައިސް ޕާކް އެޅީ ޓިނުންނެވެ. މިހާރުވެސް ދަރިވަރުން ކިޔަވަމުންދާ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް އެހެރީ ޓިނުންނެވެ. ބޮޑުގެ ސަރަހައްދުގައި ހުރި ވަގުތީ މިސްކިތް އެހެރީވެސް ޓިނުންނެވެ. ރަށްރަށުގެ ވަގުތީ ކުލާސްރޫމްތަކާއި މިސްކިތްތައްވެސް ޓިނުން ހަދާފައިހުރީ މަދެއްކޮށެއް ނޫނެވެ. ސަރުކާރުގެ ބިންބިން އަމިއްލަ ތަންތަނުގެ ގޮތުގައި ނަގައިގެން ޔާމީންގެ ސަރުކާރުގައި ހެދި ޕީޕީއެމް ޖަގަހަތައް ހެދީވެސް މައިގަނޑުގޮތެއްގައި ޓިނުންނެވެ. ވެސްޓް ޕާކް ސަރަހައްދުގައި އެހެރަ މިހާރު ފުލުހުންގެ އިމާރާތެއްގެ ގޮތުގައި ބޭނުންކުރާ ޓިނު އިމާރާތްވެސް އެއީ އޭގެ ތަނެކެވެ. ހުޅުމާލޭގައި 20 އަހަރުވީ ވަގުތީ މިސްކިތަކީވެސް ޓިނުން ހަދާފައި ހުރި މިސްކިތެކެވެ. ތިޔަހާ ވަރުތަކެއް އެއިން އެއްވެސް އިރަކު ނާރައެވެ. ހާސަރުތަކެއް ދަމައެއް ނުހެދިއެވެ.

މިސަރުކާރުންވެސް ޓިނުން އެޅި މިއީ ފުރަތަމަ ތަނެއް ނޫނެވެ. ވަގުތީ ޒިކުރާ މިސްކިތް އެޅީ ޓިނުންނެވެ. އަމުދުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސަރުކާރުން ޓިނުން އެޅި މިއީ ފުރަތަމަ ތަނެއްވެސް ނުމެ ނޫންމެއެވެ. އެތަނުގައި މިހާތަނަށް އެޅި ވަގުތީ ހުރިހާ މިސްކިތެއްގެ ބޮޑުބައިވެސް އެޅީ ޓިނުންނެވެ. ފާޑެއްކީ މީހަކު، ހަޖޫޖެހި މީހަކު ނެތެވެ.

މިހުރިހާ ކަމަކަށް ބަލާއިރު މިއުޅެނީ ސްކޫލެއް ޓިނުން ހަދައިގެން ނޫންކަން އެނގޭ ނޫންހެއްޔެވެ. މިއުޅެނީ މުޅިން އެހެންކަމެކެވެ. ޕީޕީއެމް ތެރެއިން އަދުރޭއޭ ނުކިޔާ ޓިނަށް ގޮވޭނޭ ގޮތެއް ބެލީއެވެ. އަދުރޭއަށް ކުރި ފުރައްސާރައެކޭ މަށަކު ބުނާކަށް ނެތީމެވެ. އެކަމަކު އެހެން ހީވާ ބޮޑު އެހެން ސަބަބެއްވެސް ހާމަޔަށް ފެންނާން އެބައޮތެވެ. އެވާހަކަވެސް ބުނެލަމާ ބަހީއެވެ. އިތުރަށް ވިސްނާލަން ފަސޭހަވާނެތީއެވެ.

ނިކަން ވިސްނާލަބަލާށެވެ. އަދުރޭއަކީ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއްބޭފުޅާއެވެ. ކަމެއް ހަމަހިނގާއިރަށް ލައްކަވާހަކަ ސަރުކާރާ ދިމާލަށް އަދުރޭ ގޮވާނަގައެވެ. އެކަމަކު މިފަހަރު އިޚްތިޔާރު ކުރެއްވީ ހަނު ހުންނެވުމަށެވެ. ޗުއްޕު ވެސް ވިދާޅެއް ނުވެއެވެ. ދެއަކުރެއްގެ ޓްވީޓް ގަނޑެއްވެސް ނުކުރެއްވިއެވެ. ސަރުކާރުން ކަމެއްކޮށްފިހޭވެސް މިފަހަރު އަހައެއް ނުލިއެވެ. ވާނީވެސް އެހެންތާއެވެ. އަދުރޭއަކީވެސް އާދައިގެ މީހެއް ނޫންވިއްޔާއެވެ. ވާގޮތާއި ވަމުންދާގޮތާއި މާޒީގެ ކަންކަންވެސް އެނގިވަޑައިގަންނަވާނެ ވަރުގަދަ ސިޔާސީ ބޭފުޅެއްވިއްޔާއެވެ. ގައިމުވެސް އެކަންކަމަށް ރިއާޔަތް ކުރައްވާ ލައްކަ ހިސާބުތައް އަދުރޭވެސް ޖައްސަވާނެތާއެވެ. އެހެންކަމަށްވާނަމަ އަދުރޭ ޓިނެކޭ ނުކިޔާނެތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް