ހުޅުމާލެ ފޭސް 2ގައި ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ތަރައްގީކުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި، ހޮނިހިރު ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. ނިމިގެންދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް އަޅަން ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ނިންމައި މުވައްޒަފުންނާ ހަވާލުކޮށްފައިވަނީ ސްޓެލްކޯއިންކަން ފާހަގަކޮށްލެވެއެވެ. ގޮންޖެހުންތަކާއެކުވެސް މި މަސައްކަތް ނިންމާލެވުމަކީ ސްޓެލްކޯގެ ޓީމަށް ލިބުނު އުފަލެއްގެ ގޮތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އޭނާ ސްޓެލްކޯ ފްލެޓްތަކުގެ މަސައްކަތުގެ ކާމިޔާބުކަން ސިފަކުރައްވާފައިވަނީ ވަރަށް ތަފާތު މޭރުމަކުންނެވެ. އެ މަސައްކަތް އޭނާ ސިފަކުރެއްވީ ކާމިޔާބު ފުޓްބޯޅަމެޗެއްގެ ގޮތުގައެވެ. ސްޓެލްކޯ ފްލެޓްތަކުގެ މަސައްކަތްކުރުމުގައި ކުރީގެ އެމްޑީއިން އަދާކުރެއްވި މުހިންމު ދައުރަކީ ކުޅުންތެރިން ފުޓްބޯޅައިގެ މަައިދާނުގައި ބޯޅަ ޕާސްކޮށް ގޯލާހަމައަށް ބޯޅަ ގެނެސްދިނުންކަަމަށް ޝަރީފް ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ފްލެޓްގެ މަސައްކަތް ނިމުމާ ގާތްވެފައިވަނިކޮށް ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަރީފް އައްޔަންކުރި ކުރުން އޭނާ ސިފަކުރެއްވީ ޕެނަލްޓީއެއް ޖަހަން ފުރުސަތު ލިބުމުން، ޕެނަލްޓީ ޖަހަން މޮޅު ކުޅުންތެރިއަކާ ގޯލް ޖަހަން ހަވާލުކުރުމުގެގޮތުގައެވެ.
އެއް ކުޅުންތެރިޔަކު ޑިފެންސް ލައިނުން ބޯޅަ ހިފައިގެން މެދަށްވުރެ ކުރިއަށް ދާ ތަނުން ބޯޅަ ޕާސްކުރަން މި ޖެހުނީ. ބޯޅަ ޕާސްކޮށްފަ ދެވަނަ ކުޅުންތެރިޔަކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޕެނަލްޓީ ހޯދުމަށް ފަހު، ކަށިގަނޑު ފުމާލުމާއެކު ކޯޗު ބުނީ ޕެނަލްޓީ ޖަހާނީ އެހެން މީހެކޭ. ސަބަބަކީ ޕެނަލްޓީ ޖެހުމުގެ އެކިއުރެސީއާ ހުނަރު ހުރީ އެހެން ކުޅުންތެރިއެއްގެއޭ. އަޅުގަނޑަށް ލިބުނީ ޕެނަލްޓީ ޖަހަން. ގޯލު ޖެހީ އަޅުގަނޑު.ސްޓެލްކޯގެ އެމްޑީ ޝަރީފް
ޝަރީފްގެ ވާހަކަފުޅުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ކޯޗުކަމަށްވެސް ވަނީ ސިފަކުރައްވާފައެވެ. ކުރިއަށް އޮތްތަނުގައިވެސް ރައީސް ސޯލިހުގެ އިރުޝާދާ އެއްގޮތަށް ސްޓެލްކޯގެ ޚިދުމަތްތައް ކުރިއަރުވަން މަސައްކަތްކުރާނެކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ފްލެޓްތަކަށް ފައިސާދެއްކުމުގައި މުވައްޒަފުންނަށް ފަސޭހަ ގޮތަކަށް އަމަލުކުރަން ވިސްނާފައިވާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ފްލެޓްތަކުގެ އަގު ސްޓެލްކޯއަށް ދައްކާގޮތަށް ނިންމާފައިވަނީ މުވައްޒަފުންނަށް ލުއިކޮށްދިނުމަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. މި ފްލެޓްތަކަށް ފައިސާ ދައްކާއިރު ބޭންކު ލޯނެއްގެ ގޮތުގައި ފައިސާ ދައްކަން ޖެހުނުނަމަ މުވައްޒަފުން ފްލެޓަކަށް 5.8 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށާއި، އެއީ މުވައްޒަފުންނަށް ލިބޭ ގެއްލުމެއްކަމަށް ޝަރީފް ވަނީ ސިފަކުރައްވާފައެވެ.
60% ސްޓާފުންނަށް ލޯނު ނުލިބުނީސް، ބޭންކަށް ލޯނު ހޯދަން ލާނަމަ. އެއީ ކްރައިޓީރިއާ ހަމަ ނުވަނީ. 205 ފަރާތުގެ އާއިލާގެ ވާހަކަ މިދަންނަވަނީ. މިހާރު ސްޓާފުން އަތުން ނެގުމަށް ނިންމާފައި ވަނީ 623 މިލިއަން. ބާކީވާ ބައި ތަފާތު އެހެނިހެން ގޮތްގޮތުން ސަރުކާރުން ތަހައްމަލުކުރާނެ. މިއީ ސަރުކާރުން، ކުންފުނިން ތިބޭފުޅުންނަށްޓަކާ ކޮށްދޭ ކަމަކީ.ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް
މިއަދު ތަޅުދަނޑި ހަވާލުކުރީ 328 އެޕާޓްމަންޓެއްގެ ކަމަށްވާއިރު، ބާކީ ހުރި 32 އެޕާޓްމަންޓް ލިބޭ ފަރާތްތައް ވަރަށް އަވަހަށް ގުރުއަތުން ހޮވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.