މީހުން ބުނެ އުޅެއެވެ. ޖަހާން ވާނީ ޖަހާންވާވަރުގެ ސަކަރާތެވެ. ކުރާން ވާނީވެސް ކުރާންވާވަރުގެ ކަންކަމެވެ. އަމުދުން ބައެއްގެ ހިތުގައި އޮތް އެއްޗެއް ބަދަލުކޮށް އެނޫން ކުލައެއް އޭގައި ޖައްސާން އުޅުމަކީ މޮޔަކަމެކެވެ. ކުރާން ހެޔޮވާވަރުގެ ކަމެއްވެސް ނުމެނޫންމެއެވެ.
ހުކުރުދުވަހު އެމްޑީޕީން ބޭއްވި ބިޔަބޮޑު މުޒާހަރާގެ ވާހަކަ އިވުނީންސުރެ މުއިއްޒުއާއި މުއިއްޒުގެ އަޅުކުދިން ދެފައި އެއްތާކު ނުޖަހައެވެ. އެއެއްވުމަށް މީހުން ނެރުމަށް އެމްޑީޕީން ކުރާ މަސައްކަތަށްވުރެ ބޮޑު މަސައްކަތެއް ކުރަމުންދިޔައީ އެއްވުމަށް މީހުން ދިޔަ ނުދިނުމަށް ސަރުކާރުންނެވެ. ސީދާ މުއިއްޒުއެވެ. މުއިއްޒު އަންގައިގެން ސަރުކާރުގެ ވަޒީރުންނާ ސިޔާސީ އެހެން މީހުންނެވެ. މަޖިލިސް މެންބަރުންވެސް ދެވަނަ ދެކަމެއް ނުކުރެވެ.
އެއްވުމަށް މީހުންގެ ނަފްރަތު އުފެއްދުމަށް ސަރުކާރުން ފައިސާ ދީގެން ގެންގުޅޭ ކުދިންކޮޅު ލައްވައި ސޯޝަލް މީޑިޔާ ހިންގާލިއެވެ. ތަފާތު ޕޯސްޓް ތައް ހަދަހަދައިގެން އެކްސް އެކައުންޓް ތަކާއި ފޭސްބުކްގައި ދައުރު ކުރަން ފެށީކީ ތިޔަހެނެއް ނޫނެވެ. އެމްޑީޕީ ޕިކަޕަށްވުރެ ބާރަށް އަޑުގަދަކޮށްފައި ދުއްވާނެގީ އެއާ ދެކޮޅަށް ނެރުނު ޕިކަޕެވެ. ރާއްޖޭގެ ތާރީޚުގައިވެސް އަލަށެވެ. އެއްވުމުގެ ރާގު ބަދަލު ކުރެވޭތޯ ދައުލަތުގެ ޓީވީންވެސް ލައްކަ ގަނޑުގަތެވެ. ގައުމީ ޓީވީގެ ނަމަށްވެސް ހުތުރުވާހާ ސާފުކޮށެވެ.
ދެން އެއައީ މީހުންނިދާ ފައިހިލަވަޅު އޮބުނުފަހުން އެނެރުނު ކުއްލި އޮޑިޓް ރިޕޯޓެވެ. ފެނަކައިގެ ކޮރަޕްޝަނޭ ވައްކަމޭ ކިޔައިގެން އެ ނެރުނު ރިޕޯޓްވެސް އެނެރުނީ ދަންވަރު ސަރުކާރު ބަންދުގަޑިއެއްގައެވެ.
ކުއްލިއަކަށް ކުރިންވި ވައުދުތައްވެސް އާކޮށްލިއެވެ. ނުނިމި އެތައް ދުވަހެއް ދިގުލި ތާރީޚްތައް ދޫކޮށްލާ އަލުން އާތާރީޚްތަކެއް ދިނެވެ. ހީވީ ދެންމެ ދެންމެ ޑޮލަރުވެސް ތިރިވެދާނެ ހެންނެވެ. މުސާރަތައްވެސް ބޮޑުވެދާނެ ހެންނެވެ. މަހުގެ އަގުވެސް 20 ރުފިޔާއަށް ހަމަޖެހި ނިމުނީ ކަމަށެވެ.
ދެންއެއައީ އެއްވުން އޮތް ދުވަހެވެ. ދުވަހަށް އިރުއަރަންވާއިރަށް ސިފައިންނާ ފުލުހުން ރަޔަޓް ގިޔަރުގައި ނެރުނެވެ. އެއްގަމާ ކަނޑުމަތިން ޗެކް ކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފެށިއެވެ. މަތިން ތުރުކީ ޑްރޯން ދުއްވާން ފެށިއެވެ. މީހުން ބިރުން ފިތްކަނޑައިގެންދާވަރުގެ ވަރުގަދަ ބަޔާނެއް ފުލުހުން ލައްވައިވެސް ނެރުނީއެވެ. ގޭންގިތައް އޮޕަރޭޓް ވެދާނެ ކަމުގެ ބިރު ދައްކާފައެވެ.
ދުވަހަށް އިރު އެރުމާއެކު ކުއްލިއަކަށް އެ ފްރީޒް ކުރީ އެމްޑީޕީގެ އެކައުންޓްތަކެވެ. ކުންފުނިތަކުގެ މުވައްޒަފުންނަށް ހިލޭ މަސްދަތުރެވެ. ބައިވެރިނުވާ މީހުންނަށް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ. އަނެއްބައި ކުންފުނިތަކުން އެއެންގީ ވަގުތުން އޮފީހަށް ނުކުމެ ކާޑު ޖެހުމަށެވެ. ތާސް ކުޅެ ބާބަކިއު ހަދަންވެސް އޮފީހުގައި ތިބމަށެވެ. އެއްވުން ނުނިމެނީސް ބޭރަށް ނުނިކުމެ ބަންދު ދުވަހެއްގައި އޯޓީ ޖަހާލައިގެން އޮފީހުގައި ތިބުމަށެވެ. ހުޅުމާލޭގައި ބޮޑު މިޔުޒިކް ޝޯއެކެވެ. ޒުވާނުން ދިޔަ ނުދޭށެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. އެއްވުން ބޭއްވުމަށް ކުޑަތަންވީއިރު މުއިއްޒު ނުކުރާ ކަމެއް ނެތެވެ. ނުޖަހާ ސަކަރާތެއް ހަޑިވެގެންވެސް ނެތެވެ. ކުދަމިނުން ދުނިޔޭގެ ލަދަށްވެސް ބަލާލުމެއްނެތިއެވެ.
ކޮންމެއަކަސް ކުރި އެއްވެސް ކަމެއް ވަތަކުތޯ ނުޖެހުނެވެ. މުޅިންވެސް ފެންފުރުނީ ފޫނެއް ފަޔަކަށެވެ. ޖެހި އެއްވެސް މަޅިއެއްގައި މީހަކު ޖެހޭގޮތެއް ނުވިއެވެ. ރުވިހާ މަޅިތަކުން ގިރާކޮށް މުޅި އާޓިފިޝަލްބީޗް ސަރަހައްދު ފުރާލީއެވެ. ބޯކޮށް މީހުން އެއްވީއެވެ. އެއްވި މީހުން ގިނަވެ މަގުތަކުގައިވެސް ތިބެންޖެހުނީއެވެ. ސާފުސީދަލަށް މުއިއްޒުގެ އަސްލު ގޮވާ ނެގީއެވެ. ސަރުކާރު ހިންގާގޮތާއި ހިންގާ ޖަރީމާތަކުގެ ވާހަކަ ރައްޔިތުންނަށް ހާމަކުރީއެވެ. ތިލަކުންނާ ފަށުއިކުންނެވެ. އަދި ކަންހުރިގޮތުން މުޚާތަބުކުރާ އެހެން ނަންނަމުންނެވެ. ކައްޒާބަށްވެސް ގޮވީއެވެ. އިސްތިއުފާއަށްވެސް ގޮވީއެވެ.