މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބޮޑެތި، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން "ބިންވެރިޔާ ސްކީމް"ގެ ދަށުން ގިނަ ގޯތި ދޫކުރުމަށް ނިންމައި، ބިންތައް ހިއްކުމުގެ އަމަލީ މަސައްކަތް ފެށިއެވެ. ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވެއެވެ. އަދި ހުޅުމާލެ-ފޭސް 3ގެ ޕްލޭން އެކުލަވާލައި، ފޭސް-3 އަކުން ބިން ދޫކޮށް، އެސަރަހައްދު ވެސް ވަކި ޕްލޭނެއްގެ ދަށުން ހިއްކަން ފެށިއެވެ.
ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު، މިހުރިހާ މަޝްރޫއެއް ހުއްޓުނެއެވެ. އާއްމު ރައްޔިތުންގެ ޕްރެޝަރާއެކު، މިހާރު ގުޅީފަޅުގެ ޕްލޭނަށް ބަދަލު ގެނެސް، ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް ހުޅުމާލެ-ފޭސް 3 ގެ ބިން ހިއްކުން އަދިވެސް އޮތީ ހުއްޓިފައެވެ.
މި ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، 12 އޯގަސްޓް 2024 ގައި އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ.އަލީ ހައިދަރު ވިދާޅުވެފައިވަނީ ހުޅުމާލެ- ފޭސް3 ގެ ފަޅުން ގޯތި ލިބުނު 699 މީހުންނަށް ގޯތި ނޮވެންބަރު މަހު ދޫކުރާނެ ކަމަށެވެ. އޭގެފަހުން، 29 މެއި 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުގެ ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބަށް ވެސް ހުޅުމާލެ-ފޭސް3 އަކުން ގޯތިތައް ދޫކުރެވޭނެ ދުވަހެއް ވިދާޅެއް ނުވެވުނެއެވެ. އަދި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް ހުޅުމާލޭގެ ފޭސް-3ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ވިދާޅެއް ނުވެވުނެއެވެ.
ފޭސް-3 ގައި އޭރު މިދަންނަވާ ގޮތަށް އޭރުގައި ބިން ހިއްކަން ފަށާފައި އޮތީ. އެފަރާތްތަކަށް ބިންތަކެއް ލިބޭ ގޮތަށް އެ ބިންތައް ވިއްކާ އެފަރާތަށް ލާރި ހޯދާ ޕްރޮޖެކްޓް ކުރިއަށް ގެންދާ ކަހަލަ މެކޭނިޒަމެއް އޮތީ. ދެން އޮއްވާ އެފަރާތަށް ވެސް އެއްވެސް ބިމެއް ނުވިއްކި ލަސްވެގެން ދިއުމާއެކު ކޮންޓްރެކްޓް ކުރިއަށް ނުދެވި ކުރިއަށް ނުދާތީވޭ އެހެން މެކޭނިޒަމަކަށް ގޮސްފައި އެޗްޑީސީން ޕޭ ކޮށްގެން ކުރިއަށް ގެންދާ ގޮތަށް މަޝްވަރާ ކުރަމުން މިދަނީ. އެގޮތުން އެފަރާތަށް ދީފައިވާ ބިންތައް ސަރުކާރުން ނަގާފައި ލޭންޑް ޔޫސް ޕްލޭނަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެނެސްގެން ބިން ހިއްކުމުގެ މަސައްކަތް ފެށޭތޯ އެޗްޑީސީން މަސައްކަތް ކުރަމުންދަނީ. ދެން އަޅުގަނޑުމެންގެ އުންމީދަކީ ވީހާ ވެސް އަވަހަށް. މިހާރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިއަށް ވުރެ ބޮޑު ބައެއް ހިއްކިފައި ކަންނެންގެ އޮތީ. އެހެންވީމަ އަނެއްބައި ހިއްކުނުހާ އަވަހަށް އެ ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު![]()
ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއްލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ނަމަވެސް މިސަރުކާރާއެކު ހުޅުމާލެ-ފޭސް 3 އަކުން ބިން ލިބުނު ބިންވެރިން މިއަދު ތިބީ މާޔޫސްވެފައެވެ. އެއްވެސް އުންމީދެއް ނެތިއެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. 20 އޮކްޓޫބަރު 2023 ގެ ނިޔަލަށް ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފެށިއެވެ. އަދި ސައިޓް އޭގައި ހިއްކައިފައިވަނީ 10 ހެކްޓަރެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތީ، ހުޅުމާލެ-ފޭސް3 އަކުން ބިން ލިބުނު ބައެއް މީހުން ބުނެފައިވަނީ އުންމީދާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދެވުމުން މިއަދު އެކަމާ ދެރަވާ ކަމަށެވެ. އުމުރު ދުވަހު ދެކުނު އެންމެ ބޮޑު ހުވަފެނުގައި އެމަނިކުފާނު ހިޔަނި އަޅައި، ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށް އެމީހުން ބުނެއެވެ.
މި ސަރުކާރުގައި ހައްގު ލިބެނީ މަގުމައްޗަށް ނުކުމެގެން ކަމަށާއި، ހުޅުމާލޭ-ފޭސް 3 ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނީ މުޒާހަރާއަށް ނުކުމެގެން ކަމަށް ގަބޫލުކުރެވޭ ކަމަށް އެމީހުން ބުނެފައިވެއެވެ.
ކަންމިހެން އޮތް ނަމަވެސް 26 މެއި 2025 ގައި ސަރުކާރުން ވަނީ ބޮޑު ރަސްމިއްޔާތެއް ބާއްވައި، ހުޅުމާލޭގެ އައު މާސްޓަރޕްލޭނެއް އިފްތިތާހް ކޮށްފައެވެ. ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވަނީ، ގްރޭޓަރ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ.
ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ހަގީގަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، މި މޭރުމުން ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މިމޭރުން ވާހަކަފުޅު ދެއްކެވި ނަމަވެސް އަދި ކިތަންމެ މޮޅު ޕްލޭންތައް އެކި ދުވަސްތައްމަތިން އިފްތިތާހް ކޮށްދެއްވި ނަމަވެސް ރައްޔިތުން މިއަދު ތިބީ ނިކަމެތިވެފައެވެ. އެ ރައްޔިތުން އިންތިޒާރު ކުރަމުންދަނީ ހުޅުމާލޭގެ ތަރައްގީގެ ޕްލޭންއަކަށް ނޫނެއެވެ. އެރައްޔިތުންނަށް ލިބިފައިވާ ބިންތައް ލިބޭނެ ދުވަހަކަށެވެ. އެބިންތަކުގައި ގެދޮރު އިމާރާތްކޮށް، ހިތްދެމިލައިގެން ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ ދުވަހަކަށެވެ.