ކ. މާލެ
|
16 ޖޫން 2025 | ހޯމަ 13:03
ރައީސް މުއިއްޒު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ބޮޑެތި ތަހުގީގުތަކުގެ އެއްވެސް އަޕްޑޭޓެއް ނެތް
ރައީސް މުއިއްޒު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ބޮޑެތި ތަހުގީގުތަކުގެ އެއްވެސް އަޕްޑޭޓެއް ނެތް
ރާއްޖެއެމްވީ
މިސަރުކާރުގެ ބޮޑެތި ތަހުގީގުތައް
ރައީސް މުއިއްޒުގެ އޯޑަރަށް ފުލުހުން ހިންގާ ތަހުގީގުތަކަށް ރައްޔިތުން ކުރަނީ މަލާމަތް
މި ސަރުކާރުގައި އެންމެ ހައިރާންވާ ގޮތަށް ކުރަމުންދާ އެއް ކަމަކީ ފުލުހުން މެދުވެރިކޮށް ހިންގާ ބޮޑެތި ތަހުގީގުތަކެވެ. އެ ތަހުގީގުތަކަށް އާއްމު ރައްޔިތުން މިހާރު ކުރަމުންދަނީ މާލާމަތެވެ. އެއީ ސީރިއަސް ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އަދި ފުލުހުންގެ މަސައްކަތަށް ސުވާލު އުފައްދާ ރައްޔިތުން ވެސް މަދެއް ނޫނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވަރަށް ތަފާތު ސަރުކާރެއް ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. މަސައްކަތް ކުރުމާއި، ތަރައްގީ ގެނައުމާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމާއި، ހަރަދު ކުޑަ ކުރުމުގެ އިތުރުން ބޮޑެތި ތަހުގީގުތައް ހިންގުމުގައި ވަރަށް ތަފާތެވެ. އެއްވެސް ކަމެއްގައި ރަނގަޅު ނަތީޖާއެއް ނުފެނުމަކީ ވެސް ތަފާތުކަމެއްތާއެވެ. އަދި ސަރުކާރަށް ދޮޅު އަހަރުވެގެންދާއިރު، އެއްވެސް ކަމެއް ނުވުމަކީ ވެސް ތަފާތުކަމެއް ނުންތޯއެވެ.

މި ސަރުކާރުގައި އެންމެ ހައިރާންވާ ގޮތަށް ކުރަމުންދާ އެއް ކަމަކީ ފުލުހުން މެދުވެރިކޮށް ހިންގާ ބޮޑެތި ތަހުގީގުތަކެވެ. އެ ތަހުގީގުތަކަށް އާއްމު ރައްޔިތުން މިހާރު ކުރަމުންދަނީ މާލާމަތެވެ. އެއީ ސީރިއަސް ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އަދި ފުލުހުންގެ މަސައްކަތަށް ސުވާލު އުފައްދާ ރައްޔިތުން ވެސް މަދެއް ނޫނެއެވެ.

އެގޮތުން މިފަހުން މިގައުމުގައި ހިންގި އެންމެ ބޮޑު ތަހުގީގަކީ ބޭންކް އޮފް މޯލްޑިވްސްއިން ހިންގަން އުޅުނު ބަގާވާތުގެ މައްސަލައެވެ. ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް މުއިއްޒު ނިންމަވައި، އެކަމުގެ ތަހުގީގު ފުލުހުން ފެށިއެވެ. ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން 25 އޮގަސްޓު 2024 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ 26 އޮގަސްޓް 2024 ގައެވެ. އަދި އެކަން އިއުލާނު ކުރުން އިއްތިފާގުވީ، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ދިޔަ ވަގުތާ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި މި މައްސަލާގެ އެއްވެސް ހެއްކެތް ނުލިބުމުން މިހާރު ވަނީ މައްސަލަ ނުބަލަން ނިންމާފައެވެ.

އެހެންކަމުން މިކަމުން ވެސް ސަރުކާރުގެ މަގުސަދު ވަރަށް ސާފުކޮށް މިވަނީ ފެނިގެން ގޮސްފައެވެ. ސަރުކާރުން ބޭނުންވީ ބީއެމްއެލް ބޯޑަށް ނުފޫޒު ފޯރުވައި، ބީއެމްއެލް ވެސް ސިޔާސީ ކުރަން ކަމާމެދު މިއަދު އެއްވެސް ރައްޔިތެއް ޝައްކަތް ނުކުރާނެއެވެ.

މީގެ އިތުރުން 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ފެންމަތިވެގެން ދިޔަ އެޗްޑީސީގެ ގޯތީގެ ވައްކަމުގެ މައްސަލަ ވެސް ފުލުހުން ތަހުގީގު ފެށިއެވެ. އެ މައްސަލަ ފެންމަތިވުމާއެކު، އެޗްޑީސީގެ މައި އޮފީހަށް ފުލުހުން ވަދެފައިވެސް ވެއެވެ. އަދި ތަހުގީގު ކުރިއަށް ދާ ވަރަކަށް މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް މިތަހުގީގު ވެސް އެއްވެސް އެޕްޑޭޓެއް ނެތެވެ. ތަހުގީގު އޮތީ ވާނުވާގައެވެ.

މި މައްސަލައާ ގުޅިގެން ވެސް އޭރު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކޮރަޕްޝަނަށް ކުޑަވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ނަމަވެސް މި ވައްކަމުގެ އެންމެ ބޮޑު ތުހުމަތެއް އަމާޒުވި އެ ކޯޕްރޭޝަންގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ފެނިގެންދިޔައީ ޕީއެންސީގެ ކުރީ ސަފުންނެވެ.

އޭގެފަހުން މިއަހަރު މުޅި މާލެ ބްލެކްއައުޓަށް ދިޔަ މައްސަލާގައި ވެސް ސަރުކާރުން ވަނީ ތަފާތު ދައްކާފައެވެ. 1 ޖޫން 2025 ވަނަ ދުވަހު މާލެ، ހުޅުލެ، އަދި ހުޅުމާލެއިން ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑުނު ހާދިސާ ވެސް ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އެންގެވިއެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓަކާއެކު، އެކަން ތަހުގީގު ކުރާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި، ހާސްކަން އަދި ގިނަ ސުވާލުތަކެއް އުފެއްދުމަށްފަހު، މިއަދާ ހަމައަށް މިތަހުގީގު އެއްވެސް އަޕްޑޭޓެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ތަކުރާރުކޮށް ރާއްޖެއެމްވީން މި ސުވާލުކުރި ނަމަވެސް ފުލުހުން ޖަވާބެއް ދީފައިނުވެއެވެ.

ކަރަންޓު ކެނޑުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިތުރުން ސިފައިން ވެސް އެ ދުވަހު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތުގައި ހަރަކާތްތެެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި އެ ދުވަހު ހަރަކާތްތެެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ކަރަންޓު ކެނޑުނު މައްސަލަ ޖިނާއީ ބޮޑު މައްސަލައެއް ގޮތުގައި ބަލަން ރައީސް މުއިއްޒު އަންގަވާފައިވާއިރު، ކަރަންޓު ކެނޑެން މެދުވެރިވި އަސްލު ސަބަބު މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައިނުވެއެވެ.

މިއާއެކު، މި ތަހުގީގު ވެސް ވެގެންދަނީ އެޗްޑީސީ ގޯތީގެ ވައްކަމާއި ގުޅިގެން ފުލުހުން ފެށި ތަހުގީގާއި، ބީއެމްއެލްގެ ވާނުވާ ނޭނގުނު މާލީ ބަގާވާތަށްވީ ގޮތަށް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ފުލުހުންގެ އިތުރުން ސަރުކާރަށް ވެސް ޖޯކު ޖަހަމުންނެވެ. ގައުމުގައި ހައްސާސް ގިނަ މައްސަލަތަކެއް ހުރިއިރު، ފުލުހުންގެ މުއައްސަސާ ވެސް ސިޔާސީ ކޮށް ރައީސް މުއިއްޒުގެ އޯޑަރަށް މަސައްކަތް ކުރާ މުއައްސަސާއަކަށް ބަދަލުކޮށްފައިވާ ކަމަށް ގިނަ ބިޔަކު ތުހުމަތު ކުރެއެވެ.

- ކޮމެންޓް