ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:15
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ
އޭޕީ
ލަންކާގެ އިޤްތިސާދީ ހާލަތު
މިއީ ގޮތަބަޔާ އެނބުރި އަންނަން އެންމެ ރަނގަޅު ވަގުތެއް ނޫން: ރަނިލް
ރަނިލް ވަނީ އިޤްތިސާދީ ހާލަތުން އަރައިގަންނަން އަދިވެސް ދުވަސް ނަގާނެ ކަމަށް ވިދާޅުވެފައި
ޤައުމުގެ ކަންކަމުގައި ގޮތަބަޔާއާ މަޝްވަރާ ކުރައްވާކަމަށް ވިދާޅުވި

މިއީ ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަަންނަވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެ ޤައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހެ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ މި ވަގުތު ގޮތަބަޔާ އެނބުރި ވަޑައިގެންފިނަމަ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، މިއީ އެމަނިކުފާނު އެނބުރި ލަންކާއަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި އަވަސް މުސްތަޤުބަލެއްގައި އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.

ލަންކާގެ އިޤްތިސާދީ ހާލަތު ދަށްވުމާ ގުޅިގެން އެކަމުގެ ޒިންމާ ގޮތަބަޔާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ އެ ޤައުމުގެ ރައްޔިތުން މުޒާހަރާ ކުރުމުން ޤައުމުން ފިއްލަވައި، ސިންގަޕޫރަށް ވަޑައިގެން އެމަނިކުފާނު އިސްތިއުފާ ދެއްވީ ޖުލައި 13ގައެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވުމުން އެ މަޤާމަށް އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ރަނިލް އައްޔަންކުރެއްވިއެވެ.

ރަނިލް ގެންދަވަނީ ލަންކާގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އައު ފެށުމެއް ބޭނުންވާ ކަމަށް ވިދާޅުވެ، ހުރިހާ ޕާޓީތައް ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް މަޝްވަރާ ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އެމަނިކުފާނު މިހާރު ވަނީ ދައުވަތު ވެސް ފޮނުއްވާފައެވެ.

ވޯލް ސްޓްރީޓް ޖާނަލް ނޫހުން ބުނީ ސަރުކާރުގެ ހިންގުން ބަދަލު ކުރުމާއި އިދާރީ އެހެން ކަންކަމުގައި ރަނިލް އާއި ގޮތަބަޔާ މުވާސަަލާތު ކުރައްވާ ކަމަށެވެ.

ސްރީލަންކާ ރަައްޔިތުންގެ އިޤްތިސާދީ ހާލަތު ރަނގަޅުވުމަށް އަދިވެސް ގިނަ މަސްތަކެއް ހޭދަވާނެ ކަމަށް ރަނިލް ވަނީ ވޯލް ސްޓްރީޓް ޖަރނަލްއަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް