އަހަަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު 18.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ޖުލައި 14 ގެ ނިޔަލަށް މިއަހަރު ރާއްޖޭގެ މާލީ ހާލަތު ހާމަކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ.
ރިކަރަންޓް ޚަރަދުގެ ގޮތުގައި 13.9 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، މުސާރައާއި އިނާޔަތްތަކަށް 5.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށެވެ. އަދި 2.2 ބިލިއަން ރުފިޔާ އިނާޔަތްތަކަށް ވަނީ ޚަރަދުކޮށްފައެވެ.
އެޑްމިނިސްޓޓްރޭޓިވް އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މީގެ ތެރެއިން 4.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ގްރާންޓްސް އަދި ސަބްސިޑީ ދިނުމަށެވެ.ެ މިގޮތުން އާސަންދައަށް 907.8 މިލިއަން ރުފިޔާ ހިނގާފައިވާއިރު، ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ. އަދި ކައުންސިލް ގްރާންޓްސްގެ ގޮތުގައި 845.8 މިލިއަން ރުފިޔާ ހިނގާފައިވާއިރު، އެހެނިހެން ގްރާންޓްސް އަދި ކޮންޓްރިބިއުޝަންގެ ގޮތުގައި 638.6 މިލިއަން ރުފިޔާ ހިނގާފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 3 ބިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިގޮތުން ދަތުރުފަތުރުގެ މަސައްކަތްތަކަށް 820.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފެނާއި ނަރުދަމާގެ މަަސައްކަތްތަކަށް 527.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ބިން ހިއްކުމާއި، މަގުތައް ތަރައްގީކުރުމަށް 456.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް 362.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ ވަނީ 13.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކްސްއިން ކަމަށެވެ. ޓެކްސްއިން 10.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 3.5 ބިލިއަން ރުފިޔާގެ އަމްދަނީއެއް ދައުލަތަށް ލިބިފައިވެއެވެ.