ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 18:20
އެޗްޑީސީ އިން ކުރިއަށް ގެންދިޔަ ތިލަފުށީ ދެވަނަ ފޭސް ގެ ބިން ހިއްކުން - މާރޗް 2023
އެޗްޑީސީ އިން ކުރިއަށް ގެންދިޔަ ތިލަފުށީ ދެވަނަ ފޭސް ގެ ބިން ހިއްކުން - މާރޗް 2023
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ފިނޭންސް މިނިސްޓްރީ
ބަޖެޓް އަރަނިވި ކަމަށް ބުނެ އޮޅުވާލަނީ، އިދާރީ ކަންކަމަށް ބޮޑު ޚަރަދު ކޮށް، ތަރައްގީ އަށް ޚަރަދު ކުރުން އޮތީ ހިފަހައްޓާފައި!
ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިންތިހާ އަށް ދަށްވެފައި ވާއިރު، މުސާރަ އާއި އުޖޫރަ އަށް ކުރާ ޚަރަދު މައްޗަށް ގޮސްފައިވާކަން ހިސާބުތަކުން ފެނެއެވެ.

އަހަރުގެ މިހާ ހިސާބަށް އައި އިރު، ބަޖެޓް އަރަނިވެފައިވާ ކަމަށް ބުނެ އޮޅުވާލަމުން ދާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ސާފުވާ ވެއްޖެއެވެ.

މި އަހަރަށް ފާސް ކޮށްފައިވާ ދައުލަތުގެ ބަޖެޓުން ޖުލައި 17 ވަނަ ދުވަހާއި ހަމަ އަށް ކޮށްފައިވާ ޚަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު %17.9 ދަށްވެ, އާމްދަނީ އިތުރުވެ، ޖުމްލަ ބަޖެޓު 1 ބިލިޔަން ރުފިޔާ އިން އަރަނި ވެފައިވާ ކަމަށް ބުނާ ވާހަކަ ތަކަކީ ހަގީގަތާ ޚިލާފު ވާހަކަ ތަކެއް ކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ސާފުވެއެވެ.

ފިނޭންސް މިނިސްޓްރީ އިން ވެބްސައިޓް ގައި ޝާއިއު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޖުލައި 17 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައި ވަނީ 23.7 ބިލިޔަން ރުފިޔާ އެވެ.

އެހެން ކަމުން މިއީ 4.2 ބިލިއަން ރުފިޔާގެ ދަށްވުމެއް ކަމަށް ބުނާ އިރު، މިއަހަރު ހިންގާނެ ކަމަށް ބުނި ތަރައްގީގެ މަޝްރޫއުތަކަށް ފާސް ކޮށްފައިވާ ބަޖެޓުން އެ މަޝްރޫއުތަކަށް ހޭދަ ކުރުން އިންތިހާ އަށް ދަށަށް ގޮސްފައިވާ ކަން ހިސާބުތަކުން ވަނީ ފާހަގަ ކުރެވިފައެވެ.

ތަރައްގީ އަށް ކުރާ ޚަރަދު ދަށަށް ދިޔަ އިރު މުސާރަ އާއި އުޖޫރަ އާއި ޕެންޝަނަށް ކުރާ ޚަރަދުތައް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ހުސްވި އަހަރުގެ ޖުލައި މަހާ ހަމައަށް 6.7 ބިލިއަން ޚަރަދު ވެފައިވާއިރު މި އަހަރުގެ ޖުލައި 17 އާ ހަމަ އަށް 7.2 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދިނުމަށް އުފައްދާފައިވާ އިންޝުއަރެންސް - އާސަންދަ އަށް ކުރި ޚަރަދު ތައް ހުރީ ގާތްގަނޑަކަށް 1 ބިލިއަން ގައި ހިފެހެއްޓިފައެވެ. ނަމަވެސް، ސިއްހީ ކަންކަމަށް ދޭ ވެލްފެއަރ އެހީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން ހުސްވި އަހަރު މި މުއްދަތުގައި 232.1 މިލިއަން ހޭދަ ކޮށްފައިވާ އިރު މި އަހަރު މިހާތަނަށް ހޭދަ ކޮށްފައި ވަނީ 178.1 މިލިއަނެވެ. އެއީ 54 މިލިއަން ގެ ދަށް ވުމެކެވެ.

އަހަރުގެ މި މުއްދަތުގައި ވެސް އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައި ވަނީ ހިންގުމުގެ ޚަރަދުތަކަށެވެ. ޖުމްލަ ރިކަރަންޓު ޚަރަދު ހުސްވި އަހަރާ އަޅާ ބަލާއިރު ކުޑަތަންކޮޅެއް ދަށަށް ދިޔަ ނަމަވެސް ގާތްތަނޑަކަށް 17 ބިލިއަން ގައި ވަނީ ހިފެހެއްޓިފައެވެ. އެހެން ނަމަވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން އެންމެ ބޮޑު ތަފާތެއް ދައްކާ ކަމަށް ފެންނަނީ، ކެޕިޓަލް އެކްސްޕެންޑިޗަރ އިންނެވެ. އެއީ ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދުތައް ކުރާ ބައެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ގޮތުގައި ކެޕިޓަލް ޚަރަދުތަކުގެ ގޮތުގައި ހުސްވި އަހަރު ހޭދަ ކުރި ވަރަށް ވުރެ މިއަހަރު މިހާތަނަށް ހޭދަ ކޮށްފައިވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދުންނެވެ.

އެ ގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުތައް ވަނީ %61.4 ށް ދަށަށް ގޮސްފައެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި 2.3 ބިލިއަން ޚަރަދު ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 5.9 ބިލިޔަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

ވަކި ވަކި ބައިތަކަށް ބަލާއިރު، ބިން ހިއްކުމާއި، އިމާރާތް ކުރުމަށާއި، މަގުތަކާއި، އެއަރޕޯޓާއި ބްރިޖް އާއި ބަނދަރުތަކާއި، ހައުސިންގ އާއި މިސްކިތްތަކާއި ސްކޫލްތައް އެޅުމާއި، ކުޅިވަރު ފެސިލިޓީ ތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ތަކަށް ކުރި ޚަރަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ.

އެ ގޮތުން ހައުސިންގ އަށް ހުސްވި އަހަރު 420 މިލިއަން ޚަރަދު ކުރި އިރު، މިއަހަރުގެ މިހާތަނަށް ޚަރަދު ކޮށްފައިވަނީ 109 މިލިއަން އެވެ. މަގު ހެދުމަށް މިދިޔަ އަހަރު މި މުއްދަތައް 349 މިލިއަން ހޭދަ ކުރި އިރު މިއަހަރުގެ މިހާތަނަށް ޚަރަދު ކުރީ އެންމެ 71 މިލިއަން އެވެ. ބިން ހިއްކަން 1.6 ބިލިއަން ހޭދަ ކުރި އިރު، މިއަހަރު މިހާތަނަށް ހޭދަ ކޮށްފައިވަނީ އެންމެ 278 މިލިއަން އެވެ. ދަނޑުވެރިކަމާއި މަސްވެރިކަމަށް 40.7 މިލިއަން ހޭދަ ކުރި އިރު މިއަހަރު ހޭދަ ކޮށްފައިވަނީ 16.5 މިލިއަން އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ އެންމެ ބޮޑު މެންޑޭޓް އޮންނަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް 2025 ވަނަ އަހަރަށް 8 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، މިއަހަރުގެ ބޮޑު ބައި ނިމިގެން ދިޔައިރު ޚަރަދު ކޮށްފައިވަނީ އެންމެ 1.4 ބިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ.

އަމިއްލަ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވާއިރު، ރާއްޖޭގެ ތަރައްގީ އަށް ކުރާ ޚަރަދުތައް ވެސް ވަނީ ފާހަގަ ކުރެވޭ މިންވަރަށް ހިފަހައްޓާފައެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޖުލައި 17 ގެ ނިޔަލަށް ދައުލަތައް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ %7.9 އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 19 ބިލިޔަން ރުފިޔާ އެވެ.

- ކޮމެންޓް