އެފްރިކާ ސަރަހައްދުން ބޭރުން މަންކީޕޮކްސް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
މިމީހާ މަރުވެފައިވަނީ ބްރެޒިލްގައެވެ. ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއްކަމަށެވެ. ބްރެޒިލް އިން މިބަލީގައި މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު ސްޕެއިން އިންވެސް ވަނީ މީހަކު މަރުވެގެން ރިޕޯޓްކޮށްފައެވެ.
ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެމީހާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށްކަމަށެވެ. ސްޕެއިން އިން މިބަލީގައި މަރުވި މީހާގެ މައުލޫމާތެއް އާންމުކޮށްފައެއްނުވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ން ބުނެފައިވަނީ މިހާތަނަށް ފަސް މީހުން ބަލި ޖެހިގެން މަރުވެފައިވާކަމަށެވެ. އެއެންމެންނަކީވެސް އެފްރިކާ ސަރަހައްދުން މަރުވި މީހުންނެވެ.
ބްރެޒިލް އިތުރުން އެމެރިކާ އަދި ކެނެޑާ އަކީ މަންކީ ޕޮކްސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކެވެ. ދެކުނު އެމެރިކާގެ ގައުމުތަކުން މިހާތަނަށް 5000ށް ވުރެ ގިނަ މަންކީޕޮކްސް ގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
