ސްރީލަންކާގައި ސައިފަތުގެ އަގު 100 އިންސައްތައަށް އުފުލިއްޖެއެވެ.
ބޭރުގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި ލަންކާގައި ސައިފަތުގެ އަގު 100 އިންސައްތައަށް އުފުލިފައިވާކަން އެގައުމުގެ ޓީ ސްމޯލް ހޯލްޑިންގްސް ޑިވެލޮޕްމެންޓް އޮތޯރިޓީ (ޓީއެސްއެޗްޑީއޭ)އިން ވަނީ ބުނެފައެވެ.
ޓީއެސްއެޗްޑީއޭގެ ޗެއަރމަން ތުޝާރާ ޕްރިޔާދަރްޝަނާ ވިދާޅުވެފައިވަނީ މީގެ މަސްތަކެއް ކުރިން ސައިފަތް ކިލޯއެއް ހުރީ 100 ރުޕީސްއާއި، 130 ރުޕީސްއާ ދެމެދުގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ސައިފަތް ކިލޯއެއްގެ އަގު 260 ރުޕީސްއަށްވުރެ މައްޗަށް އަރައިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ތުޝާރާ ވިދާޅުވީ ސައިފަތުގެ އަގު އުފުލުމާއެކު ސައިފަތް ހައްދާ ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ލިބެމުންދާކަމަށެވެ. ސައިފަތް ދަނޑުތަކުގެ ކޮލިޓީ ރަނގަޅުކުރަން ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށްވެސް ތުޝާރާ ވިދާޅުވިއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
