ކ. މާލެ
|
23 ޖުލައި 2022 | ހޮނިހިރު 12:15
ހައްޖުވެރިން އެއަރޕޯޓުގައި
ހައްޖުވެރިން އެއަރޕޯޓުގައި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހައްޖު 1443
ހައްޖަށް ދިޔަ މީހުންގެ ދެވަނަ ގްރޫޕް ރާއްޖެއަތުވެއްޖެ
މިހާތަނަށް 175 ހައްޖުވެރިން އައިސްފައިވޭ
3 ވަނަ ގްރޫޕް އަންނާނީ ޖުލައި 27ގައި

1443ވަނަ އަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއަތުވެއްޖެއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މީގެތެރެއިން މިދިޔަ ހަފުތާގައި ފުރަތަމަ ގްރޫޕް އައިސްފައިވާއިރު، އެ ގްރޫޕުގައި 157 ހައްޖުވެރިން ހިމެނެއެވެ.

ހައްޖުވެރިންގެ ދެވަނަ ގްރޫޕް ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވާއިރު، މި ފްލައިޓުގައި 175 ހައްޖުވެރިން އައިސްފައިވެއެވެ. މިއަހަރު ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް އަންނާނީ މި ހިނގާ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖެ އައި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕެކޭ އެއްގޮތަށް ދެވަނަ ގްރޫޕުގެ ހައްޖުވެރިންނާއި އާއިލާގެ މީހުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހައްޖުވެރިންނަށް ޚާއްސަ ސަރަހައްދެއް ވަނީ ހަމަޖައްސާފައެވެ.

ހައްޖާޖީން ބަލައި އެއަރޕޯޓަށް ދާ މީހުންނަށް ޚާއްސަކޮށްފައިވާ ވެހިކަލްތަކުގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން ބާއްވާނެއެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމުން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެމީހަކު އަމިއްލައަށެވެ.

މާލެއިން ހުޅުމާލެއަށް ދާ މީހުންނަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1ން، އަދި ހުޅުމާލެ ފޭސް 2ން އެއަރޕޯޓަށް ދިއުމަށް ވެހިކަލްތައް ހަމަޖައްސާފައިވެއެވެ. މި ހަތަރު ސަރަހައްދުންވެސް ހެނދުނު 10:00ން ފެށިގެން ބަސް ދަތުރުތައް ބާއްވާފައިވެއެވެ. އަދި ފުލުހުން މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓާފައިވެއެވެ.

ހައްޖުވެރިން ޓެކްސީތަކާ ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި ބާއްވާފައިވެއެވެ.

ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިންވެސް ވަނީ ހައްޖުގެ މަތިވެރިއަޅުކަން އަދާކޮށް ނިމި ފުރުމަށް ތައްޔާރުވެފައެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަނުން މައުލޫމާތުދެއެވެ.

- ކޮމެންޓް