ސްރީލަންކާގެ ވަގުތީ ރައީސް އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވައިފިއެވެ.
ސްރީލަންކާގެ ވަގުތީ ރައީސްކަމާ ހަވާލުވެވަޑައިގެން ހުންނެވި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ލަންކާގައި ކުއްލި ހާލަތު އިއުލާނުކުރައްވާފައިވާކަން އެގައުމުގެ ސަރުކާރުން ނެރުނު އިއުލާނެއްގައި ވަނީ ހާމަކޮށްފައެވެ. މި ފިޔަވަޅަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމާއި އާންމު މަސްލަހަތު ރައްކާތެރިކޮށް ކަށަވަރުކުރަން އަޅާފައިވާ ފިޔަވަޅެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ގައުމުން ފިއްލަވައި ސިންގަޕޫރަށް ވަޑައިގެން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ އެގައުމުގެ ވަގުތީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.
ލަންކާގެ އައު ރައީސް ކަނޑައެޅުމުގެ މަސައްކަތް ހޮނިހިރު ދުވަހު މަޖިލީހުން ވަނީ ފަށާފައެވެ. ބުދަ ދުވަހު އައު ރައީސްއަކު ހޮވުމަށް ވޯޓު ނަގަން ނިންމާފައިވާއިރު، އެގައުމުގެ ސަރުކާރު ހިންގާ ޕާޓީ އެސްއެލްޕީޕީން ވަނީ ބޮޑުވަޒީރު ރަނިލްއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
