ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރު ދޫކުރައްވާ ވަޑައިގަތުމަށް އެގައުމުން އަންގައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ސިންގަޕޫރު ސަރުކާރުން ވަނީ 15 ދުވަހަށްވުރެ ގިނަ ދުވަހު ގޮތަބަޔާއަށް އެގައުމުގައި ނުހުންނެވޭނެ ކަމަށް އަންގާފައެވެ. އަދި އެގައުމުން ވަޑައިގަތުމަށް ގޮތަބަޔާއަށް ވަނީ އަންގާފައެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެން ގޮތަބަޔާ ވަނީ އެގައުމުން ފިއްލަވައި ރާއްޖެ ވަޑައިގެންފައެވެ. ރާއްޖޭގައި އެއް ދުވަހު މަޑުކުރެއްވުމަށްފަހު ގޮތަބަޔާ ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. އެހެންނަމަވެސް ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ އެގައުުމުން ހިމާޔަތް ހޯއްދަވައިގެންނެއް ނޫނެވެ.
ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު ގޮތަބަޔާ ވަނީ ލަންކާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިވަގުތު އެގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައެވެ.
ލަންކާގެ ހާލަތު ހަމައަކަށް އެޅުވުމަށް އެގައުމުގެ ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އާދިއްތަ ދުވަހު ރަނިލް ވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވާފައެވެ. މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކާ އަޅާފައިވާ ފިޔަވަޅެއް ކަމަށް ރަނިލް ވިދާޅުވިއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
